ސަރުކާރުގެ ފަސް މިލިއަން ގަސް ޕްރޮގްރާމް އިތުރަށް ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ 20 ނާސަރީގެ ތެރެއިން ފުރަތަމަ ނާސަރީ މިއަދު ސ. މީދޫގައި ރަސްމީކޮށް ހުޅުވައިފި އެވެ. 

އެންވަޔަރުމެންޓް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ފަރާތުން ފަންޑު ކޮށްގެން މި އަހަރު ތަރައްގީ ކުރުމަށް ސޮއިކުރި އެ ނާސަރީތަކުގެ ތެރެއިން މީދޫގައި ހުޅުވި ނާސަރީއަކީ 23،000 އަކަފޫޓުގެ ބޮޑު ބިމެއްގައި ގާއިމުކޮށްފައިވާ ތަނެއް ކަމަށެވެ.

މިނިސްޓްރީން ބުނީ އެ ނާސަރީގެ ސަބަބުން އެ މަޝްރޫއު އަތޮޅު ފެންވަރުގައި އިތުރަށް ފުޅާވެ، އެ ސަރަހައްދުގެ ރަށްރަށަށް ބޭނުންވާ ގަސް ފަސޭހަކަމާ އެކު ލިބުމަށް މަގުފަހިވާނެ ކަމަށެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އައްޑޫ މީދޫގައި ގާއިމުކުރި ނާސަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: އެންވަޔަރަނަމަންޓް މިނިސްޓްރީ
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އައްޑޫ މީދޫގައި ގާއިމުކުރި ނާސަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: އެންވަޔަރަނަމަންޓް މިނިސްޓްރީ

އެ މަޝްރޫއުގެ ދަށުން ހަދާ އިތުރު 19 ނާސަރީގެ މަސައްކަތްތައް ވެސް ބާރު ސްޕީޑެއްގައި ކުރިއަށް އެބަދާ ކަމަށާއި އަމާޒަކީ ވީ އެންމެ އަވަހަކަށް އެ ތަންތަނުގެ މަސައްކަތް ނިންމުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެފަދަ ނާސަރީތައް ގާއިމުކުރުމަކީ އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަން ފާހަގަކޮށް އެ މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ސަބަބުން ރަށު ކައުންސިލްތަކުން ގަސް ވިއްކައިގެން އާމްދަނީ ހޯދުމުގެ އާ ދޮރުތަކެއް ވެސް ހުޅުވޭނެ ކަމަށެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި ވެސް ނާސަރީއެއް މިހާރު ހަދަމުން އެބަދެ އެވެ. އެއީ 55،000 އަކަފޫޓުގެ ބޮޑު ނާސަރީއެކެވެ. 

މިނިސްޓްރީން ބުނި ގޮތުގައި އެ ނާސަރީގެ މަސައްކަތް ނިމި އަންނަ އަހަރުގެ ތެރޭގައި ހުޅުވޭނެ ކަމަށް ބެލެވެ އެވެ. 

ފަސް މިލިއަން ގަސް މަޝްރޫއުގެ ދަށުން ސ. މީދޫގައި ހުޅުވި ނާސަރީ، މިނިސްޓަރު ޝިޔާމް ބައްލަވާލައްވަނީ--- ފޮޓޯ: އެންވަޔަރަނަމަންޓް މިނިސްޓްރީ
ފަސް މިލިއަން ގަސް މަޝްރޫއުގެ ދަށުން ސ. މީދޫގައި ހުޅުވި ނާސަރީ، މިނިސްޓަރު ޝިޔާމް ބައްލަވާލައްވަނީ--- ފޮޓޯ: އެންވަޔަރަނަމަންޓް މިނިސްޓްރީ

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

ތިމާވެށީގެ ދުވަހާ ގުޅުވައިގެން ޖޫން 5، 2024 ގައި ފެށި ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން މިހާތަނަށް ވަނީ 2.4 މިލިއަން ގަސް އިންދާފައި ކަމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުންޏެވެެ. 

އެ މިނިސްޓްރީން ބުނީ ސަރުކާރުގެ އަމާޒަކީ ތިމާވެއްޓާ ރައްޓެހި ފެހިވެއްޓެއް ގާއިމުކޮށް، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުން ކަމަށެވެ.