މީގެ 22 އަހަރު ކުރިން އެރި ސުނާމީގައި ރާއްޖެ އިން އެންމެ ބޮޑު ގެއްލުމެއް ލިބި ހާލުގައި ޖެހުނު އެއް ރަށަކަށް ލ. މުންޑޫ ވި އެވެ. މުންޑޫގައި ބަޔަކަށް ނޫޅެވޭ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ އެކު، އެ ރަށުގެ މީހުން އެ އަތޮޅު ގަމަށް ބަދަލުކުރަން ސަރުކާރުން ނިންމި އެވެ. އޭގެ ނަތީޖާއަކީ މުންޑޫގައި އޭރު އުޅުނު ދެބައިކުޅަ އެއްބައި މީހުން ފޮނަދު އަށް ހިޖުރަ ކުރުމެވެ.  

އޭގެ ފަހުން މުންޑޫގައި ވަރަށް މަދު ބަޔަކު އުޅެމުން އައިސް މިއަދު އަނެއްކާ ވެސް އެ ރަށަށް ވަނީ ދިރުން އަންނަން ފަށައިފަ އެވެ. 

އޭގެ ވިއްސަކަށް އަހަރު ފަހުން، މިއަދު މި ރަށުގެ މަލަމަތި އެއްކޮށް ބަދަލުކޮށްލައިފި އެވެ. ފަޅުކުރަން އުޅުނު ކުޑަ މި ރަށުން އާ ދިރުމެއް އުފަންވެއްޖެ އެވެ. އެއީ ޓޫރިޒަމްގެ ވިޔަފާރީގެ ރަށަކަށް މުންޑޫ ބަދަލުކޮށްލުމެވެ. ގެސްޓު ހައުސްތަކުން ރަށް ފުރައިލުމުގެ ސިޔާސަތު ކުރިއަށް ނެރުނީ އެވެ. މި ވަގުތު ހުރީ އެންމެ ހޮޓަލެއް ކަމަށް ވިޔަސް އޭގެ ނަފާ މުޅި އެ ރަށަށް މިހާރު އަންނަނީ ކުރަމުންނެވެ. 

މިހާތަނަށް ލ. އަތޮޅުން ޓޫރިޒަމަށް ފައްކާ ކުރާ ރަށެއްގެ ގޮތުގައި އޮތީ އަދި އެ ސިނާއަތުގައި ކާމިޔާބީތަކެއް ހޯދާފައި ގަން ކަމަށް ވިޔަސް މުންޑޫ ތަފާތު ކޮށްލާނެ ކަމުގެ ފެހި ސިގްނަލް މިހާރު ވަނީ ފެންނަން ފަށައިފަ އެވެ. 

މުންޑު އަށް ޒިޔާރަތްކުރާ މީހުންނަށް މަރުހަބާ ކިޔަން ހަރުކޮށްފައިވާ ގިޑިގެއެއް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މުންޑު އަށް ޒިޔާރަތްކުރާ މީހުންނަށް މަރުހަބާ ކިޔަން ހަރުކޮށްފައިވާ ގިޑިގެއެއް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މުންޑޫގެ އާބާދީއަކީ 345 މީހުން ކަމަށް ވިޔަސް އެ ރަށުގައި ދިރިއުޅެނީ 160 އެއްހާ މީހުންނެވެ.

މުންޑޫ ކައުންސިލްގެ ރައީސް އާދަމް ނާސިފު ވިދާޅުވީ ދައުލަތަކުން، ރަށެއްގެ އާބާދީއާ އެކަށީގެން ނުވާ ވަރަށް ހަރަދުކުރުމަކީ އޭނާ ގަބޫލުކުރައްވާ ސިޔާސަތެއް ނޫން ކަމަށެވެ. އެހެންވެ، އެ ކުޑަ ރަށުގައި ވެސް މީހުން ތިބޭ ކަމަށްވާ ނަމަ އާމްދަނީ ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށް ނާސިފު ވިދާޅުވި އެވެ.

"އިގުތިސާދީ ގޮތުން އަޅުގަނޑުމެންނަށް ކުރެވެން ހުރި ކަންކަން ހޯދައި، އެ ލިބިގަނެ، ރައްޔިތުންނާ ހަމައަށް ޑެލިވާ ކޮށްދެވޭތޯ މަސައްކަތް ކުރަންޖެހޭ،" ކައުންސިލަރުން އިންތިހާބު ކުރަން ފެށީއްސުރެ މުންޑޫ ކައުންސިލްގެ މެމްބަރުކަން ކުރައްވަމުން އަންނަ ނާސިފް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި، ލާމަރުކަޒީ ގާނޫނަށް ކުރިން ގެނައި ބަދަލުތަކާ އެކު ލިބުނު ބާރުތަކުން ޓޫރިޒަމްގެ ވިޔަފާރި އަށް ވަނުމުގެ ވިސްނުން މުންޑޫގެ ރައްޔިތުންނަށް އައީ އެވެ.

އެއާ އެކު، ލޭންޑުޔޫސް ޕްލޭން ފައިނަލް ކުރުމަށް ފަހު، ގެސްޓް ހައުސް ހިންގާނެ ބަޔަކު ހޯދަން އިއުލާން ކުރިއިރު ވެސް މި އަތޮޅު ގަން ފިޔަވައި މި ސަރަހައްދުގައި ރަނގަޅަށް ޓޫރިޒަމުން ހިންގައިލެވޭނެ އެހެން ރަށެއް ނެތެވެ. 

މެވްރިކް ހޮޓަލާ އެކު މުންޑޫގެ މަލަމަތި މިހާރު ފެންނަ ގޮތް.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މެވްރިކް ހޮޓަލާ އެކު މުންޑޫގެ މަލަމަތި މިހާރު ފެންނަ ގޮތް.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ބޮޑު ރިސްކަކާ އެކު، ފުރަތަމަ އިއުލާން ކުރުމުން ލިބުނީ ވަރަށް ފިނި ތަރުހީބެކެވެ. އެކަމަކު، ޕްރޮޕޯޒަލަށް ބަދަލުތައް ގެނެސް، ފަހުން އަނެއްކާ އިއުލާން ކުރުމުން ކުރިމަތިލީ، މިހާރު މުންޑޫގައި 50 އެނދުގެ ހޮޓަަލެއް ހިންގަމުން އަންނަ މެވްރިކް އެވެ. 

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހުޅުވި މި ހޮޓަލާ އެކު ރަށުން ބޮޑު ބަދަލެއް ފެންނަ ކަމަށް މުންޑޫ ކައުންސިލުން ގަބޫލުކުރެ އެވެ. 

"ރައްޔިތުން ވަރަށް ބޮޑަށް ފުދުންތެރި ވެއްޖެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" ނާސިފް ވިދާޅުވި އެވެ.

"އޮޕަރޭޝަނަށް ގެނައުމަށް މުވައްޒަފުން ގެނެސް، ވަޒީފާތަކެއް އުފެދިފައިވޭ. ގެސްޓު ވިޔަފާރިއާ ގުޅޭ އެހެން ކަންކަން ފެށިފައިވޭ."

މެވްރިކްގެ ކޮޓަރީގެ އެތެރެ ހުންނަ ގޮތް.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މެވްރިކްގެ ކޮޓަރީގެ އެތެރެ ހުންނަ ގޮތް.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ކައުންސިލްގެ ރައީސް ވިދާޅުވީ ޓޫރިޒަމް ވިޔަފާރީގެ ތަޖުރިބާ ވަރަށް ރަނގަޅު ކަމަށެވެ. އެކަމަށް، އިތުރު ބިންތައް ވެސް އެބަހުރިކަން ފާހަގަކުރެއްވި އެވެ. 

"އަޅުގަނޑަށް ހަމަ ވަރަށް ފެނޭ، އަޅުގަނޑަށް ގަބޫލުކުރެވޭ މި ތަނުގައި ޓޫރިޒަމް އެގޮތަށް ހިނގާނެކަން،" ނާސިފު ވިދާޅުވި އެވެ.

މުންޑޫގެ ޓޫރިޒަމް މުޅިން ތަފާތު ކޮންސެޕްޓަކަށް

މެވްރިކް ހޮޓެލްގެ ސޭލްސް އެންޑް މާކެޓިކް މެނޭޖަރު ސެރީޗާ ދެއްވީ މި ހޮޓާ ތަފާތުވާނެ ކަމުގެ ޔަގީން ކަމެވެ.

މުންޑޫގައި ދެ ޓޫރިސްޓަކު ހިނގާފައި ދަނީ.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މުންޑޫގައި ދެ ޓޫރިސްޓަކު ހިނގާފައި ދަނީ.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރާއްޖޭގެ ގުދުރަތީ ރީތިކަން، އޭގެ އެންމެ ފުރިހަމަގޮތުގައި ތަޖުރިބާ ކުރެވޭ ގޮތަށް މި ތަނުގެ ކޮޓަރިތައް ހަދާފައި ހުރީ ވޯޓާޕްރޫފް ޓެންޓުންނެވެ. އޭސީ އަދި އާއްމުކޮށް ގެސްޓް ރޫމުތަކުން ލިބޭ ހުރިހާ ހިދުމަތްތަކާ އެކު، އެ ކޮޓަރިތައް ހުންނަނީ މޫދު ކުރިމަތީގަ އެވެ. 

ބަރުވެފައިވާ ސިކުނޑި އަށް ރަނގަޅު އަރާމެއް ދިނުމަށް މިއަށް ވުރެ އެކަށީގެންވާ މާހައުލެއް ނެތެވެ. 

ސެރީޗާ ވިދާޅުވީ މެވްރިކު ތަފާތުވާ އަނެއް ސަބަބަކީ، ޓޫރިސްޓުންނަށް ސީދާ ދިވެހިވަންތަ ދިރިއުޅުން ދައްކައި، މުންޑޫގެ ކޮމިއުނިޓީއާ ވީހާ ވެސް ގުޅިގެން އެ ތަން ހިންގާތީ ކަމަށެވެ.

ގެސްޓް ހައުސްތައް ހިންގާ ބައެއް ރަށްތައް ފުރިބާރުވެގެން ދިޔަސް، މުންޑޫގައި ހަމަޖެހިލައިގެން ޗުއްޓީއެއް ހޭދަކޮށްލެވޭނެކަން މެވްރިކުން ފާހަގަކުރި އެވެ. 

މެވްރިކް ހޮޓަލުގެ ރެސްޓޯރެންޓު.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މެވްރިކް ހޮޓަލުގެ ރެސްޓޯރެންޓު.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ފަޅުވާން ދޫކޮށްލާފައި އޮތް ރަށެއްގައި ޓޫރިޒަމް ފެށުމުގެ ވިސްނުން އައީ ވެސް އިތުރު ފައިދާތަކާ ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށުގެ އާއްމުންގެ ފަރާތުން ވެސް ބޮޑު އެއްބާރުލުމެއް ލިބޭ." ސެރީޗާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެންމެ ބޮޑު އަމާޒަކީ މުންޑޫގެ ކޮމިއުނިޓީއާ ގުޅިގެން އެ ރަށަށް ޓޫރިޒަމް ފުޅާކުރާށެވެ. އެ ހޮޓަލަށް ދާ ޓޫރިސްޓުންނާއި ރަށުގެ ރައްޔިތުންނާ ގުޅުވައި ދިނުމަށެވެ. އޭގެ ނަތީޖާއަކީ މުންޑޫގެ ކޮމިއުނިޓީ އިތުރަށް މުއްސަނދި ކުރުމެވެ،. 

"ޑައިވިން އަދި ސްނޯކްލިން ހިދުމަތް ފޯރުކޮށްދެނީ މި ރަށުގެ އަމިއްލަ ބަޔަކު ހިންގާ ސެންޓަރަކުން. އެ ފުރުސަތު ދިނީ ރަށުގައި އެ ވިޔަފާރިކުރާ އެހެން މީހަކަށް. މަސް އެއްޗެހި މި ގަންނަނީ ރަށުގެ އާއްމުންގެ އަތުން،" މެވްރިކް ހޮޓަލާ އެކު މުންޑޫގެ އިގުތިސާދު ވެސް އެހެން ހަރުފަތަކަށް ދާނެ ކަމުގެ ޔަގީންކަމާ އެކު ސެރީޖާ ވިދާޅުވި އެވެ.  

މުންޑޫގައި ހިންގާ ހަމައެކަނި ޓޫރިސްޓު ހޮޓަލުގެ ފާހަނާ.--- ފޮޓޯ: މެވްރިކް
މުންޑޫގައި ހިންގާ ހަމައެކަނި ޓޫރިސްޓު ހޮޓަލުގެ ފާހަނާ.--- ފޮޓޯ: މެވްރިކް

މެވްރިކް ހޮޓަލުން މަސައްކަތް ކުރަނީ ގަމާއި ފޮނަދޫގެ ދަނޑުވެރިންނާ ވެސް ވަރަށް ބޮޑަށް ގުޅިގެންނެވެ. މުންޑު އަށް ނުވަތަ އެ ހޮޓަލަށް މޭވާ އާއި ތަރުކާރީ ސަޕްލައިން ކުރަނީ އެ ދެ ރަށުންނެވެ.

"އެއާޕޯޓުން ގެސްޓުން ގެންނަނީ ރަށުގެ އާއްމު މީހެއްގެ ލޯންޗުގައި. މި އާމްދަނީ މި ލިބެނީ ހަމަ ރަށަށް."

ސެރީޖާ ވިދާޅުވީ ގުދުރަތީ މުއްސަނދިކަމުން ފުރިފައިވިއަސް ލ. އަތޮޅުގެ ޓޫރިޒަމް އަދި އޮތީ ފިރުކޭ ހިސާބުގައި ކަމަށެވެ. ނަމަވެސް، ސާފިން އާއި ޑައިވިން އަށް އެންމެ ސަޅި ޕޮއިންޓުތަކާ އެކު، އެއީ ޓޫރިޒަމްގައި އެންމެ މައްޗަށް ދެވޭނެ ސަރަހައްދެއް ކަމަަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

އޭގެ އެއް މަންޒަރަކީ، އާ އަހަރާއި ކްރިސްމަސް ފާހަގަކުރަން މެވްރިކްގެ ހުރިހާ ކޮޓަރިތަކެއް ފުލްވުމެވެ. 

އެއާއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކައްދޫ އެއާޕޯޓަށް ޓޫރިސްޓުން ދަތުރުކުރަން މިއަށް ވުރެ ލުއި އިންތިޒާމެއް ހަމަޖައްސައި އެހީތެރިކަމެއް ދީފި ނަމަ އިޓަލީ، ރަޝިއާ އަދި ކޮރެއާ އަށް ވުރެ އިތުރު ގައުމުތަކުން މި ހޮޓަލަށް ޓޫރިސްޓުން އަންނާނެ އެވެ. 

"ޓޫރިޒަމްގައި ލ. އަތޮޅަށް އެހާ ބޮޑު ކުރިއެރުމެއް ނުލިބުނަސް މި ރަށުގައި މިކަން ކުރުމުން މިކަން ބަލައިގަނޭ. އެބަ ފެނޭ ޓޫރިޒަމް ކުރިއަރައިގެން ދާތަން ފެނޭ." ސެރީޗާ ވިދާޅުވި އެވެ. 

ފަޅުވާން ދޫކޮށްލި މުންޑޫގައި އަދި ހުރީ އެންމެ ޓޫރިސްޓު ހޮޓަލަކަށް ވިޔަސް އެއީ ފެށުން ކަމަށް މި ރަށު ކައުންސިލުން ގަބޫލުކުރެ އެވެ. އެ ހޮޓަލުން އެކަނި ވެސް މުންޑޫގެ އިގުތިސާދަށް ފައިދާތަކެއް ވާތީ ޓޫރިޒަމް ފުޅާނުކޮށް ދޫކޮއްލާ ވަރަށް ވުރެ މާ ބޮޑު ޔަގީންކަމެއް ވަނީ މިހާރު ލިބިފަ އެވެ.