ސޮއި ހަމައެއް ނުވޭ، ވޯޓަކުން ރައީސް ޔާމީން ބައްޔެއް ނުކުރެވޭނެ: ޝުޖާއު

ވޯޓުން ރައީސް އަބްދުﷲ ޔާމީން ބަލި ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.


ޝުޖާއު މިހެން ވިދާޅުވެފައިވަނީ މިދިޔަ އަންގާރަ ދުވަހު ކުރެއްވި ޓުވީޓަކާ ގުޅިގެން އޭނާ ހުންނެވި ފަޅި ބަދަލުކުރި ކަމަށް ބުނެ، އަޑު ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ. އެ ދުވަހު އޭނާ ވިދާޅުވެފައިވަނީ "ދެންފަހެ އޭނާ ބުނާނެތެވެ. މަށަކަށްވާ ކެތެއް ނުކުރެވުނެވެ،" މިފަދައިންނެވެ.

ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ހުށައަޅަން ބޭނުންވާ އަދަދު އިދިކޮޅު ފަރާތްތަކަށް ހަމަވެފަިއ ނުވާ ކަމަށެވެ. މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން 42 މެމްބަރުންގެ ސޮއި ބޭނުންވެ އެވެ.

ޝުޖާއު ކުރެއްވި ޓުވީޓު.

ރައީސް ޔާމީންގެ ސިޔާސަތުތަކާ ދޭތެރޭގައި ހިތްހަމަޖެހިވަޑައިނުގެން ޝުޖާއު މީގެކުރިން ވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަޅި އަށް ވަޑައިގެންނެވި އެވެ. އެކަމަކު ޝުޖާއު ސަރުކާރަށް ފާޑުވިދާޅުވި މައްސަލާގައި، އޭނާގެ އުޅުއްވާ ވިޔަފާރި އަށް ދަތިތަކެއް ކުރިމަތިކުރި އެވެ. މިގޮތަށް ބިރުދައްކަން ފެށުމުން، ޝުޖާއު ވަނީ އަލުން ރައީސް ޔާމީން ފަޅިއަށް ބަދަލުވެ ވަޑައިގެންފަ އެވެ.

މި ފިތުރު އީދު ބަންދަށް ފަހު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ފެށުމާ އެކު "ރައްޔިތުން އެދޭ ފަދަ އުފާވެރި ޚަބަރުތަކެއް" ލިބޭނެ ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އިދިކޮޅު ފަރާތްތަކުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަކީ މަޖިލިހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލިހަށް ހުށަހެޅުމަށެވެ.

ނަމަވެސް ވެރިކަންކުރާ ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިހުގެ މެމްބަރުން ގެންދަވަނީ ސަރުކާރަށާއި ރައީސް ޔާމީނަށް ތާއީދު ކުރައްވަމުން ގެންދަވާކަން ހާމަކުރައްވަމުންނެވެ.

އެގޮތުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/އެމްޑީއޭ ކެންޑިޑޭޓަކީ ރައީސް ޔާމީންކަން ޔަގީންވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރައްވާނީ ރައީސް ޔާމީން ކަމަށް ނިހާނު ވިދާޅުވި އެވެ.

ނިހާނު ކުރެއްވި ޓުވީޓު.

އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދޫ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސާބިތުކަމާއެކު ރައީސް ޔާމީންގެ ސަރުކާރު ދިފާއު ކުރެއްވުމުގައި ދެމި ހުންނަވާނެ ކަމަށެވެ.