ދައުވާ އުފުލުމެއް ނެތި ޝަރީއަތް ނިމެންދެން ފާރިސް ބަންދު ކުރުމުން ކަންބޮޑުވޭ، އިސްތިއުނާފު ކުރާނަން: ވަކީލުން

ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުވާ އުފުލުމެއް ނެތި، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކޮށްފައިވާތީ ކަންބޮޑުވާ ކަމަށާއި އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް އޭނާގެ ވަކީލުން މިރޭ ބުނެފި އެވެ.


ފާރިސްގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުމޫން ހަމީދު ވިދާޅުވީ، ފާރިސްގެ ބަންދާ މެދު ގޮތެއް ނިންމި އަޑުއެހުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލުންނާއި ފުލުހުން ހާޒިރުވެ، ފާރިސް ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދުނުއިރު، އެ މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ފާރިސް އިއްޔެ ހައްޔަރުކުރީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމަށް ބޭނުންވާ ސޮއި ހޯދުމަށްޓަކައި ބައެއް މެމްބަރުންނަށް ނުފޫޒު ފޯރުވައި ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އަދި ރިޝްވަތުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.

ފާރިސްގެ ވަކީލު މައުމޫން ވިދާޅުވީ ތަހުގީގު ނުނިމެނީސް އަދި ފާރިސް އަށް އެ މައްސަލާގައި ދައުވާއެއް ކުރާނެ ކަން ޔަގީން ނުވަނީސް، ޝަރީއަތް ނިމެންދެން ފާރިސް ބަންދު ކުރަން ދައުލަތުން އެދުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެކަން އެގޮތަށް ކުރުމުގެ ފުރުސަތު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ލިބުނަސް އެކަން ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަނޑައެޅިގެން އެނގެން އެބައޮތް ތަހުގީގު އަދި ފުރިހަމަ ނުވާކަން. ފުރިހަމަ ނުވާ ތަހުގީގަކަށް އަދި ދައުވާއެއް އުފުލާނެ ކަން ވެސް ނެތް އަދި އެނގޭކަށް. އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ފެންވަރުގެ ހެއްކާއި ގަރީނާއެއް އަދި ނެތް މި މައްސަލައިގައި،" މައުމޫން ވިދާޅުވި އެވެ.

ފާރިސް ހައްޔަރު ކުރުމާއި ބަންދާ މެދު ގޮތެއް ނިންމުމުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނޭ މައުމޫން ހަމީދު މިރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އޭނާ ވިދާޅުވި ގޮތުގައި ފާރިސްއާ ދެކޮޅަށް ފުލުހުން ހުށަހެޅީ ސިއްރު ހެކިތަކެކެވެ. އެއިން އެއްވެސް ހެއްކެއްގެ މައުލޫމާތު ދިފާއީ ވަކީލުންނަށް ނުލިބޭ ކަމަށާއި އެކަމަކު ފާރިސް ބަންދު ކުރަން ފުލުހުން އެދުނީ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ ކަމަށް ބުނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

"ފާރިސް އަދިވެސް ބަންދުގައި ބަހައްޓަންޖެހޭ ކަމަށް އެ ބޭފުޅުން ވިދާޅުވަނީ ހެއްކަށް ނުފޫޒު ފޯރުވަފާނެތީ. އަޅުގަނޑުމެންގެ ސުވާލަކީ އެއީ ކޮން ހެއްކެއް ކަން ނޭނގެނީސް ކިހިނެތްތޯއޭ ނުފޫޒު ފޯރުވާނީ؟،" މައުމޫން ވިދާޅުވި އެވެ.

ފާރިސްއާ ދެކޮޅަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި ބޭންކް އެކައުންޓް ހުޅުވާއިރު ސޮއި ސައްހަތޯ ކަށަވަރު ކުރަން ބޭނުންކުރާ ހުސް ކާޑުތަކެއް ހިމެނޭ ކަމަށާއި އެއީ ނުފޫޒު ފޯރުވުމުގެ ތަކެއްޗަށް ވެދާނެ ކަމަށް ފުލުހުން ބުނާ ކަމަށް މައުމޫން ވިދާޅުވި އެވެ.

ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ ފާރިސް ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް ކަމަށެވެ. ޖިނާއީ ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި ނަމަ އެންމެ ކައިރީގައި ހުރި ފުލުހުންގެ މަރުކަޒަކަށް ގެންދަން އެ ގާނޫނު ލާޒިމް ކުރި ނަމަވެސް، ފާރިސް ހައްޔަރު ކޮށްގެން އެންމެ ފުރަތަމަ ވެސް ގެންދިޔައީ ދޫނިދު އަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މައުމޫން ވިދާޅުވި ގޮތުގައި ފުލުހުންގެ ކަސްޓޯޑިއަލް ޖަލެއް ކަމަށްވާ ދޫނިދޫގައި ފާރިސް ބަހައްޓާފައި ބެހެއްޓުމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި އެންޓި ޓޯޗާގެ ގާނޫނާ ޚިލާފް ކަމެކެވެ. ސަބަބަކީ ދޫނިދު އަކީ ކަސްޓޯޑިއަލް ޖަލެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބުނާ އިޖުރައާތު ފުރިހަމަ ކުރުމެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ފާރިސް ދޫނިދޫގައި ބަހައްޓާފައިވާ ބެހެއްޓުމަކީ ގާނޫނާ ޚިލާފަށް ކުރެވޭ ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.