ނަސަންދުރަ ކައިރި ޖެޓީ ސަރަހައްދަށް ފެރީތައް ކައިރި ކުރުމަށާއި ފަސިންޖަރުން އަރުވާ ބޭލުމަށް ވަގުތީ ހުއްދައެއް އެމްޓީސީސީން ދީފި އެވެ.
ބޮޑުތަކުރުފާނު މަގު ނަސަންދުރަ ސަރަހައްދުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް މަގު ބަންދުކޮށް، އެ މަގު ހެދުމުގެ މަސައްކަތް ކުރާތީ އެ ސަރަހައްދުގެ ފަޅު ބޭނުން ކުރުން އޮތީ މަނާކޮށްފަ އެވެ.
ނަމަވެސް އެމްޓީސީސީން އިއްޔެ ނެރުނު އިއުލާނެއްގައިވަނީ ނަސަންދުރަ ކުރިމަތިިން ޖެޓީ ސަރަހައްދަށް މީހުން އަރުވައި ބޭލުމަށް ފެރީތައް ކައިރި ކުރެވޭނެ ގޮތަށް ވަގުތީ ހުއްދައެއް މިހާރު ދީފައިވާ ކަމަށެވެ.
ނަމަވެސް އެ ސަރަހައްދުގެ މަގުމަތީގައި އެއްވެސް އެއްގަމު އުޅަނދަކަަށް ހަރަކާތްތެރިވެ، ނޫޅެވޭނެ ކަމަށާއި އަދި އެ ސަރަހައްދު އާންމުކޮށް ބަންދުވާނެ ކަމަށް ވެސް އެމްޓީސީސީގެ އިއުލާނުގައިވެ އެވެ.
އެ ސަރަހައްދު ބޭނުން ކުރާއިރު އެ ކުންފުނީީގެ މުވައްޒަފުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި އަދި އިތުރު މައުލޫމާތު ސާފުކުރުމަށް 1650 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.
ބޮޑުތަކުރުފާނު މަގުގައި ކުރަމުންދާ މަރާމާތުގެ މަސައްކަތްތަކަކާ ގުޅިގެން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވެސް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.
ބޮޑުތަކުރުފާނުމަގާއި ޗާންދަނީމަގު ގުޅުނު ހިސާބުން ފެށިގެން، ޗާންދަނީމަގު އޯކިޑްމަގާއި އަމީރު އަހުމަދު މަގު ގުޅުނު ކަންމައްޗާ ހަމައަށް މިހާރު ދެކޮޅަށް ދުއްވޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.