ފުވައްމުލަކަކީ ވަރަށް ފަހަކާ ޖެހެންދެން ވެސް ރާއްޖޭގައި އެންމެ އުނދަގުލުން އަރައި ފައިބަން ޖެހޭ ރަށެވެ. މިހާރު ބަނދަރަކާއި އެއާޕޯޓެއް އޮތް ނަމަވެސް، މީގެ ފަންސަވީހަކަށް އަހަރު ކުރިއާ ހަމަޔަށް އެ ރަށަށް އަރައި ފައިބަން ޖެހެނީ ހުޅިނަގާ އުފުލެމުން އަންނަ ބޮޑެތި ރާޅުތަކުގެ ތެރެއިން ފުރާނަ އަތްމައްޗަށް ލައިގެންނެވެ. "ގުދުރަތީ ތޭރިތަކެއް" ލެވިފައި އޮންނަ ފުވައްމުލަކަކީ އެ ސަބަބާ ހުރެ، އެންމެ އިހުއްސުރެ ސިޔާސީ ނުރައްކާތެރި ކުށްވެރިން އަރުވާލަން ދައުލަތުން ބޭނުންކުރަމުން އައި ރަށެކެވެ.

ކުށްކުށުގެ އަދަބެއްގެ ގޮތުން މިހާރު ރާއްޖޭގައި މީހުން އަރުވާނުލީ ނަމަވެސް އެއީ ފަހަކާ ޖެހެންދެން ވެސް ވަރަށް ގިނަ ކުށްކުށުގައި، އަމުދުން ސިޔާސީ ކަންކަމުގައި ބެދޭ މީހުންނަށް ދެމުން އައި އަދަބެކެވެ.

އަރުވާލުމަކީ "ކުށެއްގެ އަދަބަށް ތިމާގެ ވަޒަން ނޫން އެހެން ރަށެއްގައި އަމިއްލަ މިނިވަންކަން ނެތް ގޮތެއްގައި ކަނޑައެޅޭ މުއްދަތަކަށް ބެހެއްޓުން" ކަމަށް ވާއިރު، ފުވައްމުލަކަކީ އެކަހެރި ރަށެއް ކަމުން، އެއީ އެ އަދަބު ތަންފީޒު ކުރަން ވަރަށް އެކަށޭނެ ރަށަކަށް ވެފައި އޮތީ އެވެ.

މިދިޔަ ގަރުނަށް އެކަނި ބެލި ކަމަށް ވިޔަސް ފުވައްމުލަކަކީ ރާއްޖޭގެ މަޝްހޫރު ވަރަށް ގިނަ ސިޔާސީ ކުށްވެރިން އަރުވާލި ރަށެކެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ވެލާނާގޭ މުހައްމަދު ދީދީ އެވެ. އޭނާ އެ ރަށަށް އަރުވާލީ ސިޔާސީ ކުށަކާ ގުޅިގެން އޭނާގެ ބައްޕަ ހަސަން ވެލާނާ މަނިކުފާނު ހައްދުންމަތީ ފޮނަދު އަށް އަރުވާލާފައި ހުންނަވަނިކޮށް، އެކަމުގެ ހިތްހަމަނުޖެހުމުގައި 1909 ވަނަ އަހަރު ރާއްޖެ އަށް ޕިޗޯރީން ގެނެސް ވެރިކަން ބަދަލުކުރަން މަސައްކަތް ކުރުމާ ގުޅިގެންނެވެ. ގޯދީރާޖާގެ ގޮތުގައި މަޝްހޫރުވި ވެލާނާގޭ މުހައްމަދު ދީދީގެ މި ބަޣާވާތް ނާކާމިޔާބު ކޮށްލީ މާލެ ހިފަން އައި މަގުމަތީގައި ބަނޑޮހުގައި ތިއްބާ ސިފައިން ގޮސް އެ އެންމެން ހައްޔަރުކުރުމަށް ފަހު އެވެ.

ވެލާނާގޭ މުހައްމަދު ދީދީ (ކ) އުތުރުގޭ މަނިއްޕުޅާ އެކު.
ވެލާނާގޭ މުހައްމަދު ދީދީ (ކ) އުތުރުގޭ މަނިއްޕުޅާ އެކު.

އަދަބެއްގެ ގޮތުގައި ފުވައްމުލަކަށް އަރުވާލުމުން މުހައްމަދު ދީދީ އެ ރަށުގައި ރަނގަޅަށް ދިރިއުޅުއްވަން ފެށްޓެވީ އެވެ. އެގޮތުން ފުވައްމުލަކުން ފަސް ކައިވެންޏެއް ކުރެއްވި އެވެ. އޭގެ ތެރެއިން އެއް ކައިވެނި ކުރެއްވީ ކޮޅުމަޑުލު ދިޔަމިގިލީ ދަރިކޮޅުން އެންމެ ފަހަށް ރަސްކަންކުރެއްވި އައްސުލްތާނު މުހައްމަދު ގިޔާސުއްދީން (ޝަހީދުކުޅަ ބަންޑާރައިން) ގެ ދަރިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ފުވައްމުލަކު ފުނާޑު ގަނޑުވަރު އައިޝާ ދީދީއާ އެވެ.

މިއީ ވެސް، ސިޔާސީ މައްސަލައެއްގައި، އައްސުލްތާނު މުހައްމަދު ގިޔާސުއްދީންގެ ދަރިކަލުން އިބްރާހީމް ފާމުލަދޭރިކިލެގެފާނު ފުވައްމުލަކަށް ފޮނުވާލާފައި ހުންނަވަނިކޮށް ކުރެއްވި ކައިވެންޏަކުން އައި ދަރިކޮޅެކެވެ.

ވެލާނާގޭ މުހައްމަދު ދީދީ އާއި އައިޝާ ދީދީގެ ކައިވެނިން ލިބިވަޑައިގެންނެވި ދެ ބޭފުޅުންގެ ތެރޭގައި އޮކްޓޫބަރު 2024 ގައި އުމުރުން 96 އަހަރުގައި އަވަހާރަވި، ވެލާނާގޭ އަބްދުލްމަޖީދު މާހިރު ހިމެނެ އެވެ. މުހައްމަދު ދީދީ އެ ރަށުން ހަތަރު ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ އަބްދުލްމަޖީދު މާހިރުގެ އިތުރުން، އައިމިނަތު މާހިރު، ޝަރީފާ މާހިރު، އަދި އަލީ މާހިރެވެ.

އިބްރާހީމް ނާސިރު (ވ): ތުއްޕުޅުއިރުގެ ދުވަސްތައް ހޭދަކުރެއްވީ ފުވައްމުލަކުގައި.
އިބްރާހީމް ނާސިރު (ވ): ތުއްޕުޅުއިރުގެ ދުވަސްތައް ހޭދަކުރެއްވީ ފުވައްމުލަކުގައި.

މުހައްމަދު ދީދީ މާލޭން ކުރެއްވި ކައިވެނިތަކުން ލިބިވަޑައިގެންނެވި ބޭފުޅުން އޭރު ވަނީ ބޮޑެތިވެފަ އެވެ. އޭގެ ތެރެއިން ވެލާނާގޭ އަހުމަދު ދީދީ، ބައްޕަ އަށް ޒިޔާރަތްކުރައްވަން ފުވައްމުލަކަށް ވަރަށް ގިނައިން ވަޑައިގަންނަވަ އެވެ. އެގޮތުން ވަޑައިގެންނެވި ފަހަރެއްގައި ފުވައްމުލަކު ދޮންތައްކާނަބެއާގެ އައިޝާ ދީދީއާ ކައިވެނި ކުރައްވައި ބޭފުޅަކު ލިބިވަޑައިގަތެވެ. އެއީ ފަހުން ރާއްޖޭގެ ބޮޑުވަޒީރުކަމާއި ރައީސްކަން ކުރެއްވި އިބްރާހީމް ނާސިރެވެ. އެމަނިކުފާނު ތުއްޕުޅު ދުވަސްތައް ހޭދަކުރެއްވީ ފުވައްމުލަކުގަ އެވެ.

އެ ރަސްކަލަކާ މައްސަލަ ޖެހިވަޑައިގެން ވެލާނާގެ ބޭފުޅުން ފުވައްމުލަކުގައި ތިއްބަވަން ޖެހިވަޑައިގެންނެވި މުހައްމަދު ޝަމްސުއްދީނަކީ ވެސް މިދިޔަ ގަރުނުގައި ފުވައްމުލަކަށް އަރުވާލި ސިޔާސީ ބޭފުޅެކެވެ. ވަރަށް ގިނަ ދިވެހީންގެ މެދުގައި މަގުބޫލުކަން ހޯއްދެވި ޝަމްސުއްދީން ރަދުން އަރުވާލީ، ދަރިކަލުން ޕްރިންސް ހަސަން އިއްޒުއްދީނާ އެކު އެވެ. އެއީ ދަރިކަލުންގެ ހައްގުގައި ކުރެއްވި ކަމަކާ ގުޅިގެން ރަސްކަމުން އަޒުލުކުރުމަށް ފަހު އެވެ.

އޭރުގެ ބޮޑުވަޒީރު ހަސަން ފަރީދު އިސްވެ ހުންނަވައި އިއްޒުއްދީނުގެ ނަށާ ޕާޓީގެ މެމްބަރުން ހައްޔަރުކުރަން ފެށީ އެވެ. އެއާ އެކު އެކުވެރިން ސަލާމަތްކުރައްވަން ބޮޑު ބަނޑޭރިގެއަށް އިއްޒުދީން ސީދާ ވަޑައިގެންނެވި އެވެ. އެއީ ޝަމްސުއްދީނަށް ތަހައްމަލު ކުރެއްވޭނެ ކަމަކަށް ނުވި އެވެ. އެހެންވެ މަޖުބޫރުވެވަޑައިގަތީ ލޯބިފުޅުވާ ދަރިކަލުންގެ ހައްގުގައި، ތަހުތު ދޫކޮށްލައްވައި ބޮޑުބަނޑޭރިގެ އަށް ވަޑައިގަންނަވާށެވެ. އެއީ ރަދުން ގާނޫނު އަސާސީއާ ހިލާފުވެވަޑައިގަތުމެވެ. ނަތީޖާއަކަށް ވީ އިއްޒުއްދީނަށް ރަސްކަމަށް ވަޑައިނުގެންނެވޭނެ ގޮތަށް މަގު ކޮށްޓަވަމުން ގެންދެވި ހަސަން ފަރީދު އިސްވެ ހުންނަވައި، ރަދުން ޝަމްސުއްދީން އަޒުލު ކުރައްވައި އެމަނިކުފާނާއި އިއްޒުއްދީން ފުވައްމުލަކަށް ފޮނުވާލެއްވުމެވެ.

މުހައްމަދު ޝަމްސުއްދީން (ކ) އަދި ދަރިކަލުން ޕްރިންސް ހަސަން އިއްޒުއްދީން.
މުހައްމަދު ޝަމްސުއްދީން (ކ) އަދި ދަރިކަލުން ޕްރިންސް ހަސަން އިއްޒުއްދީން.

ފުވައްމުލަކުގެ ތާރީހު ދިރާސާކުރައްވާ، "ހަވީރު" ގެ ކުރީގެ އެޑިޓަރު ޑރ. އަލީ ރަފީގު ލިޔުއްވާފައިވާ ގޮތުގައި ދެ ބޭފުޅުން ތިއްބެވީ ދަޑިމަގި އަވަށުގައި ސަރުކާރުން އަޅުއްވައިދެއްވި ގެއެއްގަ އަވަށުން ބޭރަށް ދިއުމާއި އާއްމުންނާ ބައްދަލުކުރުން މަނާކޮށްފައި އޮތް ނަމަވެސް މޫދަށް އެރުމުގެ ހުއްދަ އޮވެ އެވެ.

"ޝަމްސުއްދީނުގެ ދެބަފައިކަލުން މޫދަށް އެރިވަޑައިގަންވަނީ، ދަޑިމަގި ފަންނަށެވެ. މޫދަށް އެރިވަޑައިގަންނަވާ ވަގުތު، އެ ސަރަހައްދަށް ބޮޑެތި މީހުން ދިއުމަކީ މަނާމަކެެވެ. ގިނަ ވަގުތު ހޭދަކުރައްވަނީ ވަށައިގެން ފުޅާށް އަޅާފައިވާ ގޭތެރޭފގަ އެެވެ. މުނިފޫހިފިލުވުމަށް ކުރައްވާ ކަމަކީ ކަށްޓަފުޅި ހިިއްޕެވުމާއި ގުޑި އެރުވުމެވެ،"

ޕާޓީ ކުރެއްވުމާއި މަޖާކުރެއްވުމުގައި މުޅި އުމުރު ހޭދަކުރެއްވި އިއްޒުއްދީން އަވަހާރަަވީ، އާއިލާއާ އުފަން ރަށާ ދުރުގައި ފުވައްމުލަކުގަ އެވެ. ވަޅުލާފައި ވަނީ އެ ރަށު އިހުގެ ހުކުރު މިސްކިތުގަ އެވެ. އެ ހިސާބުން ޝަމްދުއްދީން މާލެ ގެންނަވައި، ވިލިނގިލީގައި ބެހެއްޓެވީ އެވެ. ފަހުން ހާލު ބޮޑުވެގެން މާލެ ގެންނަވާފައި ހުންނަވަނިކޮށް އަވަހާރަވީ އެވެ.

ކަކާގޭ އިބްރާހީމް ހިލްމީ (ކ) ބޭރުގެ ވަފުދަކާ އެކު.
ކަކާގޭ އިބްރާހީމް ހިލްމީ (ކ) ބޭރުގެ ވަފުދަކާ އެކު.

އޭގެ އަހަރުތަކެއް ފަހުން ފުވައްމުލަކަށް އަރުވާލެވުނު ސިޔާސީ އަނެއް ބޭފުޅަކީ ކަކާގޭ އިބްރާހީމް ހިލްމީ އެވެ. އަމީން ދީދީގެ ވެރިކަން އިންގިލާބުކޮށް، ދޫނިދޫގައި ބަންދުކޮށްފައި ހުންނަވަނިކޮށް، އަމީން ވެރިކަން ހޯއްދަވަން މާލެ ވަޑައިގެންނެވީ ހިލްމީ އާއި ކަކާގޭ ޝަމްސުއްދީން ހިލްމީގެ ރޭއްވެވުމުގެ ދަށުން، ބަދަލުކުރެވުނު ސިޓީއަކާ ގުޅިގެންނެވެ. އަމީން މާލެ ވަޑައިގެން އުޅުއްވަނިކޮށް ހަވަރު އެއްވެ އަނިޔާކުރީ އެވެ. ޝަރީއަތުން ބަޣާވާތުގެ ކުށް ސާބިތުވެ އަމީން، ހިލްމީ، އަދި ޝަމްސުއްދީން ހިލްމީ އަރުވާލީ އެވެ.

ހިލްމީ ވެސް ފުވައްމުލަކުން ކައިވެންޏެއް ކުރެއްވި އެވެ. އަދި އެ ކައިވެންޏަށް އަންހެން ބޭފުޅަކު ވެސް ލިބިވަޑައިގަތެވެ. ފަހުން މާލެ ގެންނަވައި، ސަރުކާރުގެ ބައެއް މަގާމްތައް ވެސް ހިލްމީ އަށް ދެއްވި އެވެ.

އޯކިޑްމާގޭ އަހުމަދު ޒަކީ އަކީ ވެސް ފުވައްމުލަކަށް އަރުވާލި ބޭފުޅެކެވެ. ނާސިރުގެ ވެރިކަމުގައި ނުފޫޒު ގަދަކޮށް ހުންނެވި އަހުމަދު ޒަކީ އަރުވާލީ، ބޮޑުވަޒީރުކަމުގައި ހުންނަވަނިކޮށް މަޝްހޫރު ބޮޑު ބުރާސްފަތީގެ މައްސަލައާ ގުޅިގެން މަގާމުން ވަކިކުރައްވައި ދޫނިދޫގައި ބަންދުކޮށްފައި ވެސް ބެހެއްޓެވުމަށް ފަހު އެވެ.

އަހުމަދު ޒަކީ: ރާއްޖޭގެ ބޮޑުވަޒީރުކަން ކުރެއްވި.
އަހުމަދު ޒަކީ: ރާއްޖޭގެ ބޮޑުވަޒީރުކަން ކުރެއްވި.

"ފުއައްމުލަކުގައި އުޅުއްވި ދުވަސްވަރު ޒަކީ އަކީ ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިވަޑައިގެންނެވި ބޭފުޅެކެވެ. ހުރިހާ އެންމެންނާ ވެސް ވަރަށް ގާތް ގުޅުމެއް ބާއްވައި، ބައެއް ކަންކަމުގައި މީހުންނަށް އެހީތެރިވެދެއްވަމުން ވެސް ޒަކީ ގެންދެވި އެވެ،" އަލީ ރަފީގް ލިޔުއްވި އެވެ.

ޒަކީ މާލެ ގެންނަވައި މިނިވަންކުރެއްވީ 1978 ގައި ނާސިރުގެ ވެރިކަން ނިމި ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަން ފެށުމާ އެކު އެވެ. ޒަކީ ވަނީ މައުމޫނުގެ ވެރިކަމުގައި ސަރުކާރުގެ މުހިއްމު މަގާމުތަކެއް ފުރުއްވައިފަ އެވެ.

ފުވައްމުލަކަކީ، ގުދުރަތީ ގޮތުންނާއި ވަރަށް ގިނަ އެހެން ގޮތްގޮތުން ބެލިޔަސް ރާއްޖޭގެ އެންމެ ޔުނީކް އެއް ރަށެވެ. އެ ހާއްސަ ކަމަށް އިތުރު ކޮށްދެނީ އެ ރަށާ ގުޅިފައިވާ މި ސިޔާސީ ތާރީހެވެ.