ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމްޓީސީސީގެ ބަސްތަކާއި ފެރީތައް ހިލޭ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމްޓީސީސީގެ ބަސްތަކާއި ފެރީތަކުގައި މިއަދުން ފެށިގެން ހިލޭ ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސައިފި އެވެ.


އެމްޓީސީސީން ބުނިގޮތުގައި، އެކަމަށްޓަކައި ޖެހެނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގައި ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން އަންގައި ދިނުމުގެ ގޮތުން އެންސްޕާ އިން ދޭ ކާޑު ހިފައިގެން ދިއުމުން އެފަދަ ކޮންމެ މީހަކަށް ވެސް އެމްޓީސީސީގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީގެ ފެރީތަކާއި ބަސްތައް ފަރުމާ ކޮށްފައިވަނީ ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން އަރައި، ފޭބޭނެ ގޮތަށް ކަމަށް އެ ކުންފުނިން ނެރުނު ބަޔާނުގައި ވެ އެވެ.

އެމްޓީސީސީން ބުނީ އެގޮތަށް ހަމަޖެއްސީ ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކޮށް، މުޖްތަމައުގައި ފުރުސަތުތައް ފަހިކޮށް ދިނުމުގެ ގޮތުން ކަމަށެވެ.