ހުޅުމާލޭގައި މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި ޒުވާން އަންހެންމީހާގެ ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިރޭ ބުނެފި އެވެ.
މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވި ގޮތުގައި އެ އަންހެންމީހާ އަދިވެސް އޮތީ ސީރިއަސް ހާލަތުގަ އެވެ. އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު، އަދިވެސް ނޭވާލަމުން އަންނަނީ ވެންޓިލޭޓަރެއްގެ އެހީގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެވެން އޮތް އެންމެ ރަނގަޅު ފަރުވާއެއް ދޭން މަސައްކަތް ކުރަނީ،" އަފްއާލް ވިދާޅުވި އެވެ.
އުމުރުން 22 އަހަރުގެ އަންހެންމީހާ އަދިވެސް ހޭނާރާއިރު އޭނާގެ ސިކުނޑިއަށް ވަނީ ލޭ އެޅިފަ އެވެ.
ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވި އެވެ. އެކަމަކު އެކްސިޑެންޓުގައި ބޮޑަށް އަނިޔާވީ ސައިކަލް ފަހަތުގައި އިން އަންހެންމީހާ އަށެވެ.
ހުޅުމާލެ ފިތުރޯނު މަގުން، އެމްޕީއެލް ކައިރީ ހިނގި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ފިރިހެން މީހާގެ ފައި މަށައިގެން ދިއުން ފިޔަވައި ބޮޑު އަނިޔާއެއް ނުވެ އެވެ.
އެކްސިޑެންޓު ހިނގަން ދިމާވީ، އެ މަގުގައި އަޅާފައި ހުރި ބަމްޕަރެއްގެ މަތިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސްގެންނެވެ. އެއާއެކު، އަންހެން މީހާ ވަރަށް ދުރަށް ވިއްސައިގެން ގޮސް، ބޯ ތާރުގަނޑުގައި ޖެހި ވަނީ ފަޅައިގެން ގޮސްފަ އެވެ.
މި އެކްސިޑެންޓް ހިނގަން ދިމާވި ބަމްޕަރަކީ އެ މަގުގެ ކޮންސްޓްރަކްޝަން ސައިޓަކުން މޫދަށް ފެން ފޮނުވުމަށް މަގު ހުރަސްކޮށް އަޅާފައި ހުރި ހޮޅިތައް ފޮރުވުމަށް، އުސްކޮށް ހަދާފައިވާ ބަމްޕަރެއް ކަމަށްވެ އެވެ. ރޭގަނޑު ގަޑީގައި އެ މަގުގައި ދުއްވާފައި ދާއިރު، މަގުގައި މާބޮޑު އަލިކަމެއް ނެތުމުން ބަމްޕަރު ނުފެންނާތީ ގިނަ ބަޔަކު އަންނަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ.