ފ. އަތޮޅާއި ދ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް މާދަމާ ފަށަން ހަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ ފ. އަދި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.
މާދަމާއިން ފެށިގެން ހަފްތާއެއް ވަންދެން ހިލޭ ދަތުރު ކުރެވޭނެ ކަމަށާއި މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ކުރާނީ ޓިކެޓް ނަގައިގެން ކަމަށް އެމްޓީސިސީން ބުންޏެވެ. ޓިކެޓް ނަގަން ޖެހޭނީ އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.
އެ ދެ އަތޮޅާ އެކު އާރްޓީއެލް ހިދުމަތް ދޭ އަތޮޅުގެ އަދަދު 14 އަށް އަރާނެ އެވެ.
އާރްޓީއެލްގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ހަ ޒޯނެއް ކަނޑައަޅައިގެންނެވެ.
އެ މަޝްރޫއަށް 800 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. ފެރީގެ ހިދުމަތުގެ އެ މަޝްރޫއު ފެށީ 2022 ވަނަ އަހަރު އެވެ.
އެ މަޝްރޫގެ މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، ކުޑަ އަގެއްގައި ކަނޑު ދަތުރުފަތުރު ކުރެވޭނޭގޮތް މަގުފަހިކުރުމާއި އިގްތިސާދީ އަދި އިޖުތިމާއީ ގޮތުންވެސް ފައިދާހުރި ނިޒާމެއް ގާއިމްކުރުން ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.