ހޮސްޕިޓާލިޓީ ދާއިރާގައި، ބަހްރެއިންގައި އެންމެ ބޮޑު އެއް ކުންފުނި ގަލްފް ހޮޓެލްސް ގްރޫޕް (ޖީއެޗްޖީ) އިން ރާއްޖޭގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ކުންފުނިން އެ މަސައްކަތްކުރަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ކެރެޓްސޫ ޕްރައިވެޓް ލިމިޑެޓާ ހަވާލުކޮށްގެންނެވެ. އެ ކުންފުނިން ވަނީ މީގެ ކުރިން ހިލްޓަން މޯލްޑިވްސް އަމީންގިރި އާއި ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ފަދަ ރިސޯޓުތައް ޑިޒައިންކޮށް ޕްލޭންކޮށް ތަރައްގީކުރުމުގައި މަސައްކަތްކޮށްފަ އެވެ.

މާލެ އަތޮޅުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗުގައި 25 ވަރަކަށް މިނެޓް ދެވޭ ހިސާބެއްގައި ހަދާ އެ ލަގްޒަރީ ރިސޯޓުގައި ބީޗް ފްރޮންޓް އަދި ވޯޓާ ވިލާތައް ތަރައްގީކުރާނެ އެވެ. އަދި ރެސްޓޯރެންޓްތަކާއި ވެލްނެސް ސެންޓަރާއި ރިކްރިއޭޝަން ހަރަކާތްތަކަށް ހާއްސަ ސެންޓަރުތައް އެޅުމަށް ހަމަޖެހިފައިވެ އެވެ.

ޖީއެޗްޖީގެ ސީއީއޯ އަހުމަދު ޖަނާހީ ވިދާޅުވީ، މިއީ އެ ކުންފުނީގެ ހިދުމަތްތައް ފުޅާކުރުމަށް މުހިންމު ފިޔަވަޅެއް ކަމަށާއި އަދި އިންޑިއާ ކަނޑުގެ ސަރަހައްދަށް އެ ކުންފުނީގެ ހިދުމަތްތައް ފެށުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ރާއްޖެ ފަދަ މަޝްހޫރު މަންޒިލެއްގައި ޖީއެޗްޖީގެ ރިސޯޓެއް ތަރައްގީ ކުރުމުން އެ ކުންފުންޏަށް ވެސް އިތުރު ފައިދާތައް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާތްގަނޑަކަށް ފަންސާހަކަށް އަހަރު ވެފައިވާ އެ ކުންފުނިން މިހާރު ވެސް އަންނަނީ ބަހްރެއިން އާއި ޔޫއޭއީ އާއި އެފްރިކާގެ ގައުމުތަކުގައި ވެސް ގިނަ އަދަދެއްގެ ރިސޯޓާއި ހޮޓާތައް ހިންގަމުންނެވެ.

ރާއްޖޭގައި ތަރައްގީކުރާ އެ ރިސޯޓު ހިންގުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ މަޝްހޫރު ހޮޓެލް ބްރޭންޑަކާ ގުޅިގެންނެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެ ކުންފުނިން އަދި ހާމައެއް ނުކުރެ އެވެ.