މި މަހުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 23 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން މިމަހުގެ 13 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް އައީ 58،900 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ މާޗް މަހުގެ މި މުއްދަތުގައި ރާއްޖެއަށް ވަނީ 77،100 ޓޫރިސްޓުން އައިސްފަ އެވެ. އެހެންވެ އެއީ 19،000 ޓޫރިސްޓުން މަދު އަދަދެކެވެ.
މާޗް މަހަކީ އާންމު ގޮތެއްގައި ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ މަހެކެވެ. އެކަމަކު މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ރާއްޖެއަށް ޓޫރިސްޓުން އަންނަ ވައިގެ މަގުގެ މައި ރޫޓްތައް ވަނީ ބަންދުކޮށްފަ އެވެ. ދުބާއީ އާއި ގަތަރަކީ ޔޫރަޕްގެ މަންޒިލްތަކުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ރޫޓްތަކެވެ.
ޓޫރިސްޓުން އައުން އެހާ ބޮޑަށް މަދުވާ ނަމަ، ޓޫރިޒަމުން ރާއްޖެއަށް ވަންނަ އާމްދަނީއަށް އޭގެ އަސަރު ކުރާނެ އެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 540،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ ހަ ޕަސެންޓުގެ އިތުރުވުމެކެވެ.
ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާއިންނެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން ރަޝިއާއިން އައި އިރު ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިޓަލީންނެވެ.
ރާއްޖޭގައި ޓޫރިސްޓުން އެންމެ ގިނައިން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގަ އެވެ. މިއަހަރުގެ މިހާތަށް 363،000 ޓޫރިސްޓުން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ. އަދި 141،000 ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގަ އެވެ.