ކީރިތި ގުރުއާނުގެ ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައި ބިނާކުރާ ހާއްސަ ވަގްފު އިމާރާތް، 'ދާރުއްނޫރު' މަޝްރޫއު އިސްލާމިކް މިނިސްޓްރީން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި މަޝްރޫއު އިފްތިތާހުކޮށް އިމާރާތުގެ ކުރެހުން ވަނީ ފުރަތަމަ ފަހަރަށް ދައްކާލައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަގްފުގެ ދާއިރާ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ތަރައްގީކުރާ މި އިމާރާތުން ލިބޭ އާމްދަނީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ކީރިތި ގުރުއާނުގެ އިލްމު ފެތުރުމާއި އެ ދާއިރާގެ މަސައްކަތްތައް ކުރިއެރުވުމަށެވެ.

މުޅި އިމާރާތުން މާލީ ނަފާ ލިބޭނެހެން 15 ބުރިއަށް ފަރުމާކުރާ މި އިމާރާތުގައި ކޮމާޝިއަލް އޭރިއާތަކާއި ޒަމާނީ އޮފީސް ޖާގަތަކާއި ލައިބްރަރީއަކާއި، ބޮޑު ހޯލެއްގެ އިތުރުން މީޓިން ރޫމްތައް ހިމެނެ އެވެ. އޭގެ އިތުރުން އިމާރާތުގެ ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ރެސްޓޯރެންޓެއް ވެސް ތަރައްގީކުރާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ. 

ކީރިތި ގުރުއާނުގެ ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައި ބިނާކުރާ ހާއްސަ ވަގްފު އިމާރާތް، 'ދާރުއްނޫރު'ގެ ކުރެހުމެއް
ކީރިތި ގުރުއާނުގެ ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައި ބިނާކުރާ ހާއްސަ ވަގްފު އިމާރާތް، 'ދާރުއްނޫރު'ގެ ކުރެހުމެއް

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، 'ދާރުއްނޫރު' މަޝްރޫއަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖެހިފަ އެވެ. އަދި 2027 ވަނަ އަހަރުގެ ޖެނައަރީ މަހުގެ ތެރޭގައި އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއުގެ އިތުރުން މާލެ ސަރަހައްދުގައި އިތުރު ދެ ވަގްފު އިމާރާތެއް ކަމަށްވާ 'ދާރުލްއަރްގްމް' އާއި 'ދާރުއްސަލާމް' ވަގްފު މަޝްރޫއުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.

މި މަޝްރޫއުތައް ނިމުމުން، ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ އިސްލާމީ ދާއިރާގެ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދެވޭ މިންވަރަށް މިނިސްޓްރީއަށް އާމްދަނީ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި، މިއީ ރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންގިލާބީ ކުރިއެރުންތަކެއް ގެނުވާނެ މަޝްރޫއުތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.