މި އަހަރުގެ މިހާތަނަށް ޗައިނާ އިން ރާއްޖެ އަށް ދެލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޗައިނާއަކީ ދެ ލައްކަ ޓޫރިސްޓުން މި އަހަރުގެ މިހާތަނަށް އައި ފުރަތަމަ ގައުމެވެ. ދެވަނައިގައި އުޅޭ ރަޝިއާ އިން ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދަކީ 170،000 އެވެ. ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސި ވިލާތުންނެވެ. އެ ގައުމުން ވަނީ 94،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފަ އެވެ.
މިދިޔަ އަހަރު ވެސް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާއިންނެވެ.
ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ 73 ޕަސެންޓް ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގަ އެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 823،000 ޓޫރިސްޓުން ރިސޯޓުތަކަށް އައިސްފައިވެ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މިދިޔަ މާޗް މަހުން ފެށިގެން، ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ދަށްވެފަ އެވެ. މި އަހަރުގެ މިހާތަނަށް 1.1 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ ފަސް ޕަސެންޓް ދަށް އަދަދެކެވެ.