މި މަހުގެ ފުރަތަމަ 15 ދުވަހު ރާއްޖެ އަށް އައި ޓޫރިސްޓުން 2.9 ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި މަހުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތްކުރީ 69،000 ޓޫރިސްޓުންނެވެ. އެކަމަކު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 71،700 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަންނަ ޓޫރިސްޓުން ދަށް ވާން ފެށީ މިދިޔަ މާޗް މަހުން ފެށިގެންނެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން އައިސްފައިވާއިރު މިއީ މިދިޔަ އަހަރަށް ވުރެ 3.7 ޕަސެންޓް ދަށް އަދަދެކެވެ.
ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ތެރެއިން އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ. އެއީ 280،000 ޓޫރިސްޓުންނެވެ.
ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެ ގައުމުން އައީ 219،000 ޓޫރިސްޓުންނެވެ. ތިންވަނައިގައި އުޅޭ އިނގިރޭސި ވިލާތުން 115،000 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކުރި އެވެ.
ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތެރެއިން އެންމެ ގިނަ މީހުން އައިސްފައި ވަނީ ޗައިނާއިން ކަމަށް ވިޔަސް އެންމެ ގިނަ ޓޫރިސްޓުން އަންނަ ސަރަހައްދަކީ ޔޫރަޕެވެ.