އައްޑޫގައި ނަރުދަމާ ގާއިމްކުރަން 200 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް

އައްޑޫގެ ފަސް ރަށެއްގައި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް 244 މިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.


ޝީ ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދޫގެ ނަރުދަމާ މަސައްކަތް ހަވާލުކުރީ އެމްޓީސީސީ އަދި ސްރީ ލަންކާގެ ސިއެރާ ކުންފުންޏަށެވެ.

އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހިމް ޒިޔަތެވެ. ސިއެރާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓްސް ޑިރެކްޓަރު ޕީޑަބްލިއު ތިލަކަރަޓްނަ އެވެ. އެންވަޔަރްމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހިމެވެ.

ފަނަރަ މަސް ދުވަހުގެ ތެރޭގައި ފޭދޫ، މަރަދޫ އަދި މަރަދޫފޭދޫގައި ނަރުދަމާ އަޅަން 130 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާ އެވެ. މި މަޝްރޫއުގެ ދަށުން 38 ކިލޯމީޓަރުގެ ދިގުމިނުގެ ނަރުދަމާ ވިއުގައެއް ގާއިމްކުރާނެ އެވެ. އޭގެ އިތުރުން 3387 ޓަނުގެ ސުވެރޭޖް ޓްރީޓްމަންޓް ޕްލާންޓެއް ވެސް ބަހައްޓާނެ ކަމަށް އެންވަޔަރްމަންޓް މިނިސްްޓްރީން ބުންޏެވެ.

ހުޅުދޫ އަދި މީދޫ ނަރުދަމާގެ މަޝްރޫއު ސިއެރާ ކުންފުންޏަށް ހަވާލުކުރިކަމުގެ އެއްބަސްވުން ހަވާލުކުރަނީ -- ފޮޓޯ: އެންވަަޔަރްމަންޓް މިނިސްޓްރީ

ހުޅުދޫ އަދި މީދޫގައި ނަރުދަމާ އަޅަން 113 މިލިއަން ރުފިޔާގެ މަޝްރޫއު ސިއެރާ ކޮންސްޓްރަކްޝަނާ ހަވާލުކުރީ 12 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ތެރޭގައި 31.2 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމްކުރުމާއި 1885 ޓަނުގެ ސުވޭޖްް ޓްރީޓްމަންޓް ޕްލާންޓެއް ބަހައްޓާނެ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ އެ ރަށްރަށުގައި ނަރުދަމާގެ މަޝްރޫއު ހިންގަނީ ރައްޔިތުން އެކަމަށް ވަރަށް ބޮޑަށް ބޭނުން ވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އެކަން ކުރަން މީގެ ކުރިން އެކި ސަރުކާރުތަކުން ވެސް މަސައްކަތް ކުރި ކަމަށާއި އެކަމަކު ކާމިޔާބު މިވަނީ މި ސަރުކާރުގައި އެކަނި ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ހަމަ ހަގީގަތުގައި ވެސް މި މަސައްކަތް ކުރެވިގެން ދާނޭ. މި މަސައްކަތް ކުރާނަމޭ. މިއީ އައްޑޫގެ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއް ނޫނޭ،" އައްޑު އަށް ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ ދެ މެމްބަރުން ކަމަށްވާ ފޭދޫ ދާއިރާގެ އިބްރާހިމް ދީދީ އާއި ހުޅުދޫ ދާއިރާގެ މުހައްމަދު ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި މި ހަފުލާގައި ތޯރިގް ވިދާޅުވި އެވެ.

އައްޑޫގެ މި މަޝްރޫއުތަކަށް ހަރަދުކުރަނީ އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ ލޯނާއި ސަރުކާރުންނެވެ.