އަމުރާ ގުޅިގެން ޕީޕީއެމްގެ 10 މެމްބަރުންގެ ގޮނޑި ނުގެއްލޭނެ: ވަކީލުން

ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ގުޅޭ ގޮތުން ނެރުނު ހުކުމް، މާޒީގައި ވެފައިވާ ކަމެއްގެ މައްޗަށް ތަންފީޒު ކުރުން ހުއްދަ ނޫން ކަމަށް އެ ކޯޓުން ރޭ އަމުރު ކުރުމުން، ޕީޕީއެމުން ވަކިވެފައިވާ 10 މެމްބަރުން މަޖިލީހުގެ މެމްބަރުކަމުން ވަކިނުވާނެ ކަމަށް ގާނޫނީ ބައެއް ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.


މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުކުމް ކޮށްފަ އެވެ.

އެ ހުކުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް ސޮއިކުރެއްވި ޕީޕީއެމްގެ 10 މެމްބަރެއްގެ ގޮނޑި ގެއްލުމުގެ ބިރު އުފެދުނެވެ. އެއީ އެ މައްސަލަ ހުށަހެޅުމަށް ފަހު 10 މެމްބަރުން ޕާޓީން ވަކިވުމުންނެވެ.

ޕީޕީއެމް/އެމްޑީއޭގެ މެމްބަރުންތަކެއް ޕްރެސް ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

މަޝްހޫރު ގާނޫނީ ވަކީލު ހިސާން ހުސައިން ފާހަގަ ކުރެއްވި ގޮތުގައި މަސީހް ވަކި ކުރަން ސޮއި ކުރެއްވި ޕީޕީއެމްގެ 10 މެމްބަރުންނަކީ ސުޕްރީމް ކޯޓުގެ ހުކުމް އައުމުގެ ކުރިން ޕާޓީން ވަކިވެ އެކަން ބަޔާންކޮށް ސިޓީ ފޮނުވާފައި ތިބި މެމްބަރުންނެވެ. އަދި އެ ހުކުމް އައީ ޕީޕީއެމްގެ މެމްބަރުން ޕާޓީން ވަކިވިކަން ޕާޓީ އަށް އަންގާފައި އޮއްވާ ކަމަށް ވާތީ އެ މެމްބަރުންގެ މައްޗަށް ހުކުމް ނުހިނގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ވަކި ގޮތަކަށް އަމަލު ކުރަން، ވެރިކަން ކުރާ ޕާޓީން އެ މެމްބަރުންނަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

"އެ މެމްބަރުން އެ ތިއްބެވީ މަސީހާ ދެކޮޅަށް ސޮއި ކުރައްވައިގެން. މެމްބަރުންގެ ނިންމެވުމާ ގުޅިގެން އިތުރު ފިޔަވަޅު އަޅައި ވަކި ކުރުމަކީ ކުރެވޭނެ ކަމެއް ނޫން،" ހިސާން ވިދާޅުވި އެވެ.

ހިސާން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވީ ޕީޕީއެމުން ދާދި ފަހުން ވަކިވެވަޑައިގަތުމަށް ނިންމެވި މެމްބަރުންނަކީ އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ސިޓީ ފޮނުވި މެމްބަރުން ކަމަށެވެ. އެ މެމްބަރުން މިހާރު ޕީޕީއެމުން ވަކިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުކުމުގައި ވަރަށް ސާފުކޮށް ބަޔާންކޮށްދީފައި އެބައޮތް، ހުކުމް ކުރި ދުވަހުގެ ކުރިއަށް، އެ ގަޑީގެ ކުރިއަށް ހިނގާފައި އޮތް އެއްވެސް ކަމެއް ހުކުމްގެ ތެރެއަށް ނުވަންނާނެ ކަމަށް،" ވަހީދު ވިދާޅުވި އެވެ.

"ފިޔަވަޅުތަކެއް އަޅަން ބަޔަކު އުޅުނަސް، (ވަކިވާން ސިޓީ ފޮނުވި) އެ މެމްބަރުންނަކީ އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީން ކެނޑިފައި ތިބި ބައެއް،" ވަހީދު ވިދާޅުވި އެވެ.

ޕީޕީއެމުން ވަކިވާން ސިޓީ ފޮނުވި މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ އާއި ތިނަދޫ ދެކުނު ދާއިރާގެ މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި މަހިބަދޫ ދާއިރާގެ މުހައްމަދު ތޯރިގާއި ތިމަރަފުށި ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހެވެ.

ވަހީދު ވިދާޅުވީ ޕީޕީއެމުން މީގެ ކުރިން ވަކި ކޮށްފައިވާ މެމްބަރުންގެ މައްސަލަ ރިވިއު ކޮށްގެން ފިޔަވަޅު އެޅުމުގެ އެއްވެސް އިހްތިޔާރެއް ޕީޕީއެމަށް ނެތް ކަމަށެވެ. އަދި މެމްބަރުންނާ މެދު އަނިޔާވެރިވުމުގެ ފުރުސަތެއް މިހާރު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމުން ވަކިކޮށްފައި ތިބި މެމްބަރުންނަކީ ވަހީދުގެ އިތުރުން، ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހްލޫފާއި ދިއްގަރު ދާއިރާގެ އަހުމަދު ފާރިސް މައުމޫނާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިން އެވެ.

ވަކީލު ހުސްނުއް ސުއޫދު ވެސް ވިދާޅުވި ގޮތުގައި ޕީޕީއެމުން ވަކިވާން މެމްބަރުން ސިޓީ ފޮނުވާފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމް އައުމުގެ ކުރިންނެވެ. އެހެންކަމުން އެ މެމްބަރުން އަލަށް ޕީޕީއެމުން ވަކި ނުކުރެވޭނެ ކަމަށް ސުއުދޫ ގަބޫލު ކުރައްވަ އެވެ.

މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ގޮތްތަކެއް ކަނޑައެޅި ހުކުމަކީ މިހާރު އަމަލު ކުރަމުން އަންނަ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޕާޓީތަކުގެ އަސާސީ ގަވާއިދާއި އަދި އެހެން ގާނޫނުތަކާއި ގަވައިދުތަކުން ކަނޑައަޅާފައިވާ އިޖުރާއާތުތަކަށް ތަބާވުން އިސްތިސްނާ ކުރެވިފައިވާ ހުކުމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވެ އެވެ.

މަސީހާ ދެކޮޅަށް ސޮއިކުރި މެންބަރުންގެ ތެރޭގައި ކުރިން ޕީޕީއެމުން ވަކިކޮށްފައިވާ ކަމުގެ ލިޔުން އެ ޕާޓީން ދީފައިވާ ބޭފުޅުން ވެސް ހިމެނޭ އިރު ކޯޓުގެ ހުކުމް އައުމުގެ ދެތިން ދުވަސް ކުރިން ޕާޓީން ވަނީ އެ މެންބަރުންގެ މައްސަލަ އަލުން ބަލަމުން އަންނަ ކަމަށާއި ޕާޓީން ވަކި ނުވާ ކަމަށް އެ މެމްބަރުންނަށް އަންގައިފަ އެވެ. އެހެންވެ މަސީހުގެ މައްސަލައިގައި ނަގާ ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެ މެންބަރުންގެ މަގާމު ގެއްލުވާލުމުގެ ބިރު އެބަ އޮތް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.