އެއް ދުވަހުގެ ތެރޭގައި ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އައި ރެކޯޑު، ހަފުތާއެއްގެ ތެރޭގައި ދެވަނަ ފަހަރަށް މުގުރާލައިފި އެވެ.
މި މަހުގެ އެއް ވަނަ ދުވަހު، 10,253 ޓޫރިސްޓުންނާ އެކު، އާ ރެކޯޑެއް ގާއިމުކޮށްފައިވަނިކޮށް، އިއްޔެ ވަނީ އެ ރެކޯޑު މުގުރާލައިފަ އެވެ.
މިގޮތުން، އިއްޔެ 10،462 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.
މިއީ މިދިޔަ ހަފުތާގެ ތެރޭގައި 24 ގަޑިއިރުގެ ތެރޭގައި 10،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކުރި ތިންވަނަ ފަހަރެވެ.
އެގޮތުން، މިދިޔަ ހޮނިހިރު ދުވަހު ވެސް ރާއްޖެއަށް ވަނީ 10،056 ޓޫރިސްޓުން އައިސްފަ އެވެ.
މި މަހުގެ ފުރަތަމަ ހަފުތާގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާއާ އަޅާބަލާއިރު އަށް ޕަސެންޓު އިތުރެވެ.
އަދި އަހަރުގެ މިހާތަނަށް ރާއްޖެއަށް 295,589 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 279,915 ޓޫރިސްޓުގެ އަދަދާ އަޅާ ބަލާއިރު 5.6 ޕަސެންޓު އިތުރު އަދަދެކެވެ.
ޓޫރިސްޓުންގެ އަދަދު އިތުރުވީ، ޗައިނާ އިން އަންނަ ޓޫރިސްޓުން އިތުރުވުމާ ގުޅިގެންނެވެ. ކޮންމެ އަހަރެއްގެ ވެސް "ޗައިނީސް ނިއު އިޔާ" އާ ދިމާކޮށް އެ ގައުމުން އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް އިތުރުވެ އެވެ.
މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ރަޝިއާ އިން އައި ނަމަވެސް، މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޗައިނާ އިންނެވެ.
މިދިޔަ ދެ އަހަރު ރާއްޖެ އަށް ވަނީ ރެކޯޑު އަދަދަކަށް ޓޫރިސްޓުން ޒިޔާރަތް ކޮށްފަ އެވެ.
މިގޮތުން، މިދިޔަ އަހަރު ރާއްޖެ އައި 2.24 މިލިއަން ޓޫރިސްޓުންގެ ރެކޯޑު އާކޮށް، މި އަހަރު 2.4 މިލިއަނަށް އިތުރުކުރަން ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.