ބޮޑުތަކުރުފާނު މަގު ތަރައްގީކުރަން ފަށާފައިވާ މަޝްރޫއުގެ ދަށުން އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް ތާރު އަޅައިގެން މަގު ހެދުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނު މަގާއި ބަނދަރު ސަރަހައްދު ތަރައްގީ ކުރުމުގެ ޕްލޭނުގައި ހިމެނޭ ބައެެއް ކުރެހުންތައް ހިއްސާ ކުރެއްވުމަށްފަހު ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިންގް ރޯޑުގެ ބާކީ އޮތް ބައިގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
ބޮޑުތަކުރުފާނު މަގުގައި މިހާރު ތާރު ނާޅާ އޮތީ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އެކަންޏެވެ. އަދި ގާ އަޅައިގެން ވަރަށް ކުރިން ހަދާފައި އޮތް އެ ސަރަހައްދަކީ އެ މަގުގައި މިހާރު އެންމެ ބޮޑަށް ހަލާކުވެފައި އޮތް ސަރަހައްދެެވެ.
އަޑިގުޑަންތައް ގިނަ އަދި ގާތައް ވެސް ނެއްޓިފައިވާ އެ މަގުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ރައީސް ވަނީ އިއުލާން ކުރައްވައިފަ އެވެ.
ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ފަށައިގެން ރަސްމީ ފާލަމާ ހަމައަށް ފަޅުތެރެއިން ބައެއް ހިއްކައި، ބޮޑުތަކުރުފާނުމަގު ހަތަރު ލޭނަށް ފުޅާކޮށް ތާރު އަޅައި މިހާރު ވަނީ ނިންމާލައިފަ އެވެ. އަދި މަގު އިއްޔެ ވަނީ އާންމުންނަށް ހުޅުވާލައިފަ އެވެ.
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ހެދި ބައި އިއްޔެ ހުޅުވާލިއިރު، ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެ މަގުގައި މިހާތަނަށް 3،100 އަށް ވުރެ ގިނަ ގަސް ވެސް އިންދާފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށް ގެންދިޔަ އެމްޓީސީސީން ބުނެފައިވެ އެވެ.
ބޮޑުތަކުރުފާނު މަގު ފެހިކުރުމުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއް ކަމަކީ އެ މަގުގައި އަލަށް ހެދި ސަރަހައްދުގައި ދިވެހި ރުއް އިންދާފައި ވުމެވެ. އެގޮތުން ރައީސް އޮފީސް ކުރިމަތިން އޮތް ސަރަހައްދުގައި ދިވެހި ރުއް އިންދާފައިވާއިރު އެކަމަށް ގިނަ ބަައެއްގެ ތައުރީފު ކުރި އެވެ.
ބޮޑުތަކުރުފާނު މަގުން ޒަމާނީ ފެންވަރަށް ހެދި ބައިގައި ޕާކްކުރުުން މަނާކޮށްފައި ވާއިރު، ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި ވަނީ 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއް ހަދައިފަ އެވެ.