އަދީބަށް ވަކި ގޮތެއް ހަދަން އިރުޝާދެއް ދީފައެއް ނުވޭ: ފަނޑިޔާރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ މެދު ވަކި ގޮތަކަށް އަމަލު ކުރަން އެއްވެސް މީހެއްގެ ފަރާތުން އިރުޝާދު ލިބިފައި ނެތް ކަމަށް ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު އާދަމް އާރިފް މިއަދު ވިދާޅުވެއްޖެ އެވެ.


މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައި ދިން ކަމަށް ބުނެ އަދީބުގެ މައްޗަށް ކުރާ ދެ ދައުވާއަކާ ގުޅިގެން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދީބު ވިދާޅުވި ގޮތުގައި، އެ ދެ މައްސަލަ ބައްލަވާ ފަނޑިޔާރު އާދަމަކީ އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ބެއްލެވި ވަކީލެކެވެ.

އެހެންވެ، އެއީ "ކޮންފްލިކްޓް އޮފް އިންޓަރެސްޓް" އުފެދޭ މައްސަލައެއް ކަމަށް ވިދާޅުވެ، އޭނާގެ މައްސަލަތަކުން ފަނޑިޔާރު އާދަމް ތަނާޒުލް ވުމަށް އަދީބު އެދިވަޑައިގަތެވެ.

އަދީބު ވަނީ އެއް ބާވަތެއްގެ ގިނަ މައްސަލަތަކެއްގެ ޝަރީއަތް އޭނާއާ ދެކޮޅަށް ހިންގާއިރު، އެއް ފަނޑިޔާރަކު ހުރިހާ މައްސަލައެއް ބައްލަވާތީ ސުވާލު އުފައްދަވައިފަ އެވެ. އަދި ކްރިމިނަލް ކޯޓުގައި އިތުރު ފަނޑިޔާރަކު މައްސަލަތައް ބައްލަވަން ނުހުންނަވަނީތޯ އަދީބު ސުވާލު ކުރެއްވި އެވެ.

"އެއް ގާޒީއަކު ބަލާނަމަ ހުރިހާ މައްސަލައެއް ވެސް ނިމޭނީ އެއްގޮތަކަށް. އަޅުގަނޑުގެ މައްސަލަތައް ބަލަން އެހެން ގާޒީއަކު ނެތީތޯ؟ ނޫނީ އަޅުގަނޑުގެ މައްސަލަތައް މަނިކުފާނު ބައްލަވަން އެއްވެސް ނުފޫޒެއް އޮންނަނީތީ؟ ތި މަގާމަށް ވަޑައިގެންނެވެނީ އަޅުގަނޑަށް ހުކުމްކޮށްގެންތޯ؟،" އަދީބު ސުވާލު ކުރެއްވި އެވެ.

ކުރީގެ ނައިބު ރައީސް އަދީބު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އަދީބުގެ ވާހަކަތަކާ ގުޅިގެން ފަނޑިޔާރު އާދަމް ވިދާޅުވީ އެއް ބާވަތެއްގެ މައްސަލަ ހުށަހެޅޭނަމަ، އެ ހުރިހާ މައްސަލައެއް އެއް ގާޒީއަކު ބެއްލެވުމަކީ ކްރިމިނަލް ކޯޓުގައި ހިނގަމުން އަންނަ އުސޫލު ކަމަށެވެ.

ނަމަވެސް އޭނާގެ މައްސަލަތައް ނުބައްލަވައި، ތަނާޒުލް ވުމަށް އަދީބު އެދިވަޑައިގަތުމާ ގުޅިގެން އާދަމް ވިދާޅުވީ އެފަދަ އުސޫލެއް އޮތްތޯ ބައްލަވައި އޮތް ނަމަ އެކި ފަނޑިޔާރުންނާ މައްސަލަތައް ހަވާލު ކުރައްވާނެ ކަމަށެވެ.

"އަދީބު ދެއްކެވި ވާހަކަތަކުން އަޅުގަނޑު ހިތުގައި އެއްޗެއް ނެތް. މި މަގާމަށް އައުމަށް އަދީބަށް ވަކި ގޮތެއް ހެދުމަށް އަޅުގަނޑަށް އިރުޝާދު ދީފައި ނުވޭ. އަދި އިރުޝާދު ނުވެސް ދެވޭނެ." ފަނޑިޔާރު އާދަމް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ އަދީބުގެ މައްޗަށް މިހާރު ކުރާ ދައުވާތަކަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގުގެ މައްޗަށް ބިނާކޮށް ކުރާ ދައުވާތަކެއް ކަމަށެވެ. އަދި ތަހުގީގުގައި ފަނޑިޔާރު އާދަމް ބައިވެރިވެވަޑައިގެންފައިވޭތޯ ބެލުމަށް އޭސީސީ އަށް ސިޓީއެއް ފޮނުވާފައި ވާނެ ކަމަށާއި މިހާތަނަށް އައިއިރު، ސިޓީގެ ޖަވާބު ލިބިފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ފަނޑިޔާރު އާދަމް ވިދާޅުވީ ސިޓީ ލިބުމުން މި މައްސަލާގައި ކަން އޮތް ގޮތް ސާފުވާނެ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރޭވި ކަމުގެ ތުހުމަތުގަ އާއި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަތަކުގައި އަދީބު މިހާރު ވެސް ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އެތައް ތުހުމަތުތަކެއް ކުރެވޭ އަދީބާ ދެކޮޅަށް ގިނަ އަދަދެއްގެ ދައުވާތަކެއް ވަނީ އުފުލައިފަ އެވެ. އެ މައްސަލަތަކުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފަ އެވެ.