ގާސިމް މިނިވަން ކުރުމަށް ގޮވާލައި މާމިގިލީގައި ބޮޑު މުޒާހަރާއެއް

ފުލުހުންގެ ބެލުމުގެ ދަށުން މިހާރު ހައްޔަރު ކޮށްފައި ހުރި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިނިވަން ކުރުމަށް ގޮވާލައި މާމިގިލީގައި މިއަދު ސިލްސިލާ މުޒާހަރާއެއް ފަށައިފި އެވެ.


މުޒާހަރާގައި ބައިވެރިވާ އިސް މީހަކު ބުނި ގޮތުގައި ގާސިމް ދޫކޮށްލުމަށް ގޮވާލައި ތަފާތު ޝުއޫރުތައް ލިޔެފައި ހުރި ޕޯސްޓަރުތައް ހިފައިގެން 300 އެއްހާ މީހުން މުޒާހަރާގައި ބައިވެރިވި އެވެ. އެ މީހުން ދެކޭ ގޮތުގައި ގާސިމް ހައްޔަރުކޮށްފައި ހުރީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށެވެ.

ގާސިމް މިނިވަން ކުރަން ގޮވާލައި މާމިގިލީގައި މިއަދު މުޒާހަރާ ކުރަނީ

މީގެ އިތުރުން ގާސިމާ ގުޅޭ ގޮތުން ކުރަނީ ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއް ކަމަށް ވެސް އެ މީހުން ބުނެ އެވެ. އެހެންވެ، ގާސިމް ވަގުތުން ދޫކޮށްލުމަށް އެ މީހުން ވަނީ ގޮވާލައިފަ އެވެ.

މި މުޒާހަރާ ކޮންމެ ދުވަހަކު ވެސް ކުރިއަށް ގެންދިއުމަށް އެ ރަށު ރައްޔިތުން ވަނީ ނިންމައިފަ އެވެ. މީގެ ކުރިން ވެސް ގާސިމް ހައްޔަރު ކުރުމާ ގުޅިގެން އެ ރަށުގައި މުޒާހަރާކޮށްފައިވެ އެވެ.

މިފަހަރު ގާސިމް ހައްޔަރުކުރީ އެކަމަށް ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ކްރިމިނަލް ކޯޓުގައި އެދިވަޑައިގަތުމުން ނެރުނު ކޯޓު އަމުރެއްގެ ދަށުންނެވެ. އެކަމަކު އެންމެ ފުރަތަމަ ގާސިމް ހައްޔަރުކުރީ، ޕީޖީގެ ރޯލެއް ނެތި، ފުލުހުން އެދުނު އެދުމަކަށް، އިސް ގާޒީ ބާރީ ދެއްވި އަމުރަކަށެވެ. އެ ފަހަރު ބަންދަށް ހަ ދުވަސް ދިން ފަހުން، އެއީ ގާނޫނާ ޚިލާފު އަމުރެއް ކަމަށް ހައި ކޯޓުން ނިންމައި ގާސިމް ދޫކޮށްލި އެވެ.

ގާސިމް މިނިވަން ކުރަން ގޮވާލައި މާމިގިލީގައި މިއަދު މުޒާހަރާ ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ގާސިމް އަލުން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން 42 މެމްބަރުންގެ ސޮއި ހޯދަން، "ގަވާއިދާ ހިލާފަށް" މަސައްކަތްކުރެއްވުމާއި ސަރުކާރު ވައްޓާލަން މަސައްކަތްކުރައްވާ ކަމުގެ ތުހުމަތުގަ އެވެ.

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް އިދިކޮޅު ފަރާތްތަކުން އުފެއްދި ކޯލިޝަންގެ އެންމެ އިސް ވެރިންގެ ތެރެއިން މާލޭގައި ހަރަކާތްތެރިކަމާ އެކު އުޅުއްވާ ހަމައެކަނި ލީޑަރު ގާސިމް ދެ ވަނަ ފަހަރަށް ހައްޔަރުކުރި އިރު، އޭނާގެ މައްޗަށް ތިން ދައުވާއެއްކޮށް މި މަހުގެ 13 ގައި ވަނީ ޝަރީއަތް ވެސް ފަށައިފަ އެވެ. އޭނާ ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ބަންދަށް 15 ދުވަސް އިތުރު ކޮށްދީފަ އެވެ.

ގާސިމް ހައްޔަރު ކުރުމުން އިންޓަ ޕާލިމަންޓްރީ ޔޫނިއަން (އައިޕީޔޫ) އާއި އިދިކޮޅު ބައެއް ސިޔާސީ ލީޑަރުން ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރައްވައި އޭނާ މިނިވަން ކުރަން ގޮވާލައްވަމުންނެވެ.