މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހި ފަށަން އެ މަގުގެ ވެސްޓް ޕާކު ސަރަހައްދު މިިރޭ ބަންދުކުރާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ. 

އެމްޓީސީސީން އާންމުކުރި އެންގުމެެއްގައިވާ ގޮތުން ބޮޑުތަކުރުފާނު މަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްކުރުމަށް ތައްޔާރުވުމުގެ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓް ޕާކު ސަރަހައްދު މަގުގެ އެއް ފަޅި ބަންދުކުރަން ވަނީ ނިންމައިފަ އެވެ.

އެމްޓީސީސީން ބުނި ގޮތުގައި މަގުގެ އެއްފަޅި ބަންދުކުރި ނަމަވެސް މަގުގެ އަނެއް ފަޅި އާންމު ދަތުރުފަތުރުކުރުމަށް ބޭނުންކުރެވޭނެ އެވެ.  

އެކަމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ވެސް އެ ކުންފުނިން މާފަށް އެދެ އެވެ. 

މިދިޔަ އަހަރުގެ އޮގަސްޓްމަހު ފަށާފައިވާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ވަނީ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީމައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި، އެ މަގު ވަނީ ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފަ އެވެ. ދެވަނަ ފިޔަވަހީގައި މަސްމާރުކޭޓާ ހިސާބުން ނޯތު ހާބަރާ ހަމައަށް އޮތީ މަގު ފުޅާކޮށްފަ އެވެ. 

"ދަ ޕަލްސް" ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދާ ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ  ބޮޑުތަކުރުފާނު މަގުގައި އެންމެ ބޮޑަށް ހަލާކުވެ، ގާތައް މުގުރިފައި އޮތް ސަރަހައްދުކަމުގައިވާ އެމްޕީއެލް ސަރަހައްދުގެ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަން އިއުލާންކުރައްވައިފަ އެވެ. 

ބެލެވޭ ގޮތުގައި އެމްޓީސީސީން އެ މަސައްކަތް ފަށާނީ މިހާރު ކުރިއަށްދާ އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ނިމުމުންނެވެ. އެ މަގުގައި މިހާރު ކުރިއަށް ދަނީ ތާރު އެޅުމުގެ މަސައްކަތެވެ. އެމްޓީސީސީން ބުނެފައިވާ ގޮތުގައި މި ހަފްތާގެ ތެރޭގައި އެ މަގުގެ މަސައްކަތް އެެއްކޮށް ނިންމާލެވޭނެ އެވެ. 

އެ ސަރަހައްދު ތަރައްގީކުރަން ނިންމިއިރު މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. 

ރައީސް ވިދާޅުވެފައިވާ ގޮތުގައި މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން އެތަން ނޮވެމްބަރު 11، 2027 ގެ ނިޔަލަށް ތިލަފުއްޓަށް ބަދަލުކުރެވޭނެ އެވެ.