ވޯޓުގައި ބައިވެރިނުވީ ޚާރިޖީ ސިޔާސަތު ވިކިފައިވާތީ: އިދިކޮޅު ކޯލިޝަން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ގަތުލު އާންމުތަކާ ދެކޮޅަށް އދ. ގައި އިއްޔެ ނެގި ވޯޓުގައި ރާއްޖެ ބައިވެރިނުވުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބޭރު ގައުމުތަކަށް ވިއްކާލެވިފައިވާ ކަމުގެ ހެއްކެއް ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.


ގަތުލު އާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވުމުގެ މައްސަލަ އދ. ގެ 72 ވަނަ އާންމު ޖަލްސާގެ އެޖެންޑާގައި ހިމެނުމަށް އދ. ގައި އިއްޔެ ނެގި ވޯޓުގައި ރާއްޖެ ބައިވެރިނުވި މައްސަލައިގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައްޗަށް ބޭރު ގައުމުތަކުގެ ނުފޫޒު އޮތްކަން އެކަމުން ފެނިފައިވާ ކަމަށެވެ. ޚާރިޖީ ސިޔާސަތު ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށްވިޔަސް އެ ބާރު ރާއްޖޭގައި މިހާރު ނެތް ކަން ދޭހަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެނިގެން މިދަނީ ދިވެހި ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިވަނީ ދިވެހިރާއްޖޭގެ އަތްމަތީގައި ނޫންކަން. ދިވެހިރާއްޖެ މިވަނީ ބޭރު ގައުމުތަކުން ބުނާ ގޮތް ހެދުމަށް ވިއްކާލެވިފައި ކަން، ދޮލަނގަށް ލައިގެން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ވިއްކަން މަސައްކަތް ކުރައްވައި، އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު ރާއްޖޭގެ މައްޗަށް ބަސް ކިޔަމުންދާ ތަން މި ފެނުނީ ބޭރު ގައުމުތަކުން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އެ ވޯޓުގައި ރާއްޖެ އިން ބައިވެރިނުވީ ޗައިނާގެ އެންގުމަކަށް ކަމަށް ބެލެވެ އެވެ. ޗައިނާއަކީ އެ ގަރާރާ ދެކޮޅަށް އދ. ގައި ވޯޓު ދިން ގައުމެކެވެ. އަދި ރާއްޖެ އޮތީ ޗައިނާ އަށް ދަރާފައި ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

"މި ގަރާރާ އިދިކޮޅަށް ވޯޓު ލާފައިވާ ގައުމުތަކަށް ބަލާއިރު އަޅުގަނޑުމެންގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިވުމުގެ ނަމުގައި އަޅުގަނޑުމެންގެ މައްޗަށް އިސްތިއުމާރީ ބާރު ފޯރުވަން މަސައްކަތް ކުރާ ގައުމެއް އެބައޮތް، ސާފު އިބާރާތުން ދަންނަވާ ނަމަ މިކަން ކޮށްފައި މިއޮތީ ޗައިނާ ސަރުކާރުގެ އެންގުމަކަށް ކަން އަޅުގަނޑުމެންނަށް މާނަ ކުރެވިދާ ގޮތަށް ދިވެހި ސަރުކާރުން އަމަލު ކޮށްފައި މިވަނީ،" ޝާހިދު ވިދާޅުވި އެވެ.

އިއްޔެ ނެގި ވޯޓަކީ ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި ނެގި ވޯޓެެއް ނޫން ކަމަށް ސަރުކާރުން ބުނެފައިވާ ބުނުމަށް ރައްދު ދެއްވައި، ޝާހިދު ވިދާޅުވި ގޮތުގައި އިއްޔެގެ ވޯޓަކީ އެ މައްސަލަ އދ. ގެ އެޖެންޑާގައި ހިމެނުމަށް ނެގި ވޯޓެއް ކަމަށެވެ. އެ މައްސަލަ އެޖެންޑާގައި ހިމެނުމަށް ވޯޓު ނުދިނުމަކީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ކަންކަމަށް ސަރުކާރުން ތަރުހީބު ދޭކަން ދޭހަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ރޮހިންޖާގެ މައްސަލަ ކަމަށް ވިޔަސް އަދި އެހެން ދަރިފަސްކޮޅެއްގެ މައްސަލަ ކަމަށް ވިޔަސް ހިނގަމުންދާ ޖަރީމާތަކުގެ ވާހަކަ ދައްކަން ވިޔަސް މި އެޖެންޑާ އައިޓަމްގެ ދަށުން އދ. ގައި އެ ވާހަކަ ދެއްކެން އޮތީ. ދެން އޮތް މަގު ބަންދު ކޮށްލުމުގައި ރާއްޖެ އިން ބައިވެރިވީ. އަދި ކުރައްވާފައި އެކަން ވެސް އޮޅުވާލައްވަން މި އުޅުނީ،" ޝާހިދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ ރޮހިންޖާ މުސްލިމުންނަށް ކުރަމުންދާ އަނިޔާއާ ދެކޮޅަށް ދިވެހި ރައްޔިތުން އެތައް ހަރަކާތެއް ހިންގަމުން ދަނިކޮށް ސަރުކާރުން އަމަލުކުރީ އެކަން ކުރަންޖެހޭ ގޮތަށް ނޫން ކަމަށެވެ. އަދި ސަރުކާރުން އެ ގޮތަށް އަމަލުކުރީ ވަކި ގައުމެއްގެ ނުފޫޒެއް އޮވެގެންތޯ ޔުމްނާ ސުވާލު އުފެއްދެވި އެވެ.

"ރޮހިންޖާ މުސްލިމުންނޭ ސީދާ ލިޔެފައި ނެތަސް، މި ވަގުތު ދުނިޔޭގެ ސަމާލުކަން ހުއްޓިފައި މިއޮތީ މިކަމަށް ދެއްތޯ. އެހެންވީމަ އެންމެ ފުރަތަމަ ދެކެވޭނީ މި ވާހަކަ ދެއްތޯ އެފަދަ މަޖިލީހެއްގައި." ޔުމްނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ކައުންސިލްގެ މެމްބަރު ޝިދާތާ ޝަރީފް ވިދާޅުވީ އެ ވޯޓުގެ މައްސަލަ އޮޅުވާލަން ސަރުކާރުން މަސައްކަތް ކުރިޔަސް ރައްޔިތުންނަށް އެކަމުގެ މައުލޫމާތު އެނގޭ ކަމަށެވެ. މިހާރު ރާއްޖެ އިން އަމަލުކުރަނީ ޒަމާނުއްސުރެ ރާއްޖޭގައި އޮތް ޚާރިޖީ ސިޔާސަތާ ދެކޮޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ވޯޓުގައި ބައިވެރިނުވި މައްސަލާގައި ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށް ފޮރިން މިނިސްޓްރީން ބުނެފައިވަނީ އެ ވޯޓަކީ ރޮހިންޖާ މުސްލިމުންގެ މައްސަލައާ ގުޅުންހުރި ވޯޓެއް ނޫން ކަމަށާއި ރޮހިންޖާގެ މައްސަލައަކީ ސަރުކާރުން އަބަދުވެސް ކުށްވެރިކުރާ ކަމެއް ކަމަށެވެ.