"ފަގީރުކޮއެ"ގެ ނަމުންް މީހުން މުހާތަބުކޮށް އުޅުނު މީހަކު، އޭނާގެ ލޯބިވާ އަނބިމީހާ ލޯމަރާލާފައި ލޯ ހުޅުވާލަންވާއިރަށް ގަނޑުވަރެއް ބިނާކޮށްދިންކަން ގަބޫލު ކުރާނަން ހެއްޔެވެ؟ 

މިއީ ހދ. ފިނޭގައި ވަރަށް އޮލަކޮށް ކިޔައިޅޭ ފޯކުލޯރެކެވެ؛ ރަށުގައި އެއް ޒަމާނެއްގައި އުޅުނު "އާދަޔާ ހިލާފު" ފަގީރުކޮއެއްގެ ވާހަކަ އެވެ. އެ ވާހަކަ އެކި ގޮތްގޮތަށް ތުންތުންމަތިން މިހާ ހިސާބަށް އައިސްފައިވާއިރު، ވާހަކައަށް ބާރު ލިބޭ ނިޝާންތައް ވެސް ރަށުން ފެންނަން އެބަ ހުއްޓެވެ. 

މި ފަހަކާ ޖެހެންދެން ވެސް ފިނޭގައި ބޮޑު ޒިޔާރާތެއް ހުއްޓެވެ. އެއީ ހުދު ދިދަ ނަގައި، ޒިޔާނަތްތެރިކޮށްގެން ހޯމަ، ހުކުރުވިލޭރޭ ވޮށް ދިއްލައިގެން ގެންގުޅުނު އިހުގެ ތަނެކެވެ. އެއީ މީގެ ކުރިން ރާއްޖޭގައި ވަރަށް އާންމު ކަމަކަށް ވިޔަސް ބިދުއަ އަދި ޝިރުކަ ހިމެނޭ ކަމެއްކަން އެނގިގެން ހުއްޓާލާފައިވާ ނަދުރު ބުނުމުގެ ކަންކަން އެ ތަނުގައި ވަރަށް ފޯރީގައި އޮތެވެ. 

އުތުރުގައި މަޝްހޫރު، ފިނޭގެ ޒިޔާރާތުގައި ހުރީ ދެމަފިރިއެއްގެ މަހާނައެކެވެ. އެއީ ފަގީރުކޮއެ އާއި އޭނާގެ އަންހެނުން ފިނޭ ކަތީބުގެ ދަރި ދޮން އައިސަގެ މަހާނަ ކަމަށްވެ އެވެ. 

މިހާރު ގާފޮޅުތަކެއް އޮތް އެ ޒިޔާރަތަކީ ފަގީރުކޮއެ އާއި އޭނާގެ އަންހެނުން ދިރިއުޅުނު "ގަނޑުވަރު" އެވެ. މި ރަށާއި ހިސާބުގަނޑު މީހުން އިއްޒަތް ދިން މި ގަނޑުވަރަކީ ކުއްލިއަކަށް ބިނާވި ތަނެއްކަމަށް ކިޔައި އުޅެ އެވެ. 

ހދ. ފިނޭގައި ހުރި ފިނޭ ފަގީރުކޮއިގެ ޒިޔާރަތް: އެ ތަން މިހާރު ވަނީ ނައްތާލާފައި - ފޮޓޯ: އަބްދުﷲ ސައީދު ބްލޮގު
ހދ. ފިނޭގައި ހުރި ފިނޭ ފަގީރުކޮއިގެ ޒިޔާރަތް: އެ ތަން މިހާރު ވަނީ ނައްތާލާފައި - ފޮޓޯ: އަބްދުﷲ ސައީދު ބްލޮގު

"މީދާކޭ އުނބެއް ދައްކާފައި ފަގީރުކޮއެ ބުނީ ދޮން އައިސަ ކައިރީގަ މީގައި އިށީންނާށޭ. އޭގަ ދޮން އައިސަ އިށީނީމަ ބުނީ ލޯމަރާށޭ. ދެން ބުނީ ލޯ ހުޅުވާލާށޭ. ލޯ ހުޅުވާލިއިރު ނުލާހިކު ފައްކާ ގަނޑުވަރެއްގަ މި ހުރީ،" ހުސެއިން އަހުމަދު، 72 ކިޔައިދިނެވެ. 

ފިނޭގައި ހުރި ބޮޑު ބަނބުކެޔޮ ގަހެއްގެ ހިޔަލުގައި އާދައިގެ ގޮނޑިއެއްގައި އިނދެ ހުސެއިން އަހުމަދު، ފަގީރުކޮއެގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

އޭނާ ބުނާ ގޮތުން ފަގީރުކޮއެ އަކީ ފިނޭ އަށް ނިދަން އައިސް އުޅުނު މީހެކެވެ. އޭނާ އާންމުކޮށް އުޅެނީ ފިނޭއާ ޖެހިގެން އޮތް ފަޅު ރަށެއް ކަމަށްވާ ތީފަރިދޫގަ އެވެ. ފަގީރުކޮއެގެ ނަމުން ފިނޭ މީހުން އޭނާއަށް ނަން ދިނީ ވަންނާނެ ގެއެއް، ކާނެ އެއްޗެއް އޭނާގެ އަތުގައި ނޯންނާތީ އެވެ. ނިދައި އުޅުނީ ރަށުގެ ހޮޅުއަށި ގޭގަ އެވެ. 

ފަގީރުކޮއެ އޭ އެ މީހާ އަށް ކިޔައި އުޅުނަސް، ހުސެއިން އަހުމަދު ބުނި ގޮތުގައި އެއީ ވަލީވެރިއެކެވެ. ފިނޭ އިން ތީފަރިދު އަށް ކަނޑުން ހިނގާފައި އޭނާ އަންނައިރު އެއްވެސް ވަރަކަށް ތެމިފައި ނުހުންނަ ކަމާއި ދަތުރު ކުރަނީ ކަޅުހިލަދައިގައި ކަމަށް ކިޔައި އުޅޭ ކަމަށް ހުސެއިން ބުންޏެވެ. އަދި ރަށު ތެރޭ ހެދިފައި ހުންނަ ފެންގަނޑުތަކުން ކަނޑުމަސް ބޭނުން ފަދަ އާދަޔާ ހިލާފު ކަންކަން ވެސް ފަގީރުކޮއެ ފަރާތުން މީހުންނަށް ފެނިފައިވާ ކަމަށް ބުނެ އެވެ. 

ފަގީރުކޮއެއަށް މީހުން މާބޮޑު ސަމާލުކަމެއް ނުދެނީސް އޭނާއާ ވާހަކަ ދައްކާ ހަދަން ފެށީ، ހުސައިން ބުނި ގޮތުގައި އޭރު ރަށުގެ ކަތީބުގެ އަންހެން ދަރި، ދޮން އައިސަ އެވެ. އޭނާއަކީ އޭރު މުޅި އުތުރަށް ވެސް މަޝްހޫރު ރީތި ފަތްމިންޏެއް ކަމަށް ވެ އެވެ. ފަގީރުކޮއެ ހޮޅުއަށީގޭގައި އޮންނައިރު އެ ތަނަށް ގޮސް ފަގީރުކޮއެ އާއި ދޮން އައިސަ ވާހަކަ ދައްކައި އުޅުނެވެ. 

ފިނޭގެ ހުސެއިން އަހުމަދު "މިހާރު" އަށް އިންޓަވިއު ދެނީ: އޭނާ ވަނީ ތުންތުންމަތިން ފަގީރުކޮއެގެ ވާހަކަ އައިސްފައިވާ ގޮތް ކިޔައިދީފައި - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފިނޭގެ ހުސެއިން އަހުމަދު "މިހާރު" އަށް އިންޓަވިއު ދެނީ: އޭނާ ވަނީ ތުންތުންމަތިން ފަގީރުކޮއެގެ ވާހަކަ އައިސްފައިވާ ގޮތް ކިޔައިދީފައި - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުސައިން ބުނާ ގޮތުން މީހުން މާބޮޑު ސަމާލުކަމެއް ނުދޭ ފަގީރުކޮއެގެ ދިރިއުޅުން ބަދަލުވީ ކަތީބު އަށް ދިމާވި ހާދިސާއަކާ ގުޅިގެންނެވެ.

މިއީ އެ ހާދިސާ ހުސައިން ކިޔައިދިން ގޮތެވެ؛ އެއް ދުވަހެއްގައި ނަމާދު އައިސް ސައި ބޮއެ ނިމި ކަތީބު ހަމަޖެހިލިތަނާ އޭނާގެ އަތުން ދިލަ ނަގަން ފެށި އެވެ. އެކި މީހުން ލައްވާ ފެންތަށި ކިޔަވައިގެން ވެސް ކަތީބަށް ފަސޭހައެއް ނުވި އެވެ. ދިލަ ވަނީ އިތުރެވެ. ގޭގެ ތެރޭ އެންމެ ކަންބޮޑުވެގެން އެކި ކޮޅުކޮޅަށް ހޭލަމޭލިވަމުންދިޔައިރު، ފަގީރުކޮއެ ވެސް އެފަދަ ކަންކަން ކޮށް އުޅޭ ކަމަށް ކިޔަން ފަށައިފި އެވެ. އެކަމަކު، ކަންބޮޑުވުމަކަށް އޮތީ ފަގީރުކޮއެ ގެނެވޭނެ ވަރުގެ މީހެއް ނެތުމެވެ. 

"ދެން ދޮން އައިސަ ބުނެފި އޭނާ އަށް އެ ސޮރު ގެނެވިދާނެއޭ. ބުނެފި ބަލައިދާށޭ. ދޮން އައިސަ ހިނގަންޖެ ގޮސް ބުނެފި ފަގީރުކޮއެ ކައިރީގައި ބައްޕަ ދިލަ ނަގާތި ތެޅިފޮޅޭ ވާހަކަ. ފަގީރުކޮއެ ބުނެފި ތިމަންނައަކީ ތިކަހަލަ ކަންކަން ކުރާ މީހެއް ނޫނޭ، އެކަމަކު ދޮން އައިސަ ވީމަ ކޮންމެ ވެސް ކަމެއް ކޮށްފާނަމޭ،" ހުސައިން ކިޔައިދިނެވެ. 

ދޮން އައިސައާ އެކު ގެއަށް ގޮސް ފަގީރުކޮއެ ފެންތައްޓެއް ކިޔެވި އެވެ. އެ ކިޔެވި އެއްޗެއް ނޭނގެ އެވެ. އެ ކިޔެވި ފެންތަށި ކަތީބުގެ އަތަށް އަޅާލުމާ އެކު، ދިލަމަޑުވެއްޖެ އެވެ. 

"ކަތީބު މިހާރު މުޅިން ފަސޭހަވެއްޖެ. އަތުތަ ދިލައެއް ނެތޭ." 

ފިނޭގެ ގަބުރުސްތާނުގައި ހުރި ފަގީރުކޮއެއްގެ ދެމަފިރިންގެ މަހާނަ - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފިނޭގެ ގަބުރުސްތާނުގައި ހުރި ފަގީރުކޮއެއްގެ ދެމަފިރިންގެ މަހާނަ - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެ އަށް ފަހު ފަގީރުކޮއެ އާއި ދޮން އައިސަ ކައިވެނި ކޮށްފި އެވެ. ކަތީބުގެ ރުހުމާ އެކު، ކައިވެނި ކޮށްގެން ދޮން އައިސަ ފަގީރުކޮއެއާ އެކު ދިރިއުޅެން ދިޔަ އެވެ. 

"ފަގީރުކޮއެ ދޮން އައިސަ ގޮވައިގެން ދަމުން މީދާކޭ އުނބެއް ދައްކާފައި ބުނީ މީގަ އިށީންނާށޭ. ދެން އޭގަ ދޮން އައިސަ އިށީނީމަ ބުނީ ލޯމަރާލާށޭ. ލޯމަރާފައި ލޯ ހުޅުވާލާއިރުގަ ނުލާހިކު ފައްކާ ގަނޑުވަރެއްގައި މި ހުރީ،" ހުސައިން އަށް އޭނާގެ ކާބަފައިންގެ ފަރާތުން އައިސްފައިވާ ވާހަކަ ކިޔައިދިނެވެ. 

"ދެން އޭގެ ފަހުން އެ ދެ މީހުން ގަނޑުވަރުގައި އުފަލުގައި ދިރިއުޅުނީ. އެއީ ދެން އަހަރެމެންނަށް ވެސް އެނގޭ ހިސާބަކީ." 

ތާރީހު ދިރާސާ ކުރައްވާ އަބްދުﷲ ސައީދު ލިޔުއްވާފައިވާ ގޮތުގައި ފަގީރުކޮއެ ކަމަށް ފިނޭގައި ކިޔައި އުޅޭ މީހާއަކީ އެ ރަށު މުއްޔަކަށް އުރުނު މޮރޮކޯގެ ކަސަބު ލަންކާގެ ނަވެއްގައި ދަތުރުކުރި މީހެކެވެ. އެ ނައު އުރު ފުނޑުފުނޑުވެގެން ދިޔައިރު، އޭގެ ސަލާމަތްވީ މި ކިޔާ ފަގީރުކޮއެ އެކަންޏެވެ.

އޭނާ ފިނޭއަށް އަރައިގެން ދިޔައިރު، އަބްދުﷲ ސައީދު ލިޔުއްވާފައިވާ ގޮތުގައި އޭނާގެ ހެދުން ހޫރީ އެކި ތަންތަނުން ވީދި، ގައިގާ ވެސް އެއްވެސް ވަރެއް ނެތެވެ. އޭނާ އަށް ރަށު މީހުން ފަގީރުކޮއެގެ ނަމުން ނަން ދިނީ ވެސް އޭނާ އޮތް ނިކަމެތި ހާލަތުގެ ސަބަބުންނެވެ. 

އަބްދުﷲ ސައީދު، އެކި މީހުން އެ ވާހަކަ ކިޔައި އުޅުނު ގޮތާ ހަވާލާދީ ލިޔުއްވާފައިވާ ގޮތުން ދޮން އައިސައާ ފަގީރުކޮއެ ބައްދަލުވީ ވެސް އޭނާ އެ ހާލަތުގައި ހޮޅުއަށިގޭގައި އޮއްވަ އެވެ. ރަށު މީހުން އޭނާ އަށް ފަގީރުކޮއެގެ ނަމުން ނަން ދިން ނަމަވެސް، ދޮން އައިސަ، އޭނާއަށް ކިޔައި އުޅުނީ ލަންކާ ކަލޭގެފާނެވެ. 

ހދ. ފިނޭ: މި ރަށުގައި ހުރި ފަގީރުކޮއެގެ ޒިޔާރާތަކީ އުތުރުގައި މަޝްހޫރު ތަނެއް - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހދ. ފިނޭ: މި ރަށުގައި ހުރި ފަގީރުކޮއެގެ ޒިޔާރާތަކީ އުތުރުގައި މަޝްހޫރު ތަނެއް - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އޭރު ފަގީރުކޮއި ދިވެހި ދަސްކުރައްވައި ކުޑަކުޑަކޮށް ވާހަކަ ދައްކާ އުޅުއްވަ އެވެ. އެ ވާހަކަތަކުން ދޮން އައިސަ އަށް އެނގުނީ ލަންކާ ކަލޭފާނަކީ ކަސަބު ލަންކާގެ ނަވެއް ފިނޭގެ ލަންކާމުއްޔަށް އުރިގެން ފިނޭއަށް އެރުނު ބޭކަލެއް ކަމެވެ،" އަބްދުﷲ ސައީދުގެ ބްލޮގުގައިވެ އެވެ. 

"ސާދަ ވިލޭރޭގެ ނަލަ ހަނދުވަރުގެ ތެރޭގައި ތުނޑިއަށް ދިޔައިރު ރާޅުފެންފަށުގައި ބޮޑު ކަޅުހިލަދައެއް އޮތެވެ. ތިމަން ކަލޭފާނު އެބަ ވަޑައިގަންނަވަމޭ ވިދާޅުވެފައި އެ ކަޅުހިލަ ދައިގެމައްޗަށް އަރައިވަޑައިގެން، ވަޑައިގެންފި އެވެ. ޖަހާލި ވިދުވަރެއްހެން ފެންފެންމަތިން ގޮސް ލޮލުކޮޅަށް އޮބާލި އެވެ... މި ފެނުނު ކަންތައްތަކުން ލަންކާ ކަލޭފާނަކީ އާދައިގެ މީހެއް ނޫން ކަމާއި އެއީ ވަލީވެރި ބޭކަލެއްކަން ދޮން އައިސައަށް އެނގި، ޔަގީންވި އެވެ." 

އަބްދުﷲ ސައީދުގެ ލިޔުމުގައިވާ ގޮތާއި ހުސައިން "މިހާރު" އަށް މި ވާހަކަ ކިޔައިދިން ގޮތުގައި ތަފާތު އެބަ ހުއްޓެވެ. އެގޮތުން ލިޔުމުގައިވާ ގޮތުން ދޮން އައިސަ އާއި ފަގީރުކޮއެ ލޯބިވެ ކައިވެންޏަށް އެދުމުން ކަތީބު އެކަމަށް އިންކާރުކުރި އެވެ. އެކަމުގެ ހިތާމައިގައި ދޮން އައިސަގެ ބަލި ހާލަތު ބޮޑުވުމުން، ކަތީބުގެ މުދަލުން އެއްވެސް ހިއްސާއެއް ނުލިބޭނެ ކަމަށް ޝަރުތުކޮށް ކައިވެންޏަށް އެއްބަސްވީ އެވެ. 

ދެ މީހުންގެ ކައިވެންޏަށް ފަހު، އެ މީހުން އުޅެމުން ދިޔައީ އިންތިހާއަށް ތަނަވަސް ދިރިއުޅުމެކެވެ. ރަށުގައި އެ މީހުން ދިރިއުޅޭ ހިސާބާ ދުރުގައި ވަކިންނެވެ. 

ފިނޭގެ ގަބުރުސްތާނުގައި ހުރި ފަގީރުކޮއެއްގެ ދެމަފިރިންގެ މަހާނަ - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފިނޭގެ ގަބުރުސްތާނުގައި ހުރި ފަގީރުކޮއެއްގެ ދެމަފިރިންގެ މަހާނަ - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"މި ކައިވެންޏަށް ހަދިޔާގެ ގޮތުގައި ކަނޑު ރަސްގެފާނު ތިން މަނަވަރު ފޮނުއްވި އެވެ. އެއް މަނަވަރުގައި ހުރީ ގެދޮރު އިމާރާތްކުރާނެ ސާމާނެވެ. އަނެއް މަނަވަރުގައި ހުރީ ކާބޯތަކެއްޗެވެ. އަނެއް މަނަވަރުގައި ހުރީ ރަނާއި ރިއްސާއި ޖަވާހިރެވެ،" އަބްދުﷲ ސައީދު، މި ވާހަކަ ލިޔުއްވާފައިވެ އެވެ. 

"ފިނޭ ފަގީރުކޮޔާއި ދޮން އައިސައާ ކައިވެނި ކޮށްގެން އުޅެން ފެށިތާ މާގިނަ ދުވަހެއް ނުވެ ރަށުތެރޭގައި ކިޔަންފެށި އެވެ. ފިނޭ ފަގީރުކޮއިގެ ދެމަފިރިން ވަރުގެ މުއްސަނދި ބަޔަކު ދުނިޔެތާކު އުޅޭނެ ބާވަ އެވެ." 

އިހުގެ ބައެއް މީހުން ނުރުހި، އެތަން ރޫޅާލަން އަތްލާން ވެސް ނުކުރެވިފައި ތިއްބާ މި ފަހުން ޒިޔާރަތް ރޫޅާލައި ގަބުރު ކޮނެގެން ނެގިއިރު އެ ތަނުގައި ދެ ގަބުރު އޮތެވެ. އެއީ އާންމު ދިވެހީންގެ އިސްކޮޅާއި ގުނަވަންތަކުގެ ކަށިތަކާ އަޅާބަލާއިރު ބޮޑު ދެ ގަބުރު ކަމަށް ގަބުރު ދުށް މީހުން ބުނާ ކަމަށް އަބްދުﷲ ސައީދުގެ ބްލޮގުގައި ފާހަގަކޮށްފައިވެ އެވެ. 

އުދަރެސް މަޖައްލާގައި ވެސް ފަގީރުކޮއެގެ ވާހަކަ ލިޔުއްވި އަބްދުﷲ ސައީދު ވިދާޅުވެފައިވާ ގޮތުގައި ތުންތުންމަތިން އައިސްފައިވާ މިފަދަ ފޯކުލޯރުތަކަކީ މުޅިން ހަގީގަތަކަށް ނުވިޔަސް ކޮންމެވެސް ވަރެއްގެ ހަގީގަތެއް ހުންނަ ވާހަކަ ތަކެކެވެ.