ރާއްޖޭގައި 2000 އަށް ވުރެ ގިނަ ދަރިވަރުން މިވަގުތު ގުރުއާން ހިތު ދަސްކުރަމުން އެބަގެންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. 

މިނިސްޓަރު މިއަދު ވިދާޅުވި ގޮތުގައި  ރާއްޖޭގެ ހާފިޒުން އިތުރުވަމުން ދާ ކަމީ އުފާވެރި ކަމެކެވެ. ވަކިން ހާއްސަކޮށް ޒުވާނުން ގުރުއާން ހިތުދަސްކުރުމަކީ ރާއްޖޭގެ އިސްލާމީ މުސްތަގުބަލު އުޖާލާކޮށްދޭނެ ކަމެއް ކަމަށް މިނިސްޓަރު ދެކެވަޑައިގަންނަވަ އެވެ. 

"މި ވަގުތާ ހަމައަށް ރާއްޖޭގެ ހާފިޒުންގެ އަދަދު 322 އަށް އަރައިފި. އަންނަ ރޯދަ މަހު، މާތް ﷲ އިރާދަކުރެެއްވިއްޔާ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ ކަމަށް ލަފާކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ. 

ޝަހީމް ވިދާޅުވީ ހާފިޒުން އިތުރުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތެއް ދޭ ކަމަށާއި އަމާޒުކަމަކީ މި ދައުރުގެ ތެރޭގައި ހާފިޒުންގެ އަދަދު 500 އަށް އެރުވުން ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ހާފިޒުންނަށް ހިއްވަރު ދިނުމުގެ ގޮތުން ހާފިޒުންނަށް ދައުލަތުން ދޭ އިނާޔަތް އިތުރުކުރައްވާފައިވާ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އަދި ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއުތައް ވެސް ފުޅާކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ. 

މިވަގުތާ ހަމައަށް ރާއްޖޭގެ ކަންކޮޅުތަކުގައި 2000 އަށް ވުރެ ގިނަ ދަރިވަރުން ގުރްއާން ހިތު ދަސްކުރަމުން އެބަގެންދާ ކަމަށާއި އެންމެ ގިނަ ދަރިވަރުން ދަސްކުރަމުންދަނީ ގުރުއާނާ ބެހޭ މަރުކަޒުގަ އާއި އިލްމު އިންސްޓިޓިއުޓްގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

ރާއްޖޭގެ ހުރިހާ ރަށަކަށް ގުރުއާނުގެ އިލްމު ފުޅާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން މިހާރުވާނީ 30 ރަށެއްގައި ގުރްއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރަޖިސްޓްރީކޮށް އަމަލީ ގޮތުން ހިންގަން ފަށައިފަ އެވެ. އަދި އިތުރު 20 ތަނެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"އިތުރު 38 ތަނެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ތެރޭ ހުރިހާ ރަށަކަށް މި މަޝްރޫއު ގެންދިއުން،" މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ ރަށް ރަށުގައި ހިންގާ ގުރްއާން މަރުކަޒުގެ ގޮފިތަކުގައި އިމާމުންނަށް ވެސް ގުރްއާން ކިޔަވައި ދިނުމުގެ މަސްއޫލިއްޔަތު ވަޒީފާ ބަޔާނަށް އަންނަނީ އިތުރުކުރަމުން ކަމަށެވެ.