ޝައިނީ އަށް ޕާލަމެންޓްރީ ގްރޫޕުގެ ފުރިހަމަ ތާއީދު އެބައޮތް: ޚަލީލް

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަށް ޕީޕީއެމާއި އެމްޑީއޭ ޕާލަމެންޓްރީ ގްރޫޕްގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް މިރޭ ވިދާޅުވެއްޖެ އެވެ.


ޝައިނީގެ ދިފާއުކުރައްވައި ކުރެއްވި ޓުވީޓްތަކެއްގައި ޚަލީލް މިހެން ވިދާޅުވެފައި މިވަނީ، އޭނާ އަށް ޒިންމާއަދާނުކުރެއްވޭ ކަމަށް ވިދާޅުވެ، އިސްތިއުފާ ދެއްވަން މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ގޮވާލައްވާފައި ވަނިކޮށެވެ.

ޚަލީލް ވިދާޅުވީ މަސްވެރިންގެ ކުރިއެރުމަށް ޝައިނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. މީގެއިތުރުން ރައީސް އަބްދުﷲ ޔާމީންގެ މެނިފެސްޓޯގައި މަސްވެރިންނަށް ކަނޑައަޅާފައިވާ ކަންކަން ތަންފީޒުކުރަން ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"ﷲގެ ވާގިފުޅާއެކު ރައީސް ޔާމީން ގައުމަށް ގެންނަވާ ހެޔޮ ބަދަލުތަކާ އެކު މަސްވެރިންނަށް ވެސް އޭގެ ފައިދާ ލިބޭނެ،" ޚަލީލް ވިދާޅުވި އެވެ.

ޕީޕީއެމްގެ ބައްދަލުވުމެއްގައި ޚަލީލް ވާހަކަ ދައްކަވަނީ. --ފޮޓޯ/ މިހާރު

ފޭސްބުކް ޕޯސްޓެއްގައި ތޯރިގް ވިދާޅުވެފައި ވަނީ، މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ޝައިނީ ހައްލު ހޯއްދަވައި ދެއްވާފައި ނުވާއިރު، އެ މަގާމުގައި ހުންނަވައިގެން ކުރިއަށް އޮތް ތަނުގައި ވެސް އެ މައްސަލަތައް ހައްލުވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ "ބެޔަސް، ނުބެޔަސް" ސިޔާސަތު ތިން އަހަރު ވެގެން ދިޔައިރު ވެސް ކާމިޔާބުވެފައެއް ނެތެވެ. މަސްވެރިން ބާނާ މަސް ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައެޅުމާ ބެހޭ "ރެގިއުލޭޓްރީ ބޮޑީއެއް" އުފައްދަން މަޖިލިހުގެ ޕީޕީއެމް މެމްބަރުން އެދިވަޑައިގެން ނަމަވެސް، އެކަން ވެސް ކުރައްވާފައި ނުވާ ކަމަށް، ޝައިނީ އިސްތިއުފާ ދެއްވަން ޖެހޭ ސަބަބުތަކުގެ ތެރޭގައި ތޯރިގު ހިމެނުއްވި އެވެ.

މީގެ އިތުރުން ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ ފަރާތްތަކާއި މިނިސްޓަރާ ދެމެދު "ޖާއިޒު ނޫން" ގުޅުންތަކެއް އޮންނަ ކަމަށް ގިނަ އަދަދެއްގެ މަސްވެރިން ދެކޭ ކަމަށް ވެސް ވިދާޅުވި އެވެ.