މައުމޫންގެ ވެރިކަމުގައި ހައްގަކާ ނުލައި އަޅުގަނޑު ބަންދުކުރި: އަބްދުއްރަހީމް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އޭނާ ހައްގަކާ ނުލައި ބަންދުކޮށް އަދަބު ދީފައިވާ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިރޭ އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައިފި އެވެ.


ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ އިންސާފުގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނުސީދާކޮށް ފާޑު ވިދާޅުވެފަ އެވެ.

އެގޮތުން އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި މައުމޫންގެ ވެރިކަމުގައި ހައްގަކާ ނުލައި އޭނާ އެތައް ދުވަހެއް ވަންދެން ބަންދުކޮށް، އަރުވާލި އެވެ. އަދި އެއީ ކޮން ކުށެއް އޮވެގެންތޯ އަބްދުއްރަހީމް ސުވާލު އުފެއްދެވި އެވެ. އޭނާ އޭރުގެ ފުލުސް ކޯޓަށް ގެންގޮސް، އަރުވާލަން ހުކުމް ކުރިއިރު އިންސާފުގެ ވާހަކަ އިދިކޮޅު ފަރާތްތަކުން މިހާރު ދައްކަން ނުޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"...ތިން މަހާއި 18 ދުވަހު ޖަލުގައި ބޭންދި. އެއް އަހަރާއި ދެ މަސް ދުވަހު ގޭ ބަންދުގައި ބެހެއްޓި. ބާރަ އަހަރާއި ފަސް މަހަށް އަރުވާލި. ކޮބައިތޯ އިންސާފަކީ؟. އޭރު ހުރި ފުލުސް ކޯޓު ކިޔާ ތަނަށް ގޮސްފައި ބުނަނީ މީނަގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ މިހެންމިހެން ވެގެންނޭ. ބަޔާނެއް ނެތް، ގަޒިއްޔާ ނަމްބަރެއް ނެތް،" މައުމޫންގެ ވެރިކަމުގެ ދުވަސްވަރު އަދުލުއިންސާފުގެ ދާއިރާ އިން ގެންގުޅުނު ނާއިންސާފު ކަންކަން އަމިއްލަ ތަޖުރިބާގެ އަލީގައި ހިއްސާ ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

"[ފުލުސް ކޯޓުން] ބުނަނީ 12 އަހަރާއި ފަސް މަސް ދުވަހަށް އަރުވާލަން ހުކުމް ކޮށްފީމޭ. ދެން މިއަދު ނުކުމެ ކޮން އިންސާފެކޭ އަޅުގަނޑުމެން ކައިރި ކިޔާނީ؟."

ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އަބްދުއްރަހީމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަކީ ސަރުކާރުގެ ތެރޭގައި ހިނގި ކޮރަޕްޝަންގެ ކަންކަން، ވެރިކަމުގައި ހުންނަވައިގެން ބެއްލެވި ހަމައެކަނި ރައީސް ކަމަށާއި ކުރީގެ ސަރުކާރުތަކުގައި ހިނގި ބޮޑެތި ކޮރަޕްޝަންތައް ބަލާފައި ނުވާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ މައުމޫންގެ ވެރިކަމުގައި ހިނގި ބޮޑު ކޮރަޕްޝަން ކަމަށްވާ އެފްޕީއައިޑީގެ މައްސަލަ އެވެ.

"ކޮބައިތޯ އެފްބީއައިޑީގެ މައްސަލަ؟. ތިމާގެ ޅިޔަނު [އިލްޔާސް އިބްރާހީމް] ވީމަ ކުރެވުނު އެއްކަމެއް ވެސް ނެތޭ. ބުނީ ފިލައިގެން ރައްކާވީއޭ، ތިމަންނާ އަކަށް ނޭނގެއޭ. ދައުލަތުގެ މަތިންދާބޯޓެއްގައި ފިލައިގެން ދިޔައީއޭ. އޭގެ ދެތިން ދުވަސް ފަހުން ފެނުނީ ހަނިމާދޫ އެއާޕޯޓް ހުޅުވި ރަސްމިއްޔާތުގައި ސްޓޭޖް މަތީގައި ބައިންދައިގެން އެވަރުގެ މީހަކު ނެތް ކަމަށް ތައުރީފް ކޮށްފައި ދެއްވީ ވަޒީރުކަން،" ރައީސް ޔާމީންގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން: އަބްދުއްރަހީމް ފާޑު ކިޔުން ނުސީދާކޮށް މައުމޫނަށް އަމާޒު ކުރެއްވި

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ކޯލިޝަނުން މަސައްކަތް ކުރަނީ ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ ހެދިއިރު އޭރުގެ މަޖިލިސް ތެރޭގައި އަމަލުކުރި ގޮތަށް ކަންކަން ކޮށް، ވަކި ބަޔަކަށް ވީތީ ވަކި ގޮތެއް ހެދުމަށެވެ. އެކަން އެގޮތަށް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި ގާނޫނުއަސާސީއާ ޚިލާފަށް ރައީސް ޔާމީން ކުރެއްވި އެއްވެސް ކަމެއް އިދިކޮޅު ކޯލިޝަނަށް ނުދެއްކޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާ ކުރިއަށް ގެންދާއިރު، ރައީސް ޔާމީން މޮބައިލް ފޯނުން އެއްޗެއް ވިދާޅުވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"ހަމަ ވަރަށް ބާރު ލާފައި މި ބުނަނީ އަނިޔާވެރިކަމޭ. ކޮބައިތޯ އަނިޔާވެރި ކަމަކީ؟. މި އިމާރާތް އެޅުންތޯ އަނިޔާވެރި ކަމަކީ؟. ހުޅުމާލެ އާއި މާލެއާ ދެމެދު ބްރިޖެއް އަޅާތީތޯ އަނިޔާވެރިވީ؟،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ދީނީ އިލްމުވެރިން ތެދުވަން ޖެހޭނެ ކަމަށާއި އެހެން ދީންތައް ގެނައުމުގެ ފުރުސަތު އޮތްތޯ ބެއްލެވީ ވެސް ނަޝީދު ކަމަށެވެ. ނަޝީދަކީ "ވަގަށް ލައިސެންސް ނަގައިގެން" ވެރިކަމަށް ވަޑައިގަތް ބޭފުޅެއް ކަމަށް ވިދާޅުވެ، ފަލާހް ވިދާޅުވީ ވެރިކަން ނުކުރެއްވޭނެ ކަން ނަޝީދު މިހާރު ގަބޫލުފުޅު ކުރައްވައިފި ކަމަށެވެ.

ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި މެމްބަރު ފަލާހް ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު އޮތްތޯ ބަލަން ސިޓީއެއް ނުފޮނުވާތޯ؟ މަޖީދު ބާރީ އެހެން ވިދާޅުވީ. މަޖީދު ބާރީ މިހާރު ޕޯޑިއަމްތަކަށް އަރާ އެބަ ވާހަކަ ދައްކާ. މިހާރު ބަރާބަރު. އަޅުގަނޑުމެންނަކަށް ނޭނގެ މިވާ ގޮތެއް." ފަލާހް ވިދާޅުވި އެވެ.

އެމްޑީޕީއަކީ ނުރައްކާތެރި "ބައްޔެއް" ކަން ސިފަ ކުރައްވަމުން ފަލާހް ވިދާޅުވީ އެ ބައްޔަށް އޮތް ފަރުވާއަކީ ޕީޕީއެމް ކަމަށެވެ. އެ ބަލި ވަރަށް ބޮޑަށް ފަސޭހަ ކުރެވިފައިވާ ކަމަށް ވިދާޅުވެ، އޭނާ ވިދާޅުވީ ޕީޕީއެމްގެ އަސްލު މެމްބަރުންގެ އަދަދު ނެރެފި ނަމަ މާލެ ފުރާލާނެ ކަމަށެވެ.