އުރީދޫ ނޭޝަން އިން އިންތިޒާމްކުރާ "އިންޓަ އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ކުންފުނިތަކަށާއި އޮފީސްތަކަށް ހުޅުވާލައިފި އެވެ. 

ޖުމްލަ 30،000ރ. ގެ ފައިސާގެ އިނާމަކާ އެކު ބާއްވާ މި މުބާރާތަކީ ރާއްޖޭގެ އެކި އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ވާދަވެރި އަދި މަޖާ މާހައުލެއްގައި އީ-ސްޕޯޓްސްގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.

މި އަހަރުގެ މުބާރާތުގައި ދުނިޔޭގެ އެންމެ މަގުބޫލު ތިން ގޭމް ކަމަށްވާ ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް އަދި އީއޭއެފްސީ ގޭމު މުބާރާތްތައް އޮންނާނެ އެވެ. މީގެ ކޮންމެ ގޭމަކަށް ޖުމްލަ 10،000ރ. ގެ ފައިސާގެ އިނާމު ވަނީ ހިމަނައިފަ އެވެ.

މި ހަރަކާތުގައި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް މުބާރާތުގައި ބައިވެރިވެވޭނީ މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ. އޮންލައިންކޮށް ބާއްވާ މި މުބާރާތް އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 8 ޖަހާއިރު އެވެ.

މި ހަރަކާތުގައި ކުޅޭ ޕަބްޖީ މޮބައިލް މުބާރާތުގައި ރަޖިސްޓްރީ ކުރެވޭނީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. އޮންލައިންކޮށް އޮންނަ މި މުބާރާތް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭގަނޑު 8 ޖަހާއިރެވެ. 

މި ހަރަކާތުގައި ކުޅޭ އީއޭއެފްސީ މުބާރާތަށް ރަޖިސްޓްރީ ކުރެވޭނީ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށެވެ. އުރީދޫގެ ހެޑް އޮފީހުގައި އޮންނަ މި މުބާރާތް އޮންނަނީ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ހަވީރު 4 ޖަހާއިރެވެ. 

މި ޗެމްޕިއަންޝިޕުގައި ކުޅޭ ކޮންމެ ގޭމެއްގެ ވެސް އެއް ވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ 5000ރ. އެވެ. އަދި ދެ ވަނަ އަށް ހުށަހަޅާފައި ވަނީ 3000ރ. އެވެ. މި ޗެމްޕިއަންޝިޕުގައި ޕަބްޖީ މޮބައިލް އާއި މޮބައިލް ލެޖެންޑުގެ ތިން ވަނަ އަށް 1500ރ. ހުށަހަޅާފައިވާއިރު ީއީއޭއެފްސީގެ ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 200ރ. އެވެ. އަދި ޕަބްޖީ މޮބައިލް އާއި މޮބައިލް ލެޖެންޑުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ލިބެނީ 500ރ. އެވެ. 

މި ޗެމްޕިއަންޝިޕުގައި ކޮންމެ މުއައްސަސާއަކަށް ނުވަތަ ކުންފުންޏަކަށް ވެސް އެއް ޓީމަށް ވުރެ ގިނަ ޓީމު ބައިވެރިކުރުމުގެ ފުރުސަތު އޮންނާނެ އެވެ. މުބާރާތުގައި ބައިވެރިވާ މުވައްޒަފުންނަކީ އެ އޮފީހެއްގައި މަދުވެގެން 6 މަސް ދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށް ވާން ޖެހެ އެވެ. 

ޓީމުތައް އެކުލަވާލުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކަކީ:

• ޕަބްޖީ މޮބައިލް: ކޮންމެ ޓީމެއްގައި ޖުމްލަ 6 ކުޅުންތެރިން ހިމަނަން ޖެހެ އެވެ. އޭގެ ތެރެއިން މަދުވެގެން 4 ކުޅުންތެރިންނަކީ އެ އޮފީހުގެ މުވައްޒަފުންނަށް ވާންޖެހެ އެވެ. ޓީމުތަކުން ބޭނުންވާ ނަމަ، އަނެއް 2 ކުޅުންތެރިން އޮފީހުން ބޭރުން ހޯދޭނެ އެވެ. 

• މޮބައިލް ލެޖެންޑްސް: ކޮންމެ ޓީމެއްގައި ޖުމްލަ 7 ކުޅުންތެރިން ހިމެނެން ޖެހެ އެވެ. އޭގެ ތެރެއިން މަދުވެގެން 5 ކުޅުންތެރިންނަކީ އެ އޮފީހެއްގެ މުވައްޒަފުންނަށް ވާންޖެހޭއިރު، ބާކީ 2 ކުޅުންތެރިންނަކީ އޮފީހުން ބޭރުން ބައިވެރިކުރެވިދާނެ ކުޅުންތެރިންނެވެ.

• އީއޭއެފްސީ: މިއީ ވަކިވަކި ކުޅުންތެރިންގެ މެދުގައި ކުރިއަށްދާ ސޯލޯ މުބާރާތެކެވެ. މި ބައިގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންނަކީ ވެސް އެ އޮފީހެއްގެ ރަސްމީ މުވައްޒަފުންނަށް ވާންޖެހެ އެވެ.

އިންޓަ އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕަކީ ރާއްޖޭގައި އީ-ސްޕޯޓްސްގެ ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުވުމަށާއި، ޒަމާނީ މުނިފޫހިފިލުވުމުގެ ތެރެއިން މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކުރުމުގެ މަގުސަދުގައި އުރީދޫ ނޭޝަނުން ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ.