ރާއްޖެ އަށް މި އަހަރު ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ސްޕެއިންގެ ރައްޔިތަކު ހޮވިއްޖެ އެވެ.
އެއް މިލިއަން ވަނަ ޓޫރިސްޓުގެ ޝަރަފު ހާސިލްކުރި އަލްމުދޭނާ އޮރްތޫނޯ އެސްޕާޒާ އޭނާގެ ފިރިމީއާ އެކު ރާއްޖެ އައީ ވ. ފުލިދޫ ދަ ޕާލް ސީވިއު ގެސްޓް ހައުސްގައި ޗުއްޓީ ހޭދަކުރުމަށެވެ. މިއީ އެ ދެމަފިރިން ރާއްޖެ އަށް ކުރާ ފުރަތަމަ ޒިޔާރަތް ވެސް މެ އެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި އެއް މިލިއަން ޓޫރިސްޓު ހަމަވިއިރު މިދިޔަ އަހަރު އެއް މިލިއަން ހަމަވީ ޖޫން މަހުގެ ކުރީ ކޮޅުގަ އެވެ.
ގަތަރު އެއާވޭސް އިން ރާއްޖެ އައި އެއް މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދުގެ މެންދުރު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ހެދި ރާއްޖެ އަންނަ ޓޫރިސްޓުން މަދުވުމަށް ފަހު ވެސް މި އަހަރުގެ އެއް މިލިއަން ވަނަ ޓޫރިސްޓް މި ޖޫން މަހު ހަމަވުމަކީ ކާމިޔާބީއެއް ކަމަށެވެ. އަދި ތިން ވަނަ ކުއާޓާއާ ހަމައަށް ދާއިރު ޓޫރިޒަމްގެ މި އަހަރުގެ އަމާޒަށް ކައިރިވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު 2.5 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
"މުޅި އިންޑަސްޓްރީ ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު. އިތުރު އެއާލައިންތައް ގެނައުމަށް ވަރަށް ގިނަ މަސައްކަތް އެބަކުރަން،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.
ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ކުރި އަސަރު ފޫބެއްދުމަށް އިތުރު ގިނަ މަސައްކަތްތަކެއް ވެސް ކުރަމުންދާ ކަމަށާއި ކުރިމަގުގައި ވެސް އެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީން ވިދާޅުވީ، ރާއްޖެ އަށް ޓޫރިސްޓުން ގެނައުމުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދާއިރު ތެލުގެ އަގު އުފުލުމާ ގުޅިގެން ޓިކެޓްތަކުގެ އަގުތައް ވެސް އުފުލިފައިވުމަކީ، މިވަގުތުގެ ގޮންޖެހުމެއް ކަމަށެވެ.
ރާއްޖެ އަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިލިއަނަކަށް ވުރެ މަތިވެފައިވާ އިރު މިއީ މިދިޔަ އަހަރުގެ މިއީ މި މުއްދަތަށް ވުރެ ގާތްގަނޑަކަށް ފަސް ޕަސެންޓް ދަށް އަދަދެކެވެ. މި ޖޫން މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވެސް މިދިޔަ އަހަރުގެ ޖޫން މަހަށް ވުރެ 17 ޕަސެންޓް ދަށެވެ.