ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ހިންގުމަށް ކ. ކާށިދޫން އެއް ހެކްޓަރުގެ ބިން ހާއްސަކުރަން އެ ރަށު ކައުންސިލުން މިއަދު ނިންމައިފި އެވެ.

އެ ބިންތައް ހާއްސަ ކުރިކަން އާންމުކުރެއްވީ ކާށިދޫ ކައުންސިލް ރައީސް ސޮބާހު މުހައްމަދު ސޮއިކުރައްވައި މިއަދު ކުރި އިއުލާނެއްގަ އެވެ.

ކާށިދޫ ކައުންސިލްގެ 20 ވަނަ އާންމު ބައްދަލުވުމުގައި ވަނީ ފިޝަރީޒް މިނިސްޓްރީން އެ ކައުންސިލަށް ފޮނުވި ސިޓީއާ ގުޅޭގޮތުން މަޝްވާރާ ކޮށްފަ އެވެ. އެއީ ސަރުކާރުގެ ފަސް މިލިއަން ގަސް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ކާށިދޫން ބިމެއް ހޯދުމަށް ހުށަހަޅާފައިވާ ސިޓީއެކެވެ.

އެކަމާ ގުޅޭގޮތުން މަޝްވާރާ ކުރުމަށް ފަހު، ކައުންސިލުން މިއަދު ނިންމީ ފަސް މިލިއަން ގަސް ޕްރޮގްރާމް ކުރިއަށް ގެންދާ އެއް ރަށަކީ ކާށިދޫ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާތީ، އެ ރަށުގައި "އެގްރޮފޮރަސްޓްރީ" ދަނޑުތަކެއް ހަދަން ލޭންޑް ޔޫޒްޑް ޕްލޭންގައި ހިމަނާފައިވާ ސަރަހައްދުން އެއް ހެކްޓަރުގެ ބިމެއް ދޫކުރާށެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ ރީތިކަން ދިރުވައި، ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫ އެވެ.

ރައީސް މުއިއްޒު އެ ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައި ދެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ދިމާކޮށް ޖޫން 2024 ގަ އެވެ.

ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން މިހާތަނަށް ވަނީ އެއް މިލިއަނަށް ވުރެ ގިނަ ގަސް އެކި ރަށްރަށުގައި އިންދައިފަ އެވެ.