އަޅުގަނޑު ބަޣާވާތެއް ކުރާކަށް ނޫޅެން: ގާސިމް

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ބަޣާވާތެއް ގެންނަން ކަމަށް ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވިދާޅުވި ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިިކޮޅު ޕާޓީތަކުގެ ގިނަ މެމްބަރުންތަކެއް ޖުމްހޫރީ ޕާޓީގެ ހަރުގެ، މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އޭނާ ދުވަހަކު ވެސް ގާނޫނުއަސާސީއާ ހިލާފުނުވާނެ ކަމަށާއި ބަޣާވާތެއް ވެސް ގެންނަން ނޫޅުއްވާ ކަމަށެވެ.

"އެއީ ކޮންމެ މީހަކު ބުނި އެއްޗެއް ކަމަށް ވިޔަސް ހަމަ ދޮގެއް. އަޅުގަނޑު ދުވަހަކު ވެސް ގާނޫނު އަސާސީއަކާ ޚިލާފެއް ނުވާނަން،" ޕީޕީއެމުން މެމްބަރުން ވަކިވެވަޑައިގަތީ ފައިސާގެ ދަޅަ ދައްކައިގެން ކަމަށާއި ގާސިމް ބަޣާވާތެއް ގެންނަން އުޅުއްވާ ކަމުގެ ތުހުމަތު ޕީޕީއެމުން ކުރުމާ ގުޅިގެން ގާސިމް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތައް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމުގައި ގާސިމްގެ ގިނަ ވާހަކަތައް އަމާޒު ކުރެއްވީ، ޝަރުއީ ދާއިރާ ބޭނުން ކޮށްގެން ސަރުކާރުން ހިންގަމުން އަންނަ ސިޔާސީ ކަންކަމާ ގުޅޭގޮތުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޕާޓީން ވަކިވާ އަދި ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހަދަން ސުޕްރީމް ކޯޓަށް، އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ގާސިމް ވިދާޅުވީ، ގާނޫނުއަސާސީއާ ޚިލާފު ނިންމުމެއް އެ ކޯޓުން ނުނިންމާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެއީ ޕާޓީ ބަދަލު ކުރުމުން ކައުންސިލަރުންގެ ގޮނޑި ގެއްލޭނެ ކަމަށް 2012 ވަނަ އަހަރު ސުޕްރީމު ކޯޓަށް ހުށަހެޅި މައްސަލަ ވެސް ނިންމާފައިވަނީ އިންތިޚާބުކޮށްފައިވާ މީހަކު، ޕާޓީ ބަދަލުކުރުމުން ގޮނޑި ނުގެއްލޭނެ ކަމަށް ކަނޑައަޅާފައިވާތީ ކަމަށް ގާސިމް ވިދާޅުވި އެވެ.

ރޭގެ ބައްދަލުވުމުގައި ގާސިމް (ކ) އާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

"އަޅުގަނޑުމެން އިންތިޚާބުކޮށްފައި މި ވަނީ އެއަށް ވުރެ ގިނަ މެމްބަރުން ވޯޓުލައިގެން. އެހެންވެ، ސުޕްރީމު ކޯޓުން (ދެކޮޅަށް) ނިންމަވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މި މައްސަލަ އަޅުގަނޑުމެންނަށް ސިފަ ވަނީ އެޓާނީ ޖެނެރަލް ކުޅޭ ޑްރާމާއެއްގެ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މީގެ ކުރިން ވެސް އެކި މެމްބަރުން، ޕާޓީ ބަދަލު ކުރެއްވި ކަމަށާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވެސް ޕީޕީއެމާ ގުޅިވަޑައިގަތް ކަމަށެވެ. އެކަމަކު އޭރު އެޓާނީ ޖެނެރަލަށް އެކަން ފެނިވަޑައިނުގަތީ ކީއްވެގެންތޯ އޭނާ ސުވާލު ކުރެއްވި އެވެ.

ގާސިމް ވިދާޅުވީ ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް އެ ޕާޓީ ދޫކުރައްވައި، އިސްލާހީ މަސައްކަތްތަކާ ގުޅިވަޑައިގަންނަވަނީ އެ ޕާޓީގެ ތެރެއިން ހިތްހަމަޖެހިވަޑައި ނުގަންނަވާ ގިނަ ކަންކަން ފެނިވަޑައިގަތުމުން ކަމަށެވެ. އަދި މިހާރު މެމްބަރުން އެ ވާހަކަތައް ދައްކަވަނީ ބަރުދާސްތު ނުކުރެވިގެން ކަމަށް ވިދާޅުވި އެވެ.

ގާސިމްގެ މައްޗަށް ދަައުވާކުރާ ތިން މައްސަލައިގެ ޝަރީއަތް އަލުން ފެށުމަށް ކްރިމިނަލް ކޯޓުން ނިންމައި އޭނާއަށް އިއްޔެ ވަނީ ޗިޓު ފޮނުވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ކުރިން ހުށަހެޅި މައްސަލައާ ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ދައުވާކުރާ މައްސަލައިގައި މިއަދު އޭނާ ކޯޓަށް ހާޒިރުވާން ޖެހެ އެވެ.

މި މައްސަލައިގެ ޝަރީއަތް އަލުން މި ފަށަނީ، އެ މައްސަލަ މިދިޔަ އާދިއްތަދުވަހު ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލުމުންނެވެ. މައްސަލަ އަނބުރާ ފޮނުވާލީ، އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމަށް އާދީއްތަދުވަހުގެ ރޭ ބާއްވަން އުޅުނު ޝަރީއަތަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލުން ހާޒިރު ނުވުމުންނެެވެ.