އާ ކައުންސިލަރުން ހުވާކުރަން ފަށައިފި

ނިމިގެން ދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކާމިޔާބުކުރި ކެންޑިޑޭޓުން މިއަދު ހުވާކުރަން ފަށައިފި އެވެ.


ބައެއް ރަށު ކައުންސިލްތަކުގެ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު މިހާރު ވަނީ ނިމިފަ އެވެ. އަނެއް ބައި ކައުންސިލްތަކުގެ ހުވާކުރުން އޮތީ މިރެ އެވެ. ތިން ސިޓީ ކައުންސިލް ކަމަށްވާ މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލް އަދި ފުވައްމުލަކު ސިޓީ ކައުންސިލަށް ހޮވާފައިވާ ކެންޑިޑޭޓުން ވެސް ހުވާ ކުރާނީ މިރެ އެވެ.

މިދިޔަ މަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލް އިންތިޚާބުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް 655 ކައުންސިލަރުން ވަނީ އިންތިޚާބުކޮށްފަ އެވެ.

މި ކައުންސިލްތަކުގެ އަޣުލަބިއްޔަތު ނެގީ އިދިކޮޅު އެމްޑީޕީންނެވެ. ތިން ސިޓީ ކައުންސިލެއްގެ ސާފު އަޣުލަބިއްޔަތު ވެސް އޮތީ އެމްޑީޕީ އަށެވެ. އެއީ މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން 12 ގޮނޑި އާއި އައްޑޫ ސިޓީ ކައުންސިލްގެ ހަތް ގޮނޑި އާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި އެވެ. އެއާ އެކު، އާބާދީ ބޮޑެތި ކައުންސިލްތަކުގެ އަޣުލަބިއްޔަތު ވެސް ލިބުނީ އެމްޑީޕީ އަށެވެ.

މި ފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 255،987 މީހަކަށް ލިބުނުއިރު، ވޯޓުލާން ނުކުތީ ވަރަށް މަދު އަދަދެއްގެ ބައެކެވެ. ތިން ފަހަރެއްގެ މަތިން ފަސްކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވިއިރު، 1،497 ކެންޑިޑޭޓުން ވާދަ ކުރި އެވެ.