އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް ތިމާވެއްޓާ ރައްޓެހިކޮށް ދަނޑު ހެއްދުމަކީ ރާއްޖޭގެ އިސްތިގްލާލާ ގުޅިފައިވާ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ރައީސްގެ ސޯޝަލް މީޑިއާގައި ފޮނުއްވި މެސެޖުގައި ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ލިބޭ ފައިދާ އިތުރުވާނެ މަގު ފަހިކޮށްދިނުމަށް މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ، ސަރުކާރުގެ މުހިންމު އަޒުމެއް ކަމަށެވެ.

އޭގެ އިތުރުން ވަކި ބާވަތްތަކެއްގެ ކާބޯތަކެތި އިމްޕޯޓްނުކޮށް، ރާއްޖެއަށް ބޭނުންވާ ވަރަށް އަމިއްލައަށް ހައްދައި ބާޒާރަށް ނެރެވޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ކާބޯތަކެތީގެ ދުވަހަށް މި އަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "މިއަދު އީޖާދުކުރަމާ-މާދަމާގެ ކާނާ ކަށަވަރުކުރަމާ" އެވެ. 

ރައީސް ވިދާޅުވީ އެ ޝިއާރުގެ ދަށުން މިއަދު ނިންމާ ނިންމުންތަކާއި ކުރާ އިންވެސްޓްމަންޓަކީ ކުރިމަގުގެ އޮތް ޖީލުތަކަށް ކާނާގެ ރައްކާތެރިކަން ބައްޓަންކުރާނެ މުހިންމު ކަންކަން ހަނދާންކޮށްދޭ ކަމަށެވެ.

އީޖާދީ ކަންކަމަށް އިސްކަންދީ އަދި ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ މިންވަރު އިތުރުކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ކާނާގެ ރައްކާތެރިކަން ވަރުގަދަކޮށް އާއްމުންނަށް ދުޅަހެޔޮ އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ކަށަވަރު ކޮށްދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ޖަޒީރާ ގައުމެއްގެ ގޮތުން ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ގައުމުގެ ކުރިއެރުމާއި އިގްތިސާދީ ދެމެހެއްޓެނިވިކަމަށް ވަރަށް ބޭނުންތެރި ކަމެއް. އާ ޓެކްނޮލޮޖީތަކަށް އަހުލުވެރިވެ، ރާއްޖޭގައި ތަކެތި އުފައްދާ މިންވަރު އިތުރުކޮށް، ދަނޑުވެރިންނާއި މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދީ އަޅުގަނޑުމެންގެ ދިރިއުޅުމާ ގުޅިފައިވާ ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރަން ޖެހޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ. 

ރައީސް ވިދާޅުވި ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ގައުމު ސަލާމަތްކުރަން ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެކެވެ. 

އެއާއެކު، ދަނޑުވެރިކަމުގެ ސިނާއަތް ފުޅާވުމަކީ ގައުމުގައި ބޭރު ފައިސާ ހިފެހެއްޓުމާއި ރަށްރަށުގައި ވަޒީފާގެ އާ ފުރުސަތުތައް އުފެދުމަށް މަގުފަހިވާނެ ކަމެއްކަން ރައީސް ފާހަގަކުރެއްވި އެވެ.