މާލޭގެ ބޮޑުތަކުރުފާނު މަގުގައި އަލަށް ހަދައި ހުޅުވަން ތައްޔާރުވަމުން އަންނަ ސަރަހައްދުގައި ދިވެހި ރުއް މިއަދު އިންދައިފި އެވެ. 

ބޮޑުތަކުރުފާނު މަގުން ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ފަށައިގެން ރަސްމީ ފާލަމާ ހަމައަށް މިހާރު ވަނީ ތާރުއަޅައި ނިންމައިފަ އެވެ. އެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، މަގު އާންމުންނަށް ހުޅުވާލުމަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. 

އެ ތައްޔާރީތަކުގެ ދަށުން ބޭރު މަގުގައި އެމްޓީސީސީން އަންނަނީ ދިވެހި ރުކާއި އެހެނިހެން ގަސްގަހާގެހި އިންދަމުންނެވެ. 

ބޮޑުތަކުރުފާނުމަގުގައި އަލަށް ހަދާ ބައި ދިވެހި ރުކާއި މަގޫ ގަސް އިންދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ބޮޑުތަކުރުފާނުމަގުގައި އަލަށް ހަދާ ބައި ދިވެހި ރުކާއި މަގޫ ގަސް އިންދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭގެ މަގުތައް އަލުން ހަދާއިރު މަގުތަކުގައި ހުންނަ ގަސްތައް ނަގާ މައްސަލައިގައި އާންމުންގެ ފާޑުކިޔުން އަބަދުވެސް އަމާޒުވެ އެވެ. އަދި މަގުގައި އަލުން ގަސް އިންދާއިރު، ރާއްޖޭގެ މާހައުލާ ނުގުޅޭ ގަސްތައް އިންދާތީ އެކަމަށް ވެސް އާންމުންގެ ނުރުހުން އަމާޒުވެފައިވެ އެވެ. 

ބޮޑުތަކުރުފާނުމަގުގެ ދެކުނު ފަރާތުގައި ތާރުއަޅައިގެން ހަދާފައިވާ ސަރަހައްދުގައި ދިވެހި ރުއް ނީންދައި ކަދުރު ރުއް އިންދުމުން ގިނަ ބަޔަކު އޭރު ފާޑުކިޔެ އެވެ. 

މިހާރު ހަދަމުން ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތުގައި ކުރިން ހުރި ހިރުނދު ގަސްތައް، އެ މަގު ހަދަން ނަގަން ފެށުމުން އެކަމަށް ވެސް އާންމުން ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ. އެތަނުން ނެގި ބައެއް ގަސްތައް ހުޅުމާލޭގައި އިންދިއިރު، ބައެއް ގަސްތައް ވަނީ އަލުން ހަމަ އެ މަގުގައި އިންދައިފަ އެވެ. 

ބޮޑުތަކުރުފާނުމަގުގައި އަލަށް ހަދާ ބައި ދިވެހި ރުއް އިންދަައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ބޮޑުތަކުރުފާނުމަގުގައި އަލަށް ހަދާ ބައި ދިވެހި ރުއް އިންދަައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ބޮޑުތަކުރުފާނު މަގު އަލަށް ހެދުމުގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރު ސަރަހައްދުން ފެށިގެން ރަސްމީ ފާލަމާ ދެމެދު ތާރު އަޅައިގެން މަގު އަލުން ހަދައި ހުޅުވީ ފަޅުތެރެއިން ބައެއް ހިއްކައި، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށްފަ އެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހު ފެށި މި މަޝްރޫއުގެ ދަށުން މިހާރު ވަނީ ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ފަށައިގެން ރަސްމީ ފާލަމާ ހަމައަށް ފަޅުތެރެއިން ބައެއް ހިއްކައި، މަގު ފުޅާކޮށް ތާރު އަޅައިފަ އެވެ. 

ފަޅު ހިއްކައިގެން މަގު ފުޅާކޮށް ތަރައްގީކުރިއިރު، ފަޅުގެ ތެރެއިން ބައެއް ހިއްކައިގެން ސައިކަލް ޕާކް ކުރާނެ ތަނެއް ވަނީ ހަދައިފަ އެވެ. އެ ތަނުގައި 500 ސައިކަލް އެއްފަހަރާ ޕާކް ކުރެވޭނެ އެވެ.