ފާރިސް ފުރަން ހުއްދަ ދީފި ނަމަ ރާއްޖެ ނައިސްދާނެ: ހޯމް މިނިސްޓްރީ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ރާއްޖެ އިން ބޭރަށް ވަޑައިގެންފި ނަމަ، ތަހުގީގަށް ހުރަސް އެޅުމުގެ ގޮތުން އޭނާ އަނބުރާ ރާއްޖެ ވަޑައިނުގެން ބޭރުގައި މަޑުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެންވެ އެ ހުއްދަ ނުވަތަ ފާރިސްގެ ޕާސްޕޯޓް ދޫކުރުމަށް ކަމާ ބެހޭ މުއައްސަސާތަކުން އުޒުރުވެރިވާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.


ދިއްގަރު ދާއިރާގެ މެމްބަރު ފާރިސްގެ ބޮޑުދައިތަގެ ހާލު ސީރިއަސްވުމާ ގުޅިގެން އޭނާގެ އަރިހަށް އެއް ހަފުތާގެ މުއްދަތަށް ސިންގަޕޫރަށް ވަޑައިގަތުމަށްޓަކައި ޕާސްޕޯޓް ދޫކުރެއްވުމަށް ތަކުރާރުކޮށް ފުލުސް އޮފީހުގައި އެދިވަޑައިގަތުމުން ވެސް ޕާސްޕޯޓް ދޫނުކުރި މައްސަލަ މީޑިއާ އަށް މިއަދު ތިލަވެފައި ވަނިކޮށް، ހޯމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފާރިސްއާ ބެހޭގޮތުން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލާގައި އޭނާގެ އެއްބާރުލުން ނުލިބޭ ކަމަށެވެ.

އަދި ފާރިސްގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ އަހުމަދު ސޮފްވާނާ އެ މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭއިރު، އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރުމަށް އެތައް ގޮތަކުން މަސައްކަތް ކުރުމުން ވެސް، އެކަމަށް އިޖާބަ ނުދީ، ރާއްޖެ އިން ބޭރުގައި ފިލައިގެން އުޅެނީ ފާރިސްގެ އާއިލާގެ އެހީތެރިކަމާ އެކު ކަމަށް މައުލޫމާތު ލިބޭ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

ސޮފްވާނަކީ ކުރީގެ ރައީސް އަދި ފާރިސްގެ ބައްޕާޕުޅު މައުމޫން އަބްދުލް ގައްޔޫމްގެ ޕާސަނަލް އެސިސްޓެންޓެއްގެ އިތުރުން އެއީ މައުމޫން ފެކްޝަންގެ ކައުންސިލްގެ މެމްބަރެއް ވެސް އެވެ. ސޮފްވާން ހޯދުމަށް ދިވެހި ފުލުހުން ވަނީ އިންޓަޕޯލްގެ އެހީތެރިކަމަށް ވެސް މިދިޔަ އޭޕްރީލްމަހު އެދިފަ އެވެ.

"... މައްސަލައެއްގެ ތަހުގީގު ނިމުމުގެ ކުރިން އެއްވެސް ފަރާތަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވުމަކީ ތަހުގީގަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ބެލެވޭތީ އާއި ފާރިސް މައުމޫންގެ މައްސަލާގައި މިހާތަނަށް ކަން ހިނގާފައިވާ ގޮތަށް ބަލައި، އެމަނިކުފާނަށް ރާއްޖެއިން ބޭޭރަށް ފުރައިވަޑައިގަތުމުގެ ހުއްދަ ދިނުމަށް ކަމާބެހޭ މުއައްސަސާތައް އުޒުރުވެރިވާ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް ހުންނަވާ ފާރިސް ރާއްޖެ އިން ބޭރަށް ފުރާވަަޑައިގަތުން ހުއްޓުވުމުގެ މައްސަލާގައި ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ފާރިސްގެ ބޮޑުދައިތަގެ އަރިހަށް ޒިޔާރަތް ކުރެއްވުމުގެ ފުރުސަތު، ސަރުކާރުގެ އިސް ދެ މަގާމެއް ފުރުއްވަމުން ގެންދަވާ ފާރިސްގެ އެއްބަނޑުއެއްބަފާ ދެ ބޭފުޅަކަށް ފަހިކޮށްދީ، ލުއިފަސޭހަ ގޮތްތަކެއް ވެސް ހަމަޖައްސައިދީފައިވާނެ އެވެ. ބެލޭވެ ގޮތުގައި އެއީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު އަދި ފާރިސްގެ ކޮއްކޮ މުހައްމަދު ޣައްސާން މައުމޫނާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފާރިސްގެ ދައްތަ ދުންޔާ މައުމޫނެވެ.

މައުމޫންގެ ހަތަރު ބޭފުޅުންގެ ތެރެއިން ދުންޔާ އާއި ޣައްސާން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވިއިރު، ފާރިސް އާއި ޔުމްނާ މައުމޫން ހިމެނިވަޑައިގަންނަވަނީ ބޮޑުބޭބޭފުޅު ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅު އިއްތިހާދުގެ އިސްބޭފުޅުންގެ ގޮތުގަ އެވެ.

ޣައްސާނާއި ޔުމްނާ މިހާރު ތިއްބެވީ ބޮޑުދައިތަގެ އަރިހުގައި ސިންގަޕޫރުގަ އެވެ.

ހޯމް މިނިސްޓްރީން ބުނީ މިފަދަ ކަންކަމުގައި ދިވެހި ރައްޔިތުންގެ މެދުގައި އިންސާފުވެރިކަމާއެކު އެއް ހަމައަކުން އަމަލު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ސަރުކާރުން ދެކޭ ކަމަށެވެ.

ފާރިސްގެ ބޮޑުދައިތަގެ އަރިހަށް ވަޑައިގަތުމަށްޓަކައި އޭނާގެ ޕާސްޕޯޓް ދޫކޮށްދިނުމަށް ތިން ފަހަރެއްގެ މަތިން ފުލުސް އޮފީހުގައި އެދިވަޑައިގެންނެވި ނަމަވެސް އޭގެ ތެރެއިން ޖަވާބު ދެއްވީ އެންމެ ފަހަރަކު އެވެ. އެއް ހަފުތާ އަށް ސިންގަޕޫރަށް ވަޑައިގަތުމުގެ ހުއްދަ އަށް އެދިވަައިގެން މި މަހުގެ 17 ގައި ފުލުސް އޮފީހަށް ފޮނުއްވި ސިޓީގެ ޖަވާބުގައި ބުނީ، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގު ނުނިމޭތީ، ފާރިސް އެދިވަޑައިގެންނެވި ގޮތަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ.

އެންމެ ފަހުން މިދިޔަ އާދީއްތަަދުވަހު ފުލުސް އޮފީހަށް ފޮނުއްވި ސިޓީގައި ފާރިސް އެދިވަޑައިގެންފައި ވަނީ ޓްރެވެލް ޑޮކިއުމެންޓެއްގެ ދަށުން ނަމަވެސް އޭނާ އަށް ދަތުރު ކުރެއްވުމުގެ ހުއްދަ ދެއްވުމާ މެދު އިއުތިރާޒެއް ނެތް ކަމަށެވެ. އަދި އަރިހުގައި ފުލުހަކު ފޮނުވާ ގޮތަށް ހަމަޖައްސާ ނަމަ އެ މީހެއްގެ ދަތުރުގެ ޚަރަދަށް ވެސް ޒިންމާވާނެ ކަމަށް ފާރިސްގެ ސިޓީގައިވެ އެވެ. މި ސިޓީ އަށް ފުލުހުން އަދި ޖަވާބެއް ނުދެ އެވެ.

ފާރިސްގެ ޕާސްޕޯޓް ދޫކޮށްދިނުމަށް އެދިވަޑައިގެން އޭނާ ވަނީ ކްރިމިނަލް ކޯޓަށް ވެސް މި މަހުގެ 21 ގައި ސިޓީއެއް ފޮނުއްވައިފަ އެވެ.

އެ ސިޓީގައި އޭނާ އެދިވަޑައިގެންފައި ވަނީ، އެއް ހަފުތާ އަށް ސިންގަޕޫރަށް ވަޑައިގެންނެވުމުގެ ހުއްދަ ޝަރުތުތަކާ އެކު ނުވަތަ ކަފާލާތުގެ ދަށުން ނަމަވެސް ދެއްވުމަށެވެ. އެގޮތުން ކޯޓުން ކަނޑައަޅާ ދުވަހެއްގައި މާލޭގައި ހުންނެވުމަށް ޝަރުތު ކޮށްފައި ނަމަވެސް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފަށް ފޮނުއްވި ސިޓީގައި ފާރިސް އެދިވަޑައިގެންފައިވެ އެވެ.

އޭގެ ޖަވާބުގައި ކޯޓުން ބުނެފައި ވަނީ، ފާރިސްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރުނީ ފުލުހުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ވާތީ، ޕާސްޕޯޓް ދޫކުރުމުގެ ކަންތަކުގައި ފުލުހުންނަށް ހުށަހެޅުން ރަނގަޅު ވާނެ ކަމަށެވެ.