ގާސިމް ބަންދުކޮށްގެން ރައީސް ޔާމީނަށް މޮޅެއް ނެތް، ގާނޫނީ އިމަށް ވެރިކަން އެނބުރޭނެ: ނަޝީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަންދުކޮށްގެން އިދިކޮޅު ހަރަކާތް ހުއްޓުވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިސްނުން ގެންގުޅުއްވިޔަސް އެ މަނިކުފާނަށް ލިބޭނެ އެއްވެސް މޮޅެއް ނެތް ކަމަށާއި ގާނޫނީ އިމުގެ ތެރެ އަށް ރާއްޖޭގެ ވެރިކަން އެނބުރެން މާ ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ބޮޑެތި ތުހުމަތުތަކަކާ އެކު ގާސިމް ހައްޔަރުކުރުން ކުށްވެރިކުރައްވައި، ސްރީ ލަންކާގައި ހުންނަވައި ފޯނުން "މިހާރު" އަށް ވިދާޅުވީ ރައީސް ޔާމީން ވިސްނުން ގެންގުޅުއްވަނީ ސިޔާސީ ލީޑަރުންނަށް ބިރުދައްކައި، ހައްޔަރުކޮށް، ހުކުމްތައް އިއްވައިގެން ވެރިކަން ދަމަހައްޓަން ކަމަށެވެ. ސަރުކާރާ ފެ އަށް ޖެހިވަޑައިގެން، އިސްލާހީ މަސައްކަތަށް ގާސިމް ނުކުންނެވުމާ އެކު އޭނާ ހައްޔަރުކޮށް ބިރުދެއްކެވުމުގެ އަމަލުތައް ހިންގަވަނީ ވެސް އެހެންވެ ކަމަށާއި އެކަމުން ރައީސް ޔާމީނަށް ކުރިއެރުމެއް ނުލިބޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ގާސިމް ހައްޔަރުކުރިއަސް މިކަމެއް ނުހުއްޓުވޭނެ، ގާނޫނީ އިމުގެ ތެރެއަށް ދިވެހި ވެރިކަން އެނބުރޭނެ. ގާނޫނީ ވެރިކަމެއް ރާއްޖޭގައި ހިނގާނެ." ނަޝީދު ވިދާޅުވި އެވެ.

"އެ ވެރިކަން ހިނގުމަށް ރާއްޖޭގެ ޝަރީއަތުގެ ނިޒާމް ވެސް މާ ބޮޑަށް އިސްލާހުވާން ޖެހޭ. އަދި ދިވެހިންގެ ހިތްތަކުގައި އެފަދަ ވެރިކަމެއްގެ މުހިއްމު ކަމާއި އެފަދަ ވެރިކަމެއްގެ ތެރެއިން ނޫނީ ދިވެހިންގެ ނިންމުންތައް ނިންމުން ރަނގަޅު ނޫން ކަަމަށް މާ ބޮޑަށް ގަބޫލުކުރެވެން ޖެހޭ."

ރައީސް ޔާމީން ހީފުޅުކުރައްވަފާނެ ބިރުދެއްކުމުން ކުރިއެރުން ލިބިވަޑައިގަންނަވާނެ ކަމަށް. އެކަމަކު ދިވެހިރާއްޖޭގެ ވެރިކަމުގެ ހަޔާތުން ކުޑަ ތަންކޮޅެއް ބައްލަވާލެއްވި ނަމަވެސް ވަރަށް ބޮޑަށް ސާފުވެވަޑައިގަންނަވާނެ ބިރުދައްކައިގެން އެއްވެސް ކުރިއެރުމެއް ސިޔާސީ ލީޑަރަކަށް ލިބިފައި ނެތް ކަން. --ނަޝީދު

ނަޝީދު ވިދާޅުވީ އެކި ބާވަތުގެ ދޮގު ތުހުމަތުކޮށް، ރާއްޖޭގެ ސިޔާސީ ހުރިހާ ލީޑަރުން ހައްޔަރުކޮށް އިންސާފެއް ނެތް ހުކުމްތަކާ އެކު އެކަހެރިކޮށްގެން ރައީސް ޔާމީން ވެރިކަން ކުރައްވާ ގޮތް އެންމެންނަށް ވެސް ސާފު ކަމަށެވެ. ނަޝީދު ތުހުމަތުކުރައްވާ ގޮތުގައި، އިސްލާހީ މަސައްކަތުގައި ރާއްޖޭގައި ހުންނެވި އިދިކޮޅު ހަމައެކަނި ލީޑަރު ގާސިމް ބަންދުކުރީ ލީޑަރުން ފެއްޓެވި އިސްލާހީ މަސައްކަތަށް ހުރަސް އަޅުއްވާށެވެ.

ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކުރަން އިއްޔެ ޕޮލިސް ލޯންޗުގައި އޭނާ މާލެ ގެންނަނީ --ފޮޓޯ/ހުސެން ވަހީދު/ މިހާރު

ގާސިމް 15 ދުވަހު ބަންދުގައި ނުބޭންދޭނެ ކަމަށާއި އެކަމާ މެދު ސަލާމަތީ ބާރުތަކާއި ފަނޑިޔާރުން ވެސް ވިސްނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މާ ލަސްތަކެއް ނުވެ ގާސިމް ޖަލުން ނެރޭނެ އެވެ. އެއީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރަން 2001 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިރު ވެސް އެންމެ ފުރަތަމަ ސޮއިކުރެއްވި 42 މީހުންގެ ތެރޭގައި އިސްވެ ސޮއިކުރެއްވީ ގާސިމްކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"އަނެއްކާވެސް އަޅުގަނޑުމެން މިދައްކަނީ 42 ސޮއެއްގެ ވާހަކަ. އެއްވެސް ބޭފުޅަކު ޝައްކު ކުރައްވާނެ ކަމެއް ނެތް، އެ އަދަދަކީ އަޅުގަނޑުމެން ގުޅިފައި މިއޮތް ސިޔާސީ ވާދަވެރި ޕާޓީތަކާއި ވެރިންގެ ފިކުރާ އެއްގޮތަށް މަސައްކަތް ކުރަން ވަޑައިގަންނަވާނެ އަދަދެއް. އެކަމާ މެދު އެއްވެސް ޝައްކެއް ނުހިނގާ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރަން އުޅޭތީ، ގާސިމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ހައްޔަރުކުރިއިރު ވޯޓު ހޯދަން މަސައްކަތް ކުރުމަކީ ގާނޫނީ ކުށެއް ނޫން ކަމަށެވެ. އެއީ ގާނޫނުއަސާސީ އާއި ރާއްޖެ އިން ބަލައިގެންފައިވާ ޑިމޮކްރެޓިކް އުސޫލްތަކުން ވަރަށް ސާފުކޮށް ބާރުއަޅާ ކަމެއް ކަމަށް ވިދާޅުވި އެވެ.

އިތުބާރު ނެތް ކަމުގެ ވޯޓަށް ލޮބީކުރުން އެއީ އަކީ ގާނޫނީ ކުށެއް ނޫން. --ނަޝީދު

ސުލްހަވެރި ސިޔާސީ ހަރަކާތް ކިޔަނީ، ނަޝީދު ވިދާޅުވި ގޮތުގައި، އެފަދަ މަސައްކަތްތަކަށެވެ. ގާސިމް ހައްޔަރުކުރިއަސް، މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކުރަން ވޯޓު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށާއި އެއީ ކާމިޔާބުވާނެ ކަމެއް ކަމަށް ތަކުރާރުކޮށް ނަޝީދު ވިދާޅުވި އެވެ.

"އިތުބާރު ނެތް ކަމުގެ ވޯޓަށް ލޮބީކުރުން އެއީ އަކީ ގާނޫނީ ކުށެއް ނޫން. ހުރިހާ ބޭފުންނަށް ވެސް އެކަން އެނގިވަޑައިގަންނަވަން ޖެހޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

"ރައީސް ޔާމީން ހީފުޅު ކުރައްވަފާނެ ބިރުދެއްކުމުން ކުރިއެރުން ލިބިވަޑައިގަންނަވާނެ ކަމަށް. އެކަމަކު ދިވެހިރާއްޖޭގެ ވެރިކަމުގެ ހަޔާތުން ކުޑަ ތަންކޮޅެއް ބައްލަވާލެއްވި ނަމަވެސް ވަރަށް ބޮޑަށް ސާފުވެވަޑައިގަންނަވާނެ ބިރުދައްކައިގެން އެއްވެސް ކުރިއެރުމެއް ސިޔާސީ ލީޑަރަކަށް ލިބިފައި ނެތް ކަން. އެއްވެސް ސަރުކާރަކަށް ވެސް ކުރި ލިބިފައި ނެތް ކަން."

ކުރީގެ ރައީސް ނަޝީދު (ކ) އާއި މައުމޫން: ސިޔާސީ ލީޑަރުން އެކުގައި ފެއްޓެވި އިސްލާހީ މަސައްކަތަށް ހުރަސްއަޅަން ކިތަންމެ ކަމެއް ރައީސް ޔާމީން ކުރެއްވިއަސް އެ މަސައްކަތް ނުހުއްޓުވޭނެ ކަމަށް ނަޝީދު ވިދާޅުވި. -- ފޮޓޯ: ވީ ނިއުސް

ނަޝީދު ވިދާޅުވީ ގާސިމް ހައްޔަރުކޮށްގެން، އިދިކޮޅު ލީޑަރުންގެ ސިޔާސީ ހަރަކާތް ނުހުއްޓުވޭނެ ކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވަން ޖެހޭ ކަމަށާއި އިސްލާހީ މަސައްކަތުގައި އިދިކޮޅު ފަރާތްތަކާ އެކު އެތައް ދިވެހިންނެއް އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ތަޖުރިބާކާރު ބޭފުޅުންނާއި ބައިނަލްއަގުވާމީ ދުނިޔެ އިން އެހީތެރިވެދެއްވާ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް އަޅުގަނޑު ދަންނަވާލަން ބޭނުން، އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކުރުމޭ. އަދި މަޖިލީހުގެ ރައީސް ވަކިކުރުމަށް ފަހުގައި އަޅުގަނޑުމެންގެ ކުރަން އެދޭ ކަންތައްތަކުގެ އެޖެންޑާއެއް ވެސް އެބައޮތޭ. އެ ކަން ކުރަން ވެސް ލީޑަރުންގެ ތެރޭގައި މިއޮތީ އެއްބަސްވެފައި،" ނަޝީދު ވިދާޅުވި އެވެ.

އެ މަސައްކަތްތައް ހުއްޓުވަން ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެންނާއި އެހެން ގޮތްގޮތުން ބިރުދައްކައި ގާނޫނާ ހިލާފު އަމަލުތައް ރައީސް ޔާމީން ހިންގެވުމަކީ "ފިނޑި އަމަލެއް" ކަމަށް ނަޝީދު ވިދާޅުވި އެވެ. .

ގާނޫނީ އިމުން ބޭރުގައި ހިންގާ ކަންކަމާ ދެކޮޅަށް އެ މަނިކުފާނާއި ގާސިމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ނިކުމެވަޑައިގަތީ ސިޔާސީ ތަޖުރިބާތަކެއްގެ އަލީގައި ކަމަށް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގައި ބޭއިންސާފުން އިންތިހާބެއް ބޭއްވިޔަކަ ނުދޭނެ. އަދި ދިވެހިރާއްޖޭގައި ބޭއިންސާފުން ބާއްވާ އިންތިހާބަކުން ރައީސް ޔާމީން އަމިއްލަފުޅަށް ހޮވިވަޑައިގެން، ހުދުމުހުތާރު ބޭފުޅެއްގެ ގޮތުގައި ވެރިކަމަށް ވަޑައިގަނެގެން ދިވެހިރާއްޖެ އަށް ކުރާނެ ރަނގަޅެއް ނޯންނާނެ. ބައިނަލްއަގުވާމީ މުޖުތަމައުން އަންނަނީ ހުރިހާ ކަމެއް ވެސް ވަރަށް ގާތުން ބަލަމުން،" ނަޝީދު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން ރައީސް ޔާމީނަށް ކުރި އެންމެ ބޮޑު ޕްރެޝަރަކީ އެ މަނިކުފާނު ޖަލުން ނެރުން ކަމަށް އެތައް ގައުމަކުން ބުނެފައިވާ ކަމަށާއި އެކަންވުމުން އެއީ އިސްލާހީ މަސައްކަތަށް ލިބުނު ފުރުސަތެއް ކަމަށް ގައުމުތަކުން ގަބޫލުކުރާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ ކޯލިޝަންގެ އެންމެ އިސް ވެރިންގެ ތެރެއިން މާލޭގައި ހަރަކާތްތެރިކަމާ އެކު އުޅުއްވާ ހަމައެކަނި ލީޑަރު ގާސިމް ދެ ވަނަ ފަހަރަށް ހައްޔަރުކުރިއިރު، އޭނާގެ މައްޗަށް ތިން ދައުވާއެއްކޮށް މި މަހުގެ 13 ގައި ވަނީ ޝަރީއަތް ވެސް ފަށައިފަ އެވެ.

ގާސިމް ހައްޔަރު ކުރުމުން އިންޓަ ޕާލިމަންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.