މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެމްބަރުންގެ މެދުގައި ހޫނު ބަހުސެއް މިއަދު ހިނގައިފި އެވެ.

އަބުރުގެ ގާނޫނު ވުޖޫދުވުމާ އެކު މީޑިއާ ކައުންސިލުން ކުރަން ޖެހޭ މަސައްކަތްތައް އިތުރުވެފައިވާ ކަމަށާއި އެކަމަށް އެކަށީގެންވާ ބަޖެޓެއް ނެތް ކަމަށް ބުނެ، މާލިއްޔަތު ކޮމެޓީގެ މެމްބަރުންނާ ބައްދަލުކުރަން އެ ކައުންސިލުން ވަނީ ސިޓީއަކުން ކޮމިޓީގައި އެދިފަ އެވެ.

މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ރިޔާޒް - ފޮޓޯ: ނިޝާން އަލީ/ މިހާރު
މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ރިޔާޒް - ފޮޓޯ: ނިޝާން އަލީ/ މިހާރު

މީޑިއާ ކައުންސިލަށް އެންމެ ބޮޑަށް ފާޑުވިދާޅުވީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދެވެ. އޭނާ ވިދާޅުވީ މީޑިއާ ކައުންސިލް އޮވެގެން، އެ ކައުންސިލަށް ކުރެވެނީ ކޮން ކަމެއް ކަން މިހާތަނަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އެހެންކަމުން މީޑިއާ ކައުންސިލަކީ އޮންނަން ޖެހޭ ތަނެއް ނޫން ކަމަށް އެ ކޮމެޓީގައި މަޝްވަރާކޮށް ރިޕޯޓެއް ވެސް ނެރެފައި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއް މަސައްކަތެއް ކުރާ ދެ ތަން [ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް] އޮތުމުގެ މާނައެއް ނެތް. ދައުލަތުގެ ބަޖެޓުގެ ހަރަދު ކުޑަކުރާ ވާހަކަ މި ދައްކަނީ. އެގޮތަށް އެ ވާހަކަ ދައްކާ ނަމަ، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނެއް އެބަ އޮތް. އެ ތަން އުފެއްދުމުގެ ބޭނުމަކީ މިހެން ހުރި ހުރިހާ ތަނެއް އެއްކޮށްލައިގެން މަސައްކަތް ކުރުމުގެ ވިސްނުން،" ރިޔާޒް ވިދާޅުވި އެވެ.

މިހާރު އޮތް ގޮތުން ބްރޯޑްކޮމް އިން ބަލަނީ ޓީވީ އާއި ރޭޑިއޯއާ ގުޅޭ ކަންކަމެވެ. އެމްއެމްސީން މައިގަނޑު ގޮތެއްގައި ކުރަމުން އަންނަނީ އޮންލައިން ނޫސްތަކާއި ޗާޕްކޮށްގެން ނެރޭ މީޑިއާގެ ވަސީލަތްތަކާ ގުޅޭ ކަންކަން ބެލުމުގެ މަސައްކަތެވެ.

ބްރޯޑްކޮމް އަށް މެމްބަރުން އައްޔަން ކުރަނީ ރައްޔިތުންގެ މަޖިލިހުންނެވެ. އެކަމަކު އެމްއެމްސީ އެކުލެވިގެން ވަނީ މީޑިއާތަކުން އިންތިހާބުކުރާ ހަތް މެމްބަރުންނާއި އާންމުންގެ ތެރެއިން އިންތިހާބުކުރާ ފަސް މެމްބަރުންގެ މައްޗަށެވެ. އިންތިހާބުގައި ވޯޓު ލެވެނީ ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކަށް އެކަންޏެވެ.

ރިޔާޒު ވިދާޅުވީ މީޑިއާ ކައުންސިލުގައި ތިބެނީ މީޑިއާތަކުގެ މީހުން ކަމަށާއި ނޫސްވެރިންގެ މައްސަލަތަކުގައި އެ ކައުންސިލްގެ ނިންމުންތައް ރަނގަޅު ނޫން ކަމަށެވެ. އަދި ރައްޔިތުން އެ ނިންމުންތައް ބަލައިނުގަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި މީޑިއާ ކައުންސިލް ހިނގަނީ ޖަމިއްޔާއެއްގެ ގޮތަށެވެ.

"މިހާރު މި ތަން އެކުލަވާލެވިފައި އޮތް ގޮތުން މީޑިއާ ކައުންސިލުން މިކަން އެންމެ ރަނގަޅަށް ކުރެވޭ ކަމަކަށް އަޅުގަނޑުމެންނަށް ގަބޫލުނުކުރެވިގެން މިއުޅެނީ،" ރިޔާޒް ވިދާޅުވި އެވެ.

މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ފައިސަލް ވާހަކަ ދައްކަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ފައިސަލް ވާހަކަ ދައްކަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ އެންމެ ފަހުން ވިދާޅުވީ މާލިއްޔަތު ކޮމިޓީގެ މެމްބަރުންނާ ބައްދަލުކޮށްގެން މީޑިއާ ކައުންސިލަށް ވެދެވިދާނެ އެހީއެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓް ހުށަހަޅާ އިރު ބަޖެޓް ކޮމިޓީއާ ބައްދަލުކުރަން އޭނާ އެދިވަޑައިގަތެވެ.

ރިޔާޒުގެ ވާހަކަތަކަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްގަފޫރު މޫސާ އާއި ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު ފައިސަލް ނަސީމް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ގަފޫރު ވިދާޅުވީ މީޑިއާ ކައުންސިލަކީ ވެސް ދައުލަތުގެ މުއައްސަސާއަކަށް ވާއިރު އެކަށީގެންވާ ބަޖެޓެއް ނުލިބޭ ނަމަ، މާލިއްޔަތު ކޮމެޓީއާ ބައްދަލުކުރުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށެވެ. އަދި މިނިވަން މުއައްސަސާތައް ގިނަވެގެން މަޖިލީހުންނާއި ސަރުކާރުން އެ ތަންތަން މަދުކުރަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވީމަ އުފައްދާފައި ހުރި ތަނެއްވެއްޖެ ނަމަ، އެތަނަށް ލިބޭ ގާނޫނީ ހައިސިއްޔަތާއި އެބޭފުޅުން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާ އަދާކުރުމުގައި އެންމެހާ މަސައްކަތްތަކެއް ކޮށްދެން ޖެހޭ،" ގަފޫރު ވިދާޅުވި އެވެ.

މީޑިއާ ކައުންސިލްގެ ބައެއް ބޭފުޅުން ނޫސްވެރިންގެ ބައްދަލުވުމެއްގައި. --ފޮޓޯ:ނިޝާން އަލީ/މިހާރު
މީޑިއާ ކައުންސިލްގެ ބައެއް ބޭފުޅުން ނޫސްވެރިންގެ ބައްދަލުވުމެއްގައި. --ފޮޓޯ:ނިޝާން އަލީ/މިހާރު

ފައިސަލް ވިދާޅުވީ މީޑިއާ ކައުންސިލްގެ ނިންމުންތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ބައެއް މެމްބަރުން އުޅުއްވާ ކަމަށެވެ. އެކަމަކު މިނިވަން މުއައްސަސާތަކުން ފޮނުވާ ސިޓީތައް އަނބުރާ ފޮނުވާލަން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ މަޖިލީހުގެ ޖަލްސާއެއް ވެސް، ކޮމިޓީއެއް ވެސް ބޭއްވޭ ބައެއް ނޫން. އެހެންކަމަށް ވާ ނަމަ، ދައުލަތުގެ ޒިންމާތައް ހަވާލުކޮށްފައި އޮންނަ އެއްވެސް ފަރާތަކުން ބައްދަލުކޮށްލަން އެދޭ ހިނދު އެކަން ކޮށްދޭން ޖެހޭ،" ފައިސަލް ވިދާޅުވި އެވެ.

ދެ މެމްބަރުންގެ ވާހަކަތަކާ ގުޅިގެން ރިޔާޒް ވިދާޅުވީ މިނިވަން މުއައްސަސާތަކުން ދާން ޖެހޭ ކޮމެޓީއަކީ ކޮބައިކަން މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ. ދެން ރިޔާޒު ދެއްކެވީ މުޅިން އެހެން ވާހަކަތަކެވެ. އެގޮތުން "ބަޣާވާތް ހިންގައިގެން ސަރުކާރު ވައްޓާލަން ނިކުތީމަ ހައްޔަރުކުރާނެ" ކަމަށް ވިދާޅުވި އެވެ.

އެ ވާހަކައަށް ރައްދު ދެއްވަމުން ފައިސަލް ސުވާލުކުރެއްވީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކުގައި ކިތަންމެ ވާހަކަތަކެއް ލިޔެފައި ހުންނައިރު، އެއަށް އަމަލު ކުރޭތޯ އެވެ.

އެ ބަހުސްތަކުގައި ފައިސަލް އާއި ގަފޫރު އެންމެ ފަހުން ވަނީ ކޮމިޓީ ދޫކުރައްވައި ނުކުމެވަޑައިގެންފަ އެވެ.

މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ނިންމަވާލައްވަމުން ކޮމެޓީގެ މުގައްރިރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ވިދާޅުވީ މީޑިއާ ކައުންސިލުގެ ކަންބޮޑުވުންތައް ތަފްސީލުކޮށް ލިޔުމަކުން ހުށަހަޅަން އެދި މާލިއްޔަތު ކޮމެޓީން އެމްއެމްސީއަށް އެދޭނެ ކަމަށެވެ.