ފުވައްމުލަކުގެ ހާއްސަކަން ސިފަކޮށްދެއްވަމުން މަޝްހޫރު ލިޔުންތެރިޔާ މުހައްމަދު އިސްމާއީލް ދީދީ (ދޮންތުއްކަލާ) އޭނާގެ ދަތުރުނާމާގައި ލިޔުއްވި ގޮތުގައި މި ރަށް "އެއްގޮތަކަށް ވެސް ދިވެހިރާއްޖޭގެ ތަނެއްގެ ވައްތަރު ނުޖަހަ" އެވެ. އުސްފަސްގަނޑަކާ އެކުވާ ގޮނޑުދޮށާއި އޮފުކަންގަދަ އަކިރީގެ އަތިރިމައްޗަކާއި އޭގެ މަތިން ފެންނަ ފެހިކަން ގަދަ ގަސްކަރަ އެވެ. ތޮއްޓެއްގެ ހިމާޔަތެއް ނުލިބި، ކަނޑުތިލަވަމުން ގޮސް ރަށާ ޖެހޭއިރު ވެސް ބިންދަމުންދާ މާ ރާޅުތަކެވެ.

ގުދުރަތީ އެފަދަ ސިފަތަކުގެ އިތުރަށް މި ރަށް ހާއްސަވާ އަނެއް ސަބަބަކީ، ގަދީމީ އާސާރުތަކެވެ. އޭގެ ތެރެއިން ވެސް ރާއްޖޭގެ އެވޭލާ ތާރީހުގެ މުހިއްމު ރަމްޒުތަކެއް ކަމަށްވާ ގެން މިސްކިތާއި އެ މިސްކިތު ވެވާއި ހަވިއްތަ ފާހަގަކުރެވެ އެވެ.

ގެން މިސްކިތަކީ، ފުވައްމުލަކުގެ އިސްލާމީ ދައުރުގެ ފެށުމެވެ. މި ރަށަށް އިސްލާމް ދީނުގެ ހިދާޔަތު ލިބި، އެންމެ ފުރަތަމަ ބިނާކުރި މިސްކިތެވެ. ތާރީހީ ލިޔުންތައް ބުނާ ގޮތުގައި މި މިސްކިތް ބިނާކޮށްފައިވަނީ ފުވައްމުލަކުގައި ބުދިސްޓުން އުޅުނުއިރު، ހުރި މޮނާސްޓްރީގެ ބައެއްގަ އެވެ.

ފުވައްމުލަކުގެ ތާރީހު ދިރާސާ ކުރައްވާ އަދުނާން އިބްރާހީމް ދީދީ ވިދާޅުވި ގޮތުގައި، އެކަމަށް ބާރު ލިބެނީ މިސްކިތް އެޅި ބިންގާ ގިބުލަޔަށް ނެތުމާއި ކުރީގެ ތަރަހައެއްގެ މަތީގައި މިސްކިތް ހުރުމާއި އެ ތަރަހައަށް ވުރެ މާބޮޑުތަން މާކުޑަކޮށް މިސްކިތް ހުރުމެވެ.

ފުވައްމުލަކު ގެން މިސްކިތް: މިއީ އެ ރަށުގައި ބިނާކުރި ފުރަތަމަ މިސްކިތް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފުވައްމުލަކު ގެން މިސްކިތް: މިއީ އެ ރަށުގައި ބިނާކުރި ފުރަތަމަ މިސްކިތް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް މިސްކިތަކަށް ވުމާ އެކު، މި ތަނާ މެދު އެ ރަށު މީހުންނާއި އެހެން ބައެއް ރަށްރަށުގެ މީހުން ވެސް ދެކެނީ ހާއްސަ ނަޒަރަކުންނެވެ.

އަދުނާން ވިދާޅުވި ގޮތުގައި، ކުރީ ޒަމާންތަކުން ފެށިގެން ދާދި ފަހަކާ ހަމަޔަށް ވެސް މި މިސްކިތުގައި އިއުތިކާފަށާއި ނަދުރު ބުނެގެން ރޯދަޔަށް ތިބުމަކީ ފުވައްމުލަކުގެ އަހުލުވެރިންނާއި އެހެން އަތޮޅުތަކުގެ މީހުން ވެސް ކުރަމުން އައި ކަމެކެވެ.

"މިފަދަ ކަންކަމުގައި އެއް ދުވަސް ނުވަތަ އެ އަށް ވުރެ ގިނަ ދުވަސްތަކުގައި ތިބޭ ތިބުމުން ދައްކައިދެނީ އެވޭލާ ދުވަސްވަރު މި މިސްކިތާ މެދު މީހުން އިހުތިރާމްކުރާ މިންވަރެވެ،" އަދުނާން ވިދާޅުވި އެވެ.

މި މިސްކިތަށް އެކި ދުވަސްވަރު ވަނީ ބަދަލުތައް ގެނެސްފަ އެވެ. އެންމެ ފާހަގަކުރެވޭ ބަދަލެއް ގެންނެވީ މި ރަށު ކަރިއްޔާ ގަނޑުވަރު އިބްރާހީމް ދީދީ އެވެ. އެ ގަނޑުވަރުގެ އޮޑިއެއް ރާޅާއި ލައްވައިގެން ހަލާކުވުމުން އެ އޮޑީގެ ލަކުޑިތައް ބޭނުންކޮށްގެން މިސްކިތަށް ބައެއް ބައިތައް އިތުރު ކޮށްފައިވެ އެވެ. އޭގެ ފަހުން 1987 ގައި މިސްކިތުގައި ފެންޑާއެއް ހެދި އެވެ. އަދި ސަރުކާރުން ހަރަދު ކޮށްގެން މިސްކިތަށް ވުޟޫ ކުރާނެ ތަނަކާއި ފާހާނާ ބަރިއެއް ވެސް ވަނީ އިތުރު ކޮށްފަ އެވެ.

ފުވައްމުލަކު ގެން މިސްކިތް: މިއީ އެ ރަށުގައި ބިނާކުރި ފުރަތަމަ މިސްކިތް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފުވައްމުލަކު ގެން މިސްކިތް: މިއީ އެ ރަށުގައި ބިނާކުރި ފުރަތަމަ މިސްކިތް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި މިސްކިތުގައި ދެ ޒިޔާރަތެއް ހުރެ އެވެ. އޭގެ ތެރެއިން އެއް ޒިޔާރަތަކީ ބުނެވޭ ގޮތުގައި ފުވައްމުލަކަށް އިސްލާމް ދީން ގެނެސްދެއްވި އަބޫބަކުރު ނާއިބުކަލޭގެ ޒިޔާރަތެވެ. ވަރަށް ފަހަކާ ޖެހެންދެން ވެސް ނަދުރު ބުނެގެން ކުދިންނާއި ބޮޑެތި މީހުން ކިރުމަށްޓަކައި ދޮންކޭލާއި ބޮނޑިބަތް ހިފައިގެން ބޭރު އަތޮޅުތަކުން ވެސް އެތަނަށް މީހުން އަ އެވެ.

"ނަދުރު ބުނެގެން ޒިޔާރަތުގައި ދިދަ ޖެހުމާއި ހުކުރު ހޯމަ ދިލޭރޭ ދުންދިނުމަކީ އެވޭލާ ދުވަސްވަރު އާއްމުކޮށް ކުރަމުން އައި ކަމެއް."

ފުވައްމުލަކުގައި މިހާރު ފެންނަން ހުރި ދެ ވެވުގެ ތެރެއިން އެންމެ ބޮޑު ވެވު ހުންނަނީ މި މިސްކިތު ގޯތިތެރޭގަ އެވެ. މި ރަށަކީ އިހުގައި ރާއްޖޭގައި އެންމެ ގިނަ ވެވު ހުރި އެއް ރަށެވެ. އެގޮތުން 1921 ވަނަ އަހަރުގެ ބޯހިމެނުގެ ތަފާސްހިސާބުގައިވާ ގޮތުގައި 426 ވެވު ހުއްޓެވެ.

ފުވައްމުލަކު ގެން މިސްކިތް: މިއީ އެ ރަށުގައި ބިނާކުރި ފުރަތަމަ މިސްކިތް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފުވައްމުލަކު ގެން މިސްކިތް: މިއީ އެ ރަށުގައި ބިނާކުރި ފުރަތަމަ މިސްކިތް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުހައްމަދު އިސްމާއީލް ދީދީ ލިޔުއްވާފައިވާ ގޮތުގައި މި ރަށުގައި ވެވެއް ނެތް ގެޔެއް ހުރި ހެން ހީނުވާ ކަމަށެވެ. ފެންވެރުމަށާއި ނަޖިހުން ތާހިރުވުމަށް ވެސް ބޭނުންކުރަނީ ވެވުތަކެވެ. ރަށަށް އަންނަ ދަތުރުވެރިން ފެންވަރަނީ ވެސް މިފަދަ ވެވުތަކުންނެވެ. އޭގެ ސަބަބުން ހަމުގެ ބަލިތަކާއި ބަރަސް ބައްޔާއި ކަސް އެޅުން އޮތީ އާއްމުވެފަ އެވެ. އެހެންވެ 1952 ވަނަ އަހަރު ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ދިން ލަފައެއްގެ މަތިން، އޭރު މި ރަށުގެ އަތޮޅުވެރިޔާ މުހައްމަދު އިބްރާހީމް ލުތުފީ އިސްކޮށް ހުންނަވައި ވެވުތަކަށް ފަސްއަޅައި ނައްތާލެއްވީ އެވެ.

އެއީ އޭރު މި ރަށު މީހުން ވަރަށް ހިތްހަމަނުޖެހުނު ކަމެކެވެ. ނަމަވެސް އެ ފިޔަވަޅާ އެކު ހަމުގެ ބަލިތައް އެއްކޮށް ނެތި ދިޔައީ ކަމަށް އަދުނާން ވިދާޅުވި އެވެ.

އެހެންވެ، މިހާރު ފެންނަން ހުރި ދެ ވެވުގެ ތެރެއިން އެންމެ ބޮޑު ވެވު ކަމަށްވާ ގެން މިސްކިތުގައިވާ ފެންގަނޑު ވަނީ ހާއްސަވެފަ އެވެ.

ބެލްގެ ފޮތުގައި ޖަހާފައިވާ ފުވައްމުލަކު ހަވިއްތައިގެ ފޮޓޯއެއް.
ބެލްގެ ފޮތުގައި ޖަހާފައިވާ ފުވައްމުލަކު ހަވިއްތައިގެ ފޮޓޯއެއް.

ފުވައްމުލަކުގެ ގަދީމީ ތާރީހީ ތަންތަނުގެ ތެރެއިން މިހާރު ފެންނަން ހުރި އެންމެ ދުވަސްވީ ތަނަކީ ހަވިއްތައިގެ ބައިތަކެވެ. ބުދިޒަމްގެ ޒަމާނުގައި އަޅުކަން ކުރަން ބޭނުންކުރި މި ތަން، މި ރަށަށް އިސްލާމް ދީން އައުމާ އެކު ފަސްއަޅައި ފޮރުވައިލީ އެވެ. މިތަން އެންމެ ފުރަތަމަ ފާހަގަކުރެވުނީ 1800ގެ އަހަރުތަކުގަ އެވެ. މިތަނުގެ ދިރާސާއެއް އެއްވެސް މިންވަރަކަށް އެންމެ ފުރަތަމަ ކުރެއްވީ އިނގިރޭސި އާކިއޮލޮޖިސްޓް  އެޗް.ސީ.ޕީ ބެލް އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މި ހަވިއްތައާ ސްރީ ލަންކާގެ އަނޫރާދަޕުރާގައި ހުންނަ ދާގަބާތަކާ އެއްގޮތް ކަންތަކެއް ހުއްޓެވެ. އޭނާގެ ދިރާސާގައި ލިޔުއްވާފައިވާ ގޮތުގައި ހަވިއްތަ އިގެ ގުއްބު ވެއްޓި، އޭރު ފެންނަން އޮތީ އޮނިގަނޑުގެ ބައިތަކާއި، ބިންގަލުގެ ބަޔެކެވެ.

ބެލްގެ ދަތުރުގެ ފަހުން ސަރުކާރުން ފޮނުވި ބަޔަކު އެތަން ކޮނެ، ބުދާއި ބައެއް އެހެން ސާމާނު ހޯދި އެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން މި ރަށަށް ޒިޔާރަތް ކުރެއްވި މުހައްމަދު އިސްމާއީލް ދީދީ ލިޔުއްވި ގޮތުގައި މި ހަވިއްތައިގައި ބުދެއް ހުރި ކަމަށް މި ރަށު މުސްކުޅިވެރިން ބުނެ އުޅެ އެވެ. އެ ބުދު ހުރީ އެއްއަތް ދަމާލައިގެން ކަމަށާއި އެ އަތުގައި ވަނީ ރޯނުފަށެއް ޖަހާފައިވާ މަސް އަރިޔެއް ކަމަށް އެ މީހުން ބުނާ ކަމަށް އޭނާ ލިޔުއްވި އެވެ.

ބެލްގެ ފޮތުގައި ޖަހާފައިވާ ފުވައްމުލަކު ހަވިއްތައިގެ ފޮޓޯއެއް.
ބެލްގެ ފޮތުގައި ޖަހާފައިވާ ފުވައްމުލަކު ހަވިއްތައިގެ ފޮޓޯއެއް.

"މުލަކު މީހުން އެ ބުދަށް ކިޔާ އުޅެނީ މަސްތޮފި ކަލޭގެޔެވެ."

އޭގެ ފަހުން މިތަނާ ބެހޭ މާބޮޑު ދިރާސާއެއް ކޮށްފައެއް ނުވެ އެވެ. އަދި އެ ތަނުން ކޮނެގެން މާލެ ގެންދިޔަ އެއްޗެހި ވީތަނެއް ވެސް ނޭގެ އެވެ. ނަމަވެސް، މިހާރު ލިބެން ހުރި މައުލޫމާތުތަކާ އެކު ވެސް، ފުވައްމުލަކުގެ މި ތާރީހީ ތަންތަން ވެފައިވަނީ މި ރަށަށް ޒިޔާރަތްކުރާ މީހުންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ލެނބޭ ތަންތަނަށެވެ.