ގޫގުލް ޕިކްސެލް ފޯނުތަކަށް އުރީދޫން 5ޖީގެ ހިދުމަތްތައް ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އުރީދޫން ބުނީ މި ހިދުމަތާ އެކު، ގޫގުލް ޕިކްސެލް ފޯނު ބޭނުންކުރާ މީހުންނަށް އެ ކުންފުނީގެ 5ޖީ ނެޓްވޯކް މެދުވެރިކޮށް، "ހަލުވި އިންޓަނެޓް ސްޕީޑް" ލިބި ހިދުމަތް އިތުރަށް ފުރިހަމަވާނެ ކަމަށެވެ.
މި ހިދުމަތް ސަޕޯޓްކުރާ ގޫގުލް ޕިކްސެލް ސްމާޓް ފޯނުތައް ގެންގުޅޭ ކަސްޓަމަރުން، ފޯނުގެ ސޮފްޓްވެއާ އެންމެ ފަހުގެ ވާޝަނަށް އަޕްޑޭޓް ކުރުމަށް ފަހު، މޮބައިލް ނެޓްވޯކް ސެޓިންސް އިން 5ޖީ އެކްޓިވޭޓް ކުރުމުން ފަސޭހަކަމާއެކު 5ޖީ ބޭނުންކުރަން ފެށޭނެ އެވެ. މިއީ އުރީދޫގެ 5ޖީ ނެޓްވޯކް ކަވަރޭޖް ލިބޭ ހުރިހާ ސަރަހައްދަކުން ވެސް 5ޖީ ކަނެކްޓިވިޓީ ލިބޭނެ ހިދުމަތެއްކަން އުރީދޫން ފާހަގަކުރެ އެވެ.
އުރީދޫ ނެޓްވޯކްގައި ގޫގުލް ޕިކްސެލް ފޯނު ބޭނުންކުރާ ކަސްޓަމަރުންނަށް 5ޖީގެ ހިދުމަތްތައް ދޭން މި ފެށީ، މި މަހުގައި ގޫގުލްގެ އެންމެ ފަހުގެ ސޮފްޓްވެއާ އަޕްޑޭޓަށް ފަހު އެވެ.
ވޮއިސް އޯވާ އެލްޓީއީ (ވީއޯއެލްޓީއީ) ވެސް މި އަޕްޑޭޓަށް ފަހު ބޭނުންކުރެވޭނެ އެވެ. އެގޮތުން، ވޮއިސް އޮވާ އެލްޓީއީ ބޭނުންކުރުމަށް 4ޖީ ނެޓްވޯކް މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރަށް ސާފުކޮށް ފޯނު ކޯލުތައް ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
މި އައު އަޕްޑޭޓުން ގޫގުލް ޕިކްސެލް 7، ޕިކްސެލް 8، ޕިކްސެލް 9، ޕިކްސެލް 10 އަދި ޕިކްސެލް 11 ގެ ފޯނުތަކަށް މި ހިދުމަތްތައް ސަޕޯޓް ކުރާނެ އެވެ. އަދި އެ ފޯނު ސީރީޒްތަކުގެ އިތުރުން ޕިކްސެލް ފޯލްޑް ޑިވައިސްތަކާއި މި ހިދުމަތް ސަޕޯޓްކުރާ އޭ-ސީރީޒް އަދި ޕްރޯ ފޯލްޑް މޮޑެލްތަކަށް ވެސް އުރީދޫގެ ހިދުމަތްތައް އުރީދޫން ދޭނެ އެވެ.