މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ފަސް ޕަސެންޓް ދަށް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވަނީ 970،000 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް އެއް މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ.
މި މަހު ރާއްޖެ އަށް އައި ޓޫރިސްޓުން ވަނީ 26 ޕަސެންޓް ދަށްވެފަ އެވެ. ޖޫން މަހު 30،000 ޓޫރިސްޓުން އައި އިރު މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެ އަށް ވަނީ 40،000 ޓޫރިސްޓުން އައިސްފަ އެވެ.
މިދިޔަ މަހު ރާއްޖެ އަށް އައި ޓޫރިސްޓުން ދެ ޕަސެންޓަށް ދަށްވިއިރު އޭގެ ކުރީ އޭޕްރީލް މަހު ރާއްޖެ އަށް ޓޫރިސްޓުންގެ އަދަދު 24 ޕަސެންޓަށް ދަށްވެފައިވެ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މާޗް މަހުން ފެށިގެން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ ދަށްވެފަ އެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން ގަތްގަނޑަކަށް 150،000 ޓޫރިސްޓުން އައި އިރު ރަޝިއާއިން 130،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
މިދިޔަ އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މިއަހަރު ރާއްޖެއަށް 2.2 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ.