ކުރީގެ ރައީސް މައުމޫން މިރޭ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
19 ޖުލައި 2017 - 00:33
ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ހަތަރު މެމްބަރަކު އެ ޕާޓީން ވަކިވިކަން ކަމާ ބެހޭ މުއައްސަސާތަކަށް އަންގާފައިވާ ކަމަށް އެ ޕާޓީން މިރޭ ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވިޔަސް، އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕާ ބައްދަލުކުރެއްވުމަަށް ފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ބާނީ މައުމޫން ވިދާޅުވީ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ކާމިޔާބު ކުރައްވާނެ ކަމަށެެވެ.
ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ޕީޕީއެމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާ ކަމަށާއި އަދި އެ ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ޕީޕީއެމްގެ ކައުންސިލްގެ މިރޭގެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވި ކަމަށް، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ބާރުވެރިކަމާއި މުއައްސަސާތަކަށް ނުފޫޒު ފޯރުވުން ހުރި މިންވަރަށް ބަލާއިރު، އެ ހަތަރު މެމްބަރުން ޕީޕީއެމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން މަޖިލިހުގެ އިދާރާ އަށް އެންގުމުން އެކަން އެ ހިސާބުން ނުނިމޭނެ ކަމަށް މައުމޫން ގަބޫލުފުޅު ކުރައްވަނީތޯ ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ "ގާނޫނާ ޚިލާފު ކަމެއް ނުނިމޭނެ" ކަމަށެވެ.
އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕާ މިރޭ ބައްދަލުކުރެއްވުމަށް ފަހު، މައުމޫން އެ ބޭފުޅުންނާ އެކު ފޮޓޯފުޅެއް ނަންގަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
"ކަނޑައެޅިގެން ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފު. އެހެންވީމާ ނުނިމޭނެ އެގޮތަކަށް،" ހަތަރު މެމްބަރަކު ޕީޕީއެމުން ވަކިވިކަން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާކަން ރައީސް ޔާމީން ކައުންސިލްގެ ބައްދަލުވުމުގައި އިއުލާން ކުރެއްވި ކުރެއްވުމަށް ރައްދު ދެއްވަމުން އެމަނިކުފާނުގެ އެއްބަފާ ބޭބެ މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ސުލޫކީ މައްސަލައެއްގައި ޕާޓީއަކުން މެމްބަރަކު ވަކިކުރިޔަސް އެ ބޭފުޅަކު މަޖިލިހުގައި ދެމިހުންނާނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ. އަދި އެއަށް ހުރުމަތްތެރިކޮށް ހިތުމަށް ސުޕްރީމް ކޯޓުން އެންމެ ފަހުން ނެރުނު އަމުރުގައި ވެސް އަންގާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"އެހެންވީމާ ޕާޓީން ވަކިކުރިޔަސް ރައްޔިތުންގެ މަޖިލިހުގެ ގޮނޑިއެއް ނުގެއްލޭނެ،" ކުނޫޒްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވި އެވެ.
އިދިކޮޅު ސިޔާސީ ހަރަކާތުގައި އެންމެ އިސްކޮށް އުޅުއްވާ ހަތަރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މައުމޫން ވިދާޅުވީ "އަޅުގަނޑުމެންގެ ގޭމްޕްލޭން ރާވައި ނިންމާފައި" ވާ ކަމަށާއި ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕާ އެކު މިރޭ ވެސް ވަރަށް ގިނައިރު ވަންދެން ވާހަކަތައް ދެއްކެވި ކަމަށެވެ.
އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕާ މިރޭ ބައްދަލުކުރެއްވުމަށް ފަހު، މައުމޫން ވަޑައިގަންނަަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ބާއްވައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނެ ކަމަށެވެ.
"އެ ވޯޓުގައި ހަމައެކަނި 45 މެމްބަރުންނެއް ނޫން. އެއަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އޭނާގެ [މަސީހް] އިތުބާރު ނެތްކަމުގެ ވޯޓުގައި. އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ފަރާތްތައް ގުޅިގެން މަސައްކަތް ކުރާނެ ގޮތް ރާވާ ސްޓިއަރިން ކޮމެޓީއެއް ވެސް އެކުލަވާލާފައިވާ ކަމަށާއި މިރޭގެ ބައްދަލުވުމުގައި ވެސް ކުރިއަށް ގެންދެވީ އެކަން ކަމަށެވެ.
މައުމޫން ވިދާޅުވި ގޮތުގައި ގާނޫނާ ޚިލާފަށް ސަރުކާރުން ކަންކަން ކުރުން އިތުރު ވެފައިވާތީ، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކޮންމެ ފަދަ ކަމެއް ވެސް ސަރުކާރުން ކުރިމަތި ކޮށްފާނެ ކަމަށް ބަލައިގެންނެވެ.
"އަޅުގަނޑުމެން މިތިބީ ތައްޔާރަށް. [ސަރުކާރުން ކަމެއް] ކޮށްފިއްޔާ އަޅުގަނޑުމެން އޭގެ ޖަވާބުގައި ކަންތައް ކުރާނަން،" މައުމޫން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުވާލު
22 July 2017
މިކަހަލަ ފޮޓޯ ތަކުން އީވާ ހާދަ ނުފެނެޔޭ. ޢަސްލު އެމްޑީޕީ ކުދިން ވ. ނުފެނޭ
ކޮވެލި
22 July 2017
އެމްޑީޕީމީހުން ހީވޭތަ މައުމޫނަށް ތާއީދުކުރާނެހެން؟
އަބްދުއްލާ
19 July 2017
ގޮނޑި ނުގެއްލޭނެ އެކަމަކު ހުވަޔާ ހިލާފުވީކަން ގެއްލުވަން އުޅުނުމީހާގެ މައްޗަށްސާބިތުވާނެ.
ލީންޓޭ
19 July 2017
ހަމަ ގެއްލޭނެ.
ސސ
19 July 2017
މައުމޫނުގެ ރައީސު ކަމުގެ ގޮންޑިވެސް ނުގެއްލޭއިރު ދެން ކޮން ގޮޑިޔެއްތޯ ގެއްލޭނީ!
ގަލޮޅު މީހާ
19 July 2017
މިރާޖެ އިން ޕާޓީ ތަށް އުވާލަން ފެނޭ ސާބަސް ޔާމީން
ރަދީފް
19 July 2017
ސާބަހޭ މަނިކްފާނުއަޅުގަނޑު ވަރަށް އުފާވެއްޖެ .
ސަލީމް
19 July 2017
ޒައީމް ބެސްޓް އެކަމަކު މިހާރު ތިޔައީ ޒައީމެ އަދު ދިވެހި ދަރިން ހިތާމަކުރާ.
ހާރިސް
19 July 2017
އެކަމަކު މިއިން އެކަކަށްވެސް ދެން އަލުން ކުރިމަތިލައި ހޮވިގެން ނޫންގޮތަކަށް މަޖިލީހަކަށް ނުވަދެވޭނެ
ޕޮކްސް
19 July 2017
މައުމޫންގެ ގޭމްޕްލޭން އެމްޑީޕީއަށް ރޭކާލައިއިރު އޮންނާނީ އެމްޑީޕީ މައުމޫން ހައިޖެކްކޮށް ޕާޓީ ނަޝީދުގެ އަތުން ބީވެފައި. ނަޝީދުއަށް 13 އަހަރުގެ ޖަލު ޙުކުމެއްކޮށް މައުމޫން އަޑީގައި ހުރެ ރާއްޖެއިން ބޭރަށް ނަޝީދު އަރުވާލުމަށްފަހު މިހާރު އެމްޑީޕީގެ ޒައާމަތާ މިއޮތީ ޒައީމް ޙަވާލުވެފައި.
ހުސޭނުބެ
19 July 2017
މައުމޫނު ތިހެން ބުންޏަސް ސްޕްރީމް ކޯޓުގެ ޙުކުމުގައިވާ ގޮތުންނަމަ މިހަތަރު މެމްބަރުންގެ ގޮނޑި ގެއްލުނީއެވެ.