މާލޭގެ ބޮޑުތަކުރުފާނު މަގުގައި ޒަމާނީ ފެންވަރަށް ފަހުން ހެދި ބައި މާދަމާ ހަވީރު އާންމުކޮށް ހުޅުވާލަން އެމްޓީސީސީން ނިންމައިފި އެވެ.
މި ފަހުން މި މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ފަށައިގެން ރަސްމީ ފާލަމާ ހަމައަށް ފަޅުތެރެއިން ބައެއް ހިއްކައި، މަގު ހަތަރު ލޭނަށް ފުޅާކޮށް ތާރު އަޅައި ވަނީ ނިންމައިފަ އެވެ.
އެ މަސައްކަތް ކުރި އެމްޓީސީސީން މިރޭ ބުނީ، އެންމެ ޒަމާނީ ފެންވަރަށް އަދި ވަރަށް ޗާލުކޮށް ހަދާފައިވާ އެ މަގުގެ ހެންވޭރު ޓާމިނަލުން ފެށިގެން އެމްއެމްއެމްއޭއާ ހަމައަށް ހެދި ބައި މާދަމާ ހަވީރު އާންމުކޮށް ހުޅުވާލާނެ ކަމަށެވެ.
އެކަމަކު، ކުދިކުދި ބައެއް މަސައްކަތްތައް އަދި ކުރަންޖެހޭ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ ތެރޭގައި އެއްގަމު ތޮށީގެ ސިޑިތަކުގައި ރެއިލިން ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.
"މި ސިޑިތައް ފާހަގަކުރުމުގެ ގޮތުން ރަތްކުލައިގެ ދަވާދު ލާފައިވާ ކާބް ސްޓޯން ސިޑި ކައިރީގައި ބެހެއްޓިފައި ހުންނާނެ އެވެ،" އެމްޓީސީސީން ބުންޏެވެ.
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެމްއެމްއެމްއޭއާ ހަމައަށް ހެދި ބައި މާދަމާ ހަވީރު ހުޅުވާލާއިރު، ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެ މަގުގައި މިހާތަނަށް 3،100 އަށް ވުރެ ގިނަ ގަސް އިންދާފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ބައެއް މިނިސްޓްރީތަކާއި ދައުލަތުގެ ބައެއް ކުންފުނިތައް ގުޅިގެން، ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ބައިގައި މިއަދު ހަވީރު ވެސް ވަނީ ގަސް އިންދައިފަ އެވެ.
އެމްޓީސީސީން ބުނި ގޮތުގައި، މާލޭގެ އުތުރު ފަރާތު ނޯތު ހާބަރުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ގަސް އިންދުމުގެ ހަރަކާތެއް އެ ކުންފުނިން ކުރިން ހިންގި އެވެ.
"މިއާ އެކު، މިހާތަނަށް ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މާލެ ނޯތު ހާބަރާ ހަމައަށް މުޅިއެކު 3،100 އަށް ވުރެ ގިނަ ގަސް ވަނީ އިންދައިފަ އެވެ،" އެމްޓީސީސީން މިރޭ ބުންޏެވެ.
ބޮޑުތަކުރުފާނު ފެހިކުރުމުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއް ކަމަކީ އެ މަގުގައި އަލަށް ހަދައި ހުޅުވަން ތައްޔާރުވަމުން އަންނަ ސަރަހައްދުގައި ދިވެހި ރުއް އިންދާފައި ވުމެވެ. ރައީސް އޮފީސް ކުރިމަތިން އޮތް ސަރަހައްދުގައި ދިވެހި ރުއް މިއަދު އިންދާފައިވާއިރު އެކަމަށް ގިނަ ބަައެއްގެ ތައުރީފު ވަނީ އޮއްސާލައިފަ އެވެ.
އެމްޓީސީސީން ބުނީ، ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތުގައި ޒަމާނީ ފެންވަރަށް އަލަށް ހެދި ބައިގެ އެއްގަމުތޮށި ކައިރީގައި ދިވެހި ރުކުގެ އިތުރުން ހޭޅިފަށުގައި ހެދޭ ޒާތުގެ ގަސްތަކާއި ރީތި ބަގީޗާ މާގަސްތަކުން ޒީނަންތެރި ކޮށްފައިވާ ކަމަށެވެ.
ބޮޑުތަކުރުފާނު މަގު އަލަށް ހެދުމުގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރު ސަރަހައްދުން ފެށިގެން ރަސްމީ ފާލަމާ ދެމެދު ތާރު އަޅައިގެން މަގު އަލުން ހަދައި ހުޅުވީ ފަޅުތެރެއިން ބައެއް ހިއްކައި، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށްފަ އެވެ. ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ފަށައިގެން ރަސްމީ ފާލަމާ ހަމައަށް ފަޅުތެރެއިން ބައެއް ހިއްކައި، މަގު ފުޅާކޮށް ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ.
ބޮޑުތަކުރުފާނު މަގުން ޒަމާނީ ފެންވަރަށް ހެދި ބައިގައި ޕާކްކުރުުން މަނާކޮށްފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި ވަނީ 500 ޖާގައިގެ ޕާކިން ޒޯނެއް ހަދައިފަ އެވެ. އެ ތަނުގައި އެއްފަހަރާ 500 ސައިކަލް ޕާކް ކުރެވޭނެ އެވެ.