ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ހުކުމް ކުރުން އަވަސްކޮށްދޭން ފުލުހުންނާއި ސިފައިން އެ ކޯޓުގައި އެދުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ގޮވާއްލައްވައިފި އެވެ.
ސަލާމަތީ ޚިދުމަތްތަކަށް ޚާއްސަ ކުރެއްވި އޯޑިއޯ މެސެއްގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީ ދަމަހައްޓައި ނެގެހެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރަން ޖެހިފައިވާ ބަޔަކީ އެ ދެ މުއައްސަސާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި ސިޓީއަކުން މަޖިލީހުގެ އިދާރާ އަށް ފޮނުވުމުން، އެ ކޮމިޝަނުގެ ބަސް ގަބޫލުކޮށްފައިވާ ކަން ނަޝީދު ފާހަގަކުރެއްވި އެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލޭނީ ސުޕްރީމް ކޯޓުން ނިންމުމުން ކަމަށް ވަރަށް ސާފުކޮށް ގާނޫނުއަސާސީގައި ލިޔެފައިވާ ކަމަށް ނަޝީދު އެވެ. ގޮނޑި ގެއްލުނު ކަމަށް ނިންމި މެމްބަރުން މައްސަލަ ކޯޓަށް ވެއްދީ އެހެންވެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނާއި މަޖިލީހުގެ އިދާރާ އިން ކަނޑައަޅާފައި ވަނީ، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފްގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާންގެ އެވެ. މީގެ ތެރެއިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އަމީތާއި ސައުދާއި ވައްޑެ އަދި ލަތީފް އެވެ.
"ތިޔަބޭފުޅުންނަށް [ސިފައިންނާއި ފުލުހުންނަށް] ވެސް ވަރަށް ސާފުކޮށް، ގާތުން ފެނިވަޑައިގަންނަވާނެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް މިވަނީ އިންތިހާ އަށް ފާލުން ނެއްޓިފައި. ގާނޫނު ބުނާ ގޮތަށް މަޖިލީހުގެ ޖަލްސާއެއް ނުބޭއްވޭ،" ނަޝީދު ވިދާޅުވި އެވެ.
ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް މަޖިލީހުގެ ޖަލްސާއެއް ބާއްވަން 45 މެމްބަރަކު މަސައްކަތް ކުރެއްވުމުން އޭގެ ތެރެއިން 13 މެމްބަރަކަށް ޖިނާއީ ދައުވާ އުފުލާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް ޖަލުގައި ބަންދުކޮށްގެން ގެންގުޅެނީ ގާނޫނާ ޚިލާފަށް ކަމަށް ވެސް ވިދާޅުވި އެވެ.
އެއާއެކު، މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ތިން އަހަރުގެ ހުކުމެއް އިއްވީ ވެސް، ނަޝީދު ވިދާޅުވި ގޮތުގައި، ގާނޫނީ ހުރިހާ ހަމަތަކަކާ ހިލާފަށެވެ.
"މި ކަންކަމުގެ ސަބަބުން މައްސަލަ މިދަނީ ގޯހުން ގޯހަށް. 13 މެމްބަރުންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަސާސް ވެސް ގުޅިފައި ވަނީ ސުޕްރީމް ކޯޓުން ނިންމަން އޮތް ނިންމުމާ. ދިއްގަރު ދާއިރާގެ އިއްޒަތްތެރި މެމްބަރާއި މާމިގިލީ ދާއިރާގެ އިއްޒަތްތެރި މެމްބަރަށް އިއްވާފައިވާ ހުކުމް ވެސް ގުޅިފައި ވަނީ ސުޕްރީމް ކޯޓުން ނިންމަން އޮތް ނިންމުމާ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެ އަށް ދިމާވެފައިވާ ދަތި އުނދަގުލުން ސަލާމަތް ކުރެވޭނީ ސަލާމަތީ ޚިދުމަތްތަކާ ކަމަށެވެ. އެހެންވެ ފުލުހުންނާއި ސިފައިން ކޯޓަށް ގޮސް ހުކުމް އަވަސްކޮށްދޭން އެދެން ޖެހޭ ކަމަށް ވިދާޅުވި އެވެ.