އެއް އިދާރާއަކުން މީޑިއާތައް ބެލެހެއްޓުމާ ގުޅޭ ބިލެއް މަޖިލީހަށް ފޮނުވައިފި

ދައުލަތުގެ އެއް މުއައްސަސާއަކުން މީޑިއާ ބެލެހެއްޓުމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.


ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލުގެ ފުރަތަމަ ކިޔުން އަންނަ އަންގާރަ ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ. ނަމަވެސް އެ ބިލާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދިއެއް ނޭނގެ އެވެ.

ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި އާ ބިލުގެ ނަތީޖާ އަކަށް ވާނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވިގެން ދިއުން ކަމަށެވެ. އޭގެ ބަދަލުގައި އުފައްދަނީ ހުރިހާ މީޑިއާތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށްޓަކައި "މޯލްޑިވްސް މީޑިއާ ކޮމިޝަން" އެކެވެ.

މިހާރު އަމަލުކުރާ ގޮތުން ނަމަ، ބްރޯޑްކާސްޓަރުން ރެގިއުލޭޓްކޮށް، ބަލަހައްޓަނީ ބްރޯޑްކާސްޓިން ކޮމިޝަނުންނެވެ. ޕްރިންޓް އަދި އޮންލައިން މީޑިއާތަކުގެ ބެލެނިވެރި ފަރާތަކީ މީޑިއާ ކައުންސިލް އެވެ. އެ ދެ މުއައްސަސާ ވެސް ހިންގަނީ ވަކި ގާނޫނެއްގެ ދަށުންނެވެ.

މީޑިއާ ކޮމިޝަންގެ ބިލް މަޖިލީހަށް ފޮނުވީ މީޑިއާތައް އެއް އިދާރާއަކުން ބެލެހެއްޓުމުގެ ބޭނުމުގައި ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާން ވިދާޅުވި އެވެ. ނަމަވެސް އެބިލުގައި މައިގަނޑު ގޮތެއްގައި ހިމެނޭ ކަންތައްތަކުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މީޑިއާ ކައުންސިލު އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ އަށް މެންބަރުންނާއި އާންމުންގެ ތެރެއިން އިންތިޚާބު ކުރެވޭ ހަތް މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ. މީޑިއާ ކައުންސިލަކީ ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ޝަޙްސެކެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބްރޯޑްކާސްޓަރުން ހާއްސަކޮށް، ޓީވީތަކާއި ރޭޑިއޯތައް ރެގިއުލޭޓް ކުރުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ޒިންމާދާރުކަމާއި ހަމަހަމަކަމާއެކު ދަމަހައްޓައި އާލާކޮށްދިނުން ހިމެނެ އެވެ. އެ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރާނީ މަޖިލީހުންނެވެ.

މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލަން ސަރުކާރުން ނިންމިއިރު، މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕީޕީއެމްގެ ބައެއް މެމްބަރުން ކުރިން ވަނީ މީޑިއާ ކައުންސިލާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އަދި މާލިއްޔަތު ކޮމެޓީން ވަނީ މީޑިއާ ކައުންސިލަކީ އޮންނަން ޖެހޭ ތަނެއް ނޫން ކަމަށް އެ ކޮމެޓީގައި މަޝްވަރާކޮށް ރިޕޯޓެއް ވެސް ނެރެފަ އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދު، މާލިއްޔަތު ކޮމެޓީގައި ދާދި ފަހުން ވިދާޅުވި ގޮތުގައި އެއް މަސައްކަތެއް ކުރާ ދެ ތަން އޮތުމުގެ މާނައެއް ނެތެވެ. މީޑިއާ ކައުންސިލް އޮވެގެން ކުރެވެނީ ކޮން ކަމެއް ކަން އެނގިވަޑައިނުގަންނަވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.