އދ. ގައި ނެގި ވޯޓުގައި ރާއްޖެ ބައިވެރި ނުވުމަކީ ލަދުވެތި ކަމެއް: މައުމޫން

ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގަމުންދާ ގަތުލު އާންމުތައް ހުއްޓުވުމުގެ މައްސަލަ އދ. ގެ އެޖެންޑާގައި ހިމެނުމަށް އދ. ގައި އިއްޔެ ނެގި ވޯޓުގައި ރާއްޖޭން ބައިވެރިނުވުމަކީ ލަދުވެތި ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.


މިއަންމާގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ބޮޑު ގަތުލު އާންމެއް ހިންގަމުން ދަނިކޮށް އދ. ގައި އިއްޔެ ނެގި ވޯޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ގަތުލު އާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވުމުގެ މައްސަލަ އދ. ގެ 72 ވަނަ އާންމު ޖަލްސާގެ އެޖެންޑާގައި ހިމެނުމާ މެދު ނެގި ވޯޓެކެވެ. އެކަމަކު އެ ވޯޓުގައި ރާއްޖެ ބައިވެރިއެއް ނުވެ އެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއަންމާގެ މުސްލިމުންގެ ހިމާޔަތުގައި ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރަމުން ދާއިރު މުސްލިމް ގައުމެއް ކަމަށްވާ ރާއްޖެ އިން އެ ވޯޓުގައި ބައިވެރި ނުވުމަކީ ލަދުވެތި ކަމެއް ކަމަށެވެ. އިއްޔެ ނެގި ވޯޓަކީ މިއަންމާގެ މައްސަލަ އަށް ވަރަށް މުހިންމު ވޯޓެއް ކަމަށާއި އެ ވޯޓުގެ ސަބަބުން ގަތުލު އާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވަން ބާރު އެޅޭނެ ކަމަށް އެ ޓްވީޓްގައިވެ އެވެ.

"އަޅުގަނޑުމެންގެ ދައުލަތުގެ ބައެއް އިސް ވެރިންނަށް މިކަން ނޭނގުމަކީ ލަދުވެތި ކަމެއް،" މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

އެ މައްސަލަ އެޖެންޑާގައި ހިމަނަން ބޮޑު އަޣުލަބިއްޔަތަކުން ވަނީ ފާސްވެފަ އެވެ. އެ ވޯޓުގައި ރާއްޖެ ބައިވެރި ނުވުމުން އެކަމަށް ފާޑު ކިޔުން އަމާޒުވުމުން ފޮރިން މިނިސްޓްރީން ބުނެފައިވަނީ އެ ވޯޓަކީ މިއަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ގުޅޭ ވޯޓެއް ނޫން ކަމަށާއި އެ މައްސަލައިގައި ރޮހިންޖާގެ މައްސަލަ ނުހިމެނޭ ކަމަށެވެ. އަދި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންގެ މައްސަލައަކީ ރާއްޖެ އިން އަބަދުވެސް ކުށްވެރިކުރާ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.