ރާއްޖޭގައި ފުރަތަމަ ފަހަރަށް ދަނޑުވެރިކަމުގައި ބޯހިމަނަން އެގްރިކަލްޗަރު މިނިސްޓްރީން ފަށައިފި އެވެ.
އެއީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީ އާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އަދި އދ. ގެ ފުޑް އެންޑް އެގްރިކަލްޗާ އޮގަނައިޒޭޝަން (އެފްއޭއޯ) ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނީ މުޅި ރާއްޖޭގެ ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރާ ރަށްރަށުން 39 ފަރާތަކުން މި ހަރަކާތުގައި ބައިވެރިވާ ކަމަށެވެ.
ގައުމީ ފެންވަރުގައި އަލަށް ކުރިއަށް ގެންދާ ބޯހިމެނުމުގެ ސަބަބުން، ދަނޑުވެރިކަމުގެ ދާއިރާގެ މުހިންމު ތަފާސްހިސާބުތައް ލިބޭނެ ކަމަށާއި އެއީ ކާނާގެ ރައްކާތެރިކަމާ ގުޅޭގޮތުން ހުރި ގޮންޖެހުންތަކާއި މަދުވާ ކަންކަން ދެނެގަތުމަށް އަޅާ މުހިންމު ބިންގަލަކަށް ވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ބޯހިމެނުމުން ލިބޭ މައުލޫމާތުތަކުގެ އެހީގައި، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރު ކުރުމަށާއި އެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ އިތުރުން ގައުމީ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމަށް މަގުފަހިވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.