ޒަމާނީ ފެންވަރަށް މިހާރު ހަދަމުން އަންނަ މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ ސަރަހައްދުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސްގެ އަރިހުގައި ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެ މަޝްރޫއު ހިންގަމުންދާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
އެ މަޝްރޫއު ހިނގާ ގޮތް ރައީސް ބައްލަވާލެއްވިއިރު، އިއްޔެ ރޭ ވަނީ ހެންވޭރު ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް ނިންމައިފަ އެވެ. އަދި ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާ ނިމުމާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މަގު ބަންދުކޮށް، އެ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށީ މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ. އަދި އެމްޓީސީސީން ބުނެފައިވާ ގޮތުގައި މިމަހުގެ 26 ގެ ކުރިން އެ މަގުގެ މަސައްކަތް އެއްކޮށް ނިންމައި، ހުޅުވާލާނެ އެވެ.
ގިނަ އަދަދެއްގެ މިނިސްޓްރީތަކާއި އޮފީސްތައް ވެސް ހިންގަމުންދާ އެ ސަރަހައްދުގެ މަގު ކުރިން އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެގޮތުން އަޑިގުޑަންތައް ވެސް ގިނަ އެ މަގުގައި ޕާކުކުރުމުގެ ދަތިކަން ވެސް އިންތިހާއަށް އޮތެވެ.
އެހެންވެ، މިހާރު އެ މަގު ތަރައްގީކުރަނީ ތާރު އެޅުމުގެ އިތުރުން ފަޅުން ބައެއް ހިއްކައިގެން މަގު ފުޅާ ކުރުމަށްފަހު އެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ތާރު އަޅައި އެ ތަން މިހާރު ދަނީ ބޭނުން ކުރަމުންނެވެ. އަދި އެ މަގު ފުޅާ ކުރުމުގެ ސަބަބުން އެ ސަރަހައްދުގެ ތޮއްޖެހުމަށް ވަރަށް ބޮޑަށް ލުޔެއް ވަނީ ލިބިފަ އެވެ.
ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެ މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެއީ 455 ދުވަސް ތެރޭ ނިންމަންޖެހޭ މަޝްރޫއުއެކެވެ.