މާލޭގެ ބޮޑުތަކުރުފާނު މަގުގައި ޒަމާނީ ފެންވަރަށް ފަހުން ހެދި ބައި އާންމުންނަށް ހުޅުވާލައި، މާލޭގެ މަލަމަތި ބަދަލުކޮށްލައިފި އެވެ. 

މި ފަހުން މި މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ފަށައިގެން ރަސްމީ ފާލަމާ ހަމައަށް ފަޅުތެރެއިން ބައެއް ހިއްކައި، މަގު ހަތަރު ލޭނަށް ފުޅާކޮށް ތާރު އަޅައި ވަނީ ނިންމައިފަ އެވެ. 

އެންމެ ޒަމާނީ ފެންވަރަށް އަދި ވަރަށް ޗާލުކޮށް ހަދާފައިވާ އެ މަގުގެ ހެންވޭރު ޓާމިނަލުން ފެށިގެން އެމްއެމްއެމްއޭއާ ހަމައަށް ހެދި ބައި މިއަދު ހަވީރުން ފެށިގެން ވަނީ އާންމުކޮށް ހުޅުވާލައިފަ އެވެ. 

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެމްއެމްއެމްއޭއާ ހަމައަށް ހެދި ބައި ހުޅުވާލިއިރު، ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެ މަގުގައި މިހާތަނަށް 3،100 އަށް ވުރެ ގިނަ ގަސް އިންދާފައިވާ ކަމަށް ވެސް މަގު ހެދި އެމްޓީސީސީން ރޭ ބުންޏެވެ. 

ބައެއް މިނިސްޓްރީތަކާއި ދައުލަތުގެ ބައެއް ކުންފުނިތައް ގުޅިގެން، ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ބައިގައި އިއްޔެ ހަވީރު ވެސް ވަނީ ގަސް އިންދައިފަ އެވެ.

ބޮޑުތަކުރުފާނު މަގުން އަލަށް ހެދި ބައި މިއަދު ހަވީރު ހުޅުވައިލުމުން ސައިކަލްތަކުގައި މީހުން ބުރުޖަހަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ބޮޑުތަކުރުފާނު މަގުން އަލަށް ހެދި ބައި މިއަދު ހަވީރު ހުޅުވައިލުމުން ސައިކަލްތަކުގައި މީހުން ބުރުޖަހަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެމްޓީސީސީން ބުނި ގޮތުގައި، މާލޭގެ އުތުރު ފަރާތު ނޯތު ހާބަރުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ގަސް އިންދުމުގެ ހަރަކާތެއް އެ ކުންފުނިން ކުރިން ހިންގި އެވެ. 

ބޮޑުތަކުރުފާނު ފެހިކުރުމުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއް ކަމަކީ އެ މަގުގައި އަލަށް ހެދި ސަރަހައްދުގައި ދިވެހި ރުއް އިންދާފައި ވުމެވެ. ރައީސް އޮފީސް ކުރިމަތިން އޮތް ސަރަހައްދުގައި ދިވެހި ރުއް އިއްޔެ އިންދާފައިވާއިރު އެކަމަށް ގިނަ ބަައެއްގެ ތައުރީފު ކުރި އެވެ. 

އެމްޓީސީސީން ބުނީ، ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތުގައި ޒަމާނީ ފެންވަރަށް އަލަށް ހެދި ބައިގެ އެއްގަމުތޮށި ކައިރީގައި ދިވެހި ރުކުގެ އިތުރުން ހޭޅިފަށުގައި ހެދޭ ޒާތުގެ ގަސްތަކާއި ރީތި ބަގީޗާ މާގަސްތަކުން ޒީނަންތެރި ކޮށްފައިވާ ކަމަށެވެ.

ބޮޑުތަކުރުފާނު މަގުން އަލަށް ހެދި ބައި މިއަދު ހަވީރު ހުޅުވައިލުމުން ސައިކަލްތަކުގައި މީހުން ބުރުޖަހަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ބޮޑުތަކުރުފާނު މަގުން އަލަށް ހެދި ބައި މިއަދު ހަވީރު ހުޅުވައިލުމުން ސައިކަލްތަކުގައި މީހުން ބުރުޖަހަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ބޮޑުތަކުރުފާނު މަގު އަލަށް ހެދުމުގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރު ސަރަހައްދުން ފެށިގެން ރަސްމީ ފާލަމާ ދެމެދު ތާރު އަޅައިގެން މަގު އަލުން ހަދައި ހުޅުވީ ފަޅުތެރެއިން ބައެއް ހިއްކައި، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށްފަ އެވެ. ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ފަށައިގެން ރަސްމީ ފާލަމާ ހަމައަށް ފަޅުތެރެއިން ބައެއް ހިއްކައި، މަގު ފުޅާކޮށް ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ.

ބޮޑުތަކުރުފާނު މަގުން ޒަމާނީ ފެންވަރަށް ހެދި ބައިގައި ޕާކްކުރުުން މަނާކޮށްފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި ވަނީ 500 ޖާގައިގެ ޕާކިން ޒޯނެއް ހަދައިފަ އެވެ. އެ ތަނުގައި އެއްފަހަރާ 500 ސައިކަލް ޕާކް ކުރެވޭނެ އެވެ.

ބޮޑުތަކުރުފާނު މަގުން އަލަށް ހެދި ބައި މިއަދު ހަވީރު ހުޅުވައިލުމުން ސައިކަލްތަކުގައި މީހުން ބުރުޖަހާއިރު ދެ މީހަކު ޒިބްރާކްރޮސްމަތިން މަގު ހުރަސް ކުރަނީ---ފޮޓޯ: ނިޝާން އަލީ| މިހާރު
ބޮޑުތަކުރުފާނު މަގުން އަލަށް ހެދި ބައި މިއަދު ހަވީރު ހުޅުވައިލުމުން ސައިކަލްތަކުގައި މީހުން ބުރުޖަހާއިރު ދެ މީހަކު ޒިބްރާކްރޮސްމަތިން މަގު ހުރަސް ކުރަނީ---ފޮޓޯ: ނިޝާން އަލީ| މިހާރު

މަގު މި ސަރަހައްދު ތަރައްގީކޮށް ނިމުމާ އެކު، އެމްޓީސީސީން ދެން މަސައްކަތް ފަށާނީ ބޮޑުތަކުރުފާނު މަގުގައި އެންމެ ބޮޑަށް ހަލާކުވެފައިވާ ސަރަހައްދު ކަމަށްވާ ނޯތު ހާބަރުން ފެށިގެން ރަސްފަންނާ ހަމައަށް އޮތް ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީ ކުރާށެވެ. އެ މަސައްކަތާ ގުޅޭ ޑިޒައިން ކަންކަން މިހާރު ވަނީ ފަށައިފަ އެވެ. 

ބޮޑުތަކުރުފާނު މަގުން އަލަށް ހެދި ބައި މިއަދު ހަވީރު ހުޅުވައިލުމުން ސައިކަލްތަކުގައި މީހުން ބުރުޖަހަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ބޮޑުތަކުރުފާނު މަގުން އަލަށް ހެދި ބައި މިއަދު ހަވީރު ހުޅުވައިލުމުން ސައިކަލްތަކުގައި މީހުން ބުރުޖަހަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް މިދިޔަ އަހަރު ފަށައި، އެއީ މި ސަރުކާރުގެ އެންމެ އިސް އެއް މަޝްެރޫއަކަށް ވަނީ ހަދައިފަ އެވެ. އެ މަސައްކަތުގައި އެމްޓީސީސީން 200 އެއްހާ މުވައްޒަފުން އަމަލީ ގޮތުން ހަރަކާތްތެރިވެ އެވެ.