ޖުމްހޫރީ މައިދާން ކައިރިން ބޮޑުތަކުރުފާނު މަގު ފުޅާކުރި ސަރަހައްދު އާންމުކޮށް އިއްޔެ ހުޅުވާލާފައި.--- ފޮޓޯ: އެމްޓީސީސީ
09 ޑިސެމްބަރ 2025 - 09:53
ބޮޑުތަކުރުފާނު މަގުގައި އަލުން ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓު ނިންމައި އިއްޔެ ހުޅުވާލުމާ އެކު، ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް އެމްޓީސީސީއާ ހަވާލު ކޮށްގެން މިދިޔަ އޮގަސްޓް މަހު ފެށި 144 މިލިއަން ރުފިޔާގެ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓު ކަމަށްވާ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީމައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި އެ މަގު ވަނީ ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފަ އެވެ. އެ މަސައްކަތް ނިންމާލުމަށް ފަހު ހުޅުވާލީ އިއްޔެ ހަވީރު އެވެ.
މިނިސްޓަރު މުއްތަލިބު "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި ފުރަތަމަ ސެގްމަންޓު ނިމުމާ އެކު، ދެވަނަ ސެގްމަންޓުގެ މަސައްކަތް މިއަދު ފަށާނެ އެވެ.
"ކުރިއަށް އޮތް ރޯދަމަހުގެ ކުރިން ދެވަނަ ސެގްމަންޓުގެ މަސައްކަތް ނިންމައި ހުޅުވާލާނެ. އެ ޔަގީންކަމާ އެކު މަސައްކަތް މި ފަށަނީ،" އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ފެބްރުއަރީ 18 އެވެ.
ޖުމްހޫރީ މައިދާން ކައިރިން ބޮޑުތަކުރުފާނު މަގު ފުޅާކުރި ސަރަހައްދު އާންމުކޮށް އިއްޔެ ހުޅުވާލާފައި: މަސް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ފުޅާކުރުމުގެ މަސައްކަތް މިއަދު ފަށާނެ.--- ފޮޓޯ: އެމްޓީސީސީ
ދެވަނަ ސެގްމަންޓަކީ މަސްމާރުކޭޓާ ހިސާބުން ނޯތު ހާބަރާ ހަމައަށް ކަމަށް ވާއިރު މިނިސްޓަރު ވިދާޅުވި ގޮތުގައި، އޭގެ ފަހުން ޖުމްހޫރީ މައިދާން ހިސާބުން ފަށައިގެން ކާނިވާ ސަރަހައްދާ ހަމައަށް މަގު ފުޅާކޮށް، ތާރު އަޅާނެ އެވެ.
ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ބަދަލުކޮށް، މަގު ފުޅާކުރުމުގެ މަސައްކަތް ފެށުމަށް މިދިޔަ އޮގަސްޓް 21 ގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު
ފުރަތަމަ ސެގްމަންޓުގެ މަސައްކަތެކޭ އެއްގޮތަށް މަސްމާރުކޭޓާ ހިސާބުން ފެށިގެން ނޯތު ހާބަރު ހިމެނޭ ސަރަހައްދާ ހަމައަށް އެއްގަމުތޮށި ބޭރަށް ޖައްސައި ހަތަރު ލޭނަށް މަގުފުޅާ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ އިތުރުން މުޅި އެ މަގުގައި ތާރު އަޅައި އެންމެ ޒަމާނީ ފެންވަރުގެ މަގަކަށް ބަދަލު ކުރާނެ ކަމަށް ވިދާޅުވި އެވެ.
"މިއަދު ސައިޑް ވޯކްސްގެ މަސައްކަތް ފަށައިގަނެވޭނެ،" މުއްތަލިބު ވިދާޅުވި އެވެ.
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހު ކުރަނީ---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އޭނާ ވިދާޅުވީ، ބާޒާރުމަތީގެ ސަރަހައްދަކީ ވެހިކަލްތަކާ އެކު ތޮއްޖެހި، އަބަދު ވެސް ކާރޫބާރޫ ބޮޑު ސަރަހައްދަކަށް ވާއިރު، ހަތަރު ލޭން ލިބޭ ގޮތަށް މަގު ފުޅާކުރުމުގެ ވަރަށް ބޮޑު ލުޔެއް ލިބޭ ތަން މިހާރު ވެސް ފެންނަން ފަށާފައިވާ ކަމަށެވެ.
މުއްތަލިބު ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ޒަމާނީ ފެންވަރަކަށް ހެދުމަކީ ދިރިއުޅުން ހިތްފަސޭހަ ތަނަކަށް މާލެ ބަދަލުކުރަން ސަރުކާރުން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެމްސް
10 December 2025
ތިހުރިހާ ކަމަކުންވެސް އާމްދަނީ ލިބެނީ ބޭރުމީހުންނަށެވެ!
ހޮޓްކިންގ
09 December 2025
މެދުޒިޔާރަތްމަގު ޗާނދަނީމަގާހަމަށް ހުޅުވާބަލަ
ސަރީފާއްތަ
09 December 2025
ތިމަގުން ފުޅާކުރުމުން ކޮއްމެވެސް ވަރަކަށް ހިތްހަމަ ޖެހުން ލިބި ގެންދާނެވެ. އެކަމަކު މާލޭގައި ބޭނުންކުރާ ވެހިކަލް މަދުނުވެ ތިކަމަށް ހައްލެއް ނުލިބޭނެވެ. ކޮއްމެ މަހަކު ލިޓަސް ޝީޝާއިން އެތެރެކުރާ 40 ފޫޓްގެ 8 ކޮންޓޭނޭ ސައިކަލް މަގުން މަދުކުރެވިގެން ހައްލުލިބޭނީ.
މުސްކުޅިން،
09 December 2025
އަޅެ ކޮންމެ މަގެއްގެ ލަބާލާ ކަންމަތީގައި މަގުހުރަސްކުރާ ތަން ނަހަދާ ހަމަ ކަމުނުދަނީތޯ،
ގުއިޒު
09 December 2025
ކޮންމެ ދުވަހަކު އެތައް ލޯންޗަކުން މީހުން އަރާ ފައިބާތަނެއްގަ އަޅެ ހަދާ ނިންމާފަ ހުޅުވިއިރު ފުރަން ދާ މީހުން ހިޔާ ވެލާނެ ގޮތެއްނެތް ، ނުވިތާކައް ހުރި ގަސް ކޮޅުވެސް ކަނޑާލާފައި .
މާލެމީހާ
09 December 2025
ކިތަންމެވަރަކަށް މަގު ފުޅާކުރިޔަސް ފަސޭހައެއްނުވާނެ މަގުގަ 2 ލޭނަށް 3 ލޭނަށް ވެހިކަލް ޕާކްކުރާ ގަރާޖަކަށް ހަދައިގެން ތިބޭހާދުވަހަކު. މިހާރުވެސް ތި ސަރަހައްދުގެ މަގު ހަނިވެފަ އެ އޮށްނަނީ މަގުގެ 2 ބައި ކޮށްފަ އެއްބައި ބަޔަކު ވެހިކަލް ގަރާޖެއްގޮތުގަ ބޭނުންކުރާތީ
ކޮރަލް
09 December 2025
ޕާކް ކުރުން މަނާ ނުކޮށް ހައްލެއް ނުލިބޭނެ އެވެ. ޕާކް ކުރަން ޖެހޭ ނީ މުދާ ހުސް ކުރާށެވެ. ނޫނީ ޕެސެންޖަރު ބާލާށެވެ.
ސަމަރޭ
09 December 2025
ހެޔޮ ބަދަލެއް. ބަލައިގަންނަން.. ވެސްޓުޕާކާ ހަމަޔަށް ހަދާލެވުނީމަ ބޮޑުތަނުން ލުއިވާނެ.
އުދުހޭ
09 December 2025
ކަނޑުގެ ރާޅުތަށް ރަމްޒުވާގޮތަށް ހަދަންވެގެންތަ އެހާ ރާޅުބާނިގިނަކޮށް ތާރުއަޅާފަ ތިއޮތީ؟ ނުވަތަ ފަށަލަ ހިސާބަށްވުރެ ތުނީތަ؟
ޖުމާނާ އަލީ
09 December 2025
އެ ސަރަހައްދުގެ ކާރޫބާރޫ ބޮޑުވާ މައްސަލައަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނީ. މަގު ފުޅާވުމަކީ އެއީ އެތައް ބަޔަކަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެއް. ހަގީގަތުގައި މި ގެންނަނީ ވަރަށް ބޮޑު ބަދަލެއް މިކަމުން އާއްމު ރައްޔިތުންނަށް އެތައް ލުޔެއް ލިބިގެން ދާނެ