މިހާރަކަށް އައިސް އައްޑޫގެ އަވަށްތަކުގައި އެކި ވަސީލަތްތައް އެކުލެވޭ ގޮތަށް ބީޗްތައް ހަދަމުންދާތީ ހުއްދަ ނުހޯދައި އެފަދަ މަސައްކަތްތައް ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފި އެވެ.
މިކަމާ ގުޅޭ ގޮތުން ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަވަށްތަކާއި އެ ތަންތަނާ ގުޅިފައިވާ ގޮނޑުދޮށްތަކުގައި ކުނިކަހައި ސާފުކޮށް ބޭއްވުމަށް ޖަމިއްޔާތަކާއި އައްޑޫގެ ރައްޔިތުން ކުރަމުން ގެންދާ މަސައްކަތްތަކަކީ ކައުންސިލުން އަބަދުވެސް ތަރުހީބުދޭ އަދި އެކަމަށް ބާރުއަޅާ ކަމެއް ކަމަށެވެ.
"ނަމަވެސް ފަހަކަށް އައިސް މި އިދާރާގެ ހުއްދަނެތި އައްޑޫގެ އަވަށްތަކުގެ ގޮނޑުދޮށްތަކުގައި އަމިއްލަ ފަރާތްތަކުން ބީޗް ހެދުން ފަދަ މަސައްކަތް ކުރަމުންގެންދާކަން މި އިދާރާއަށް ފާހަގަކުރެވިފައިވެ އެވެ. ހުއްދަ ހޯދުމަކާ ނުލައި ދައުލަތުގެ ބަންޑާރަ ބިން ބޭނުންކުރުމާއި އެބިންތަކާއި ގުޅިފައިވާ ގޮނޑުދޮށްތަކުގައި ބީޗް ހެދުން ފަދަ މަސައްކަތްތައް ކުރުމަކީ ތިމާވެއްޓަށް އެކަމުން އަސަރުކުރާނެ އަދި ގާނޫނުގައި ވެސް އެކަން މަނާކޮށްފައިވާ ކަންކަމެވެ،" ބަޔާނުގައި ބުންޏެވެ. "އެހެންކަމުން މިފަދަ މަސައްކަތް ކުރަމުން ގެންދާ އެންމެހާ ފަރާތްތަކަށް އެފަދަ މަސައްކަތް ނުކުރުމަށް ދަންނަވަމެވެ."
ކައުންސިލުން ބުނިގޮތުގައި ފޭދޫ ހިއްކިބިން ސަރަހައްދަކީ އައްޑޫގެ ކުރިމަގާ ގުޅިފައިވާ އިގުތިސާދީ މަސައްކަތްތައް ކުރުމުގެ ގޮތުން ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން ކަނޑައަޅައި އެކަމަށް ވަރަށް ގިނަ މަސައްކަތްތައްކެއްކޮށް ފަހުގެ މަރުހަލާގައިވާ ތަނެކެވެ. އެހެންވެ ސަރަހައްދުގައި ބީޗް ހެދުން ފަދަ މަސައްކަތްތައް ކުރުމަކީ އެކަމުގެ ސަބަބުން ޕްރޮޖެކްޓަށް ނޭދެވޭ އަސަރުތަކެއް ކުރާނޭ ކަމަކަށްވާތީ ހިއްކި ބިމުގައި އެފަދަ މަސައްކަތް ނުކުރަން އެދިފައިވެ އެވެ.
އަދި އެންގުމާ ހިލާފަށް އަމަލުކުރާ ނަމަ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު ވެސް ކައުންސިލުން ދީފައިވެ އެވެ.
އައްޑޫގެ ހުރިހާ އަވަށްތަކެއްގައިހެން މިހާރު ބޮޑު ވާދަވެރިކަމެއް ގޮތަށް ބީޗްތައް ހެދުމުގެ މަސައްކަތްކޮށްފައިވެ އެވެ.
އައްޑޫގެ އަވަށްތަކުގައި ބީޗްތައް ނުހެދުމަށް ކައުންސިލުން ގޮވާލި އިރު އައްޑޫގެ ހުރިހާ އަވަށެއްގައި މީހުން މޫދަށް އެރެން ވަނީ ފަތާ ޓްރެކް ވެސް އަޅައިފަ އެވެ. އެގޮތުން އެންމެ ފަހުން ޓްރެކް އެޅީ ފޭދޫގަ އެވެ.