ގައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އުރީދޫން "ގްރޯ ވިތް އުރީދޫގެ ހާއްސަ ހަރަކާތެއް ސ. މީދޫގައި ބާއްވައިފި އެވެ.
މިދިޔަ ބުރާސްފައްޗާއި ހުކުރު ދުވަހު ބޭއްވި ހަރަކާތްތަކުގެ ތެރޭގައި ދަނޑުވެރިންނަށް ހާއްސަކޮށްގެން ނަމާދުކުރާ ގެއެއް ބިނާކުރުމާއި ދަނޑުވެރިކަމަށް ބޭނުންވާ މުހިންމު ވަސީލަތްތައް ފޯރުކޮށްދިނުމުގެ އިތުރުން ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް އޮތެވެ.
އެ ރަށުގެ ނާސަރީ އާއި ދަނޑުވެރިންގެ މާރުކޭޓު ރަސްމީކޮށް އިފްތިތާހު ކުރުމުގެ އިތުރުން، ދަނޑުވެރިން ނަމާދުކުރުމަށް ހާއްސަ ކޮށްފައިވާ ގެ އިފްތިތާހުކުރީ މީދޫގެ ކައުންސިލުން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެެވެ.
އެ ހަރަކާތުގެ ތެރެއިން، އައްޑޫ މީދޫގައި އަލަށް ހުޅުވި ނާސަރީއަށް އުރީދޫގެ ފަރާތުން ވަނީ މޭވާ އަޅާ ގަސް ހަދިޔާކޮށްފަ އެވެ. އަދި އައްޑޫގެ އުރީދޫ މުވައްޒަފުންނާއި މީދޫގެ މީހުން ގުޅިގެން އެ ނާސަރީގައި ގަސް އިންދުމުގެ ހާއްސަ ހަރަކާތެއް ވެސް ބޭއްވި އެވެ.
"ގްރޯ ވިތު އުރީދޫ" ބްރޭންޑް އެމްބަސެޑަރު އަދި އައްޑޫގެ ފާހަގަކޮށްލެވޭ ދަނޑުވެރިޔާ އަބްދުﷲ ރަމްޒީ ވަނީ ދަނޑުވެރިކަމަކީ އެ ސިޓީގެ ދިރިއުޅުމާއ ގުޅިފައިވާ މުހިންމު މަސައްކަތެއް ކަން ފާހަގަކޮށްފަ އެވެ. އަދި އުންމީދަކީ މިފަދަ ހަރަކާތްތަކުގެ ސަބަބުން، ދަނޑުވެރިކަމުގެ މުހިންމުކަން ދަނެގަނެ، އަމިއްލައަށް ގަސް ހައްދައި، މި ދާއިރާއަށް އިތުރު ޒުވާނުންނަށް ނުކުތުމަށް ހިތްވަރު ލިބުން ކަމަށް ބުންޏެވެ.
އެ ނާސަރީގައި ދަނޑުވެރިން މަސައްކަތުގައި އުޅޭ ވަގުތުތަކުގައި ފަސޭހަކަމާއެކު އަޅުކަން ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ނަމާދުގެ ހަދައިދިނީ އުރީދޫގެ އެހީތެރިކަމާ އެކު އެވެ.
'ގްރޯ ވިތު އުރީދޫ' އަކީ ދެމެހެއްޓެނިވި ދިރިއުޅުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ބާރުއެޅުމުގެ ގޮތުން، އުރީދޫގެ އިޖުތިމާއީ ޒިންމާގެ ދަށުން މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމެކެވެ.
އައްޑޫ މީދޫގެ އިޖުތިމާއީ ވަސީލަތްތައް ހަރުދަނާ ކުރުމަށާއި ރަށް ފެހިކުރުމުގެ ހަރަކާތްތަކުގެ އިތުރުން، އެ ރަށުގެ ދަނޑުވެރިންނަށް އެ ކުންފުނިން ފޯރުކޮށްދެމުންދާ އެހީތެރިކަމަކީ، އެ ކުންފުނީގެ ހިދުމަތް ލިބޭ ރަށްރަށުގެ ކުރިއެރުމަށާއި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމުގައި ބައިވެރިވުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކެކެވެ.